އެސްޓީއޯ އިން ޕެޓްރޯލާއި ޑީސަލްގެ އަގުތައް ކުޑަކޮށްފި އެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ޝަހީރު ވިދާޅުވީ، އެސްޓީއޯ އިން ވިއްކާ ޑީސަލް ލީޓަރަކުން 51 ލާރި އަގު ހެޔޮވެފައިވާ އިރު ފެޓްރޯލުން 30 ލާރި މިއަދުން ފެށިގެން ހެޔޮކުރެވިފައިވާ ކަމަށެވެ. މި ފަދަ ބަދަލެއް ގެނެވުނީ ތެލުގެ ބާވަތްތަކުގެ ޑިއުޓީ ފަސް ޕަސެންޓަށް ކުޑަ ކުރުމަށް މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ އެ ބިލް ތަސްދީގު ކުރުމާ ގުޅިގެން ކަމަށް ޝަހީރު ވިދާޅުވި އެވެ.
މަޖިލީހުން މި އިސްލާހު ފާސްކޮށްފައިވަނީ 73 މެންބަރުންގެ އިއްތިފާގުންނެެވެ. އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި މި އިސްލާހަށް އިިދިކޮޅު ފަރާތްތަކުން ވެސް ވަނީ އިސްލާހު ހުށަހަޅާފަ އެވެ. އެގޮތުން، ޕެޓްރޯލާއި ޑީސަލުން ނަގާ ޑިއުޓީ ސުން ޕަސެންޓް ބަދަލު ކުރުމަށް ހުށަހެޅި އެވެ. އެ އިސްލާހު މަޖިލީހުން ފާހެއް ނުވެ އެވެ.
ޝަހީރު ވިދާޅުވީ ތެލުގެ ރޭޓަށް ގެެނެވުނު މި ބަދަލުތަކާއި އެކު އެސްޓީއޯ އިން ސްޓެލްކޯ އަށާއި ފެނަކާއިގެ އިތުރުން މަސްވެރިންނަށް ހާއްސަ ރޭޓުތަކެއް ކަނޑައަޅާފައިވާ ކަމަށެވެ. އެސްޓީއޯ އިން މިހާރުވަނީ ފެނަކައިގެ ހުރިހާ ބްރާންޗްތަކަށްވެސް ތެޔޮފޯރުކޮށްދޭން ފަށާފަ އެވެ.
އެސްޓީއޯ އިން ގެނެވުނު މި ބަދަލާއެކު ޑީސަަލް އަދި ޕެޓްރޯލް ލީޓަރެއް ލިބެން ހުންނަނީ ޕެޓްރޯލް 8.65ރ. އަށް އަދި ޑީސަލް 8.45ރ. އަށެވެ.
ފިއުލް ސަޕްލައި ކުރުމުގެ މަސައްކަތުގައި އެސްޓީއޯ އިން ވިޔަފާރި ކުރާ އިރު ފޮނަދޫގައި ގާއިމްކޮށްފައިވާ ތެޔޮ ރައްކާ ކުރުމުގެ ނިޒާމުގެ ތެރެއިން 15000 މެޓްރިކް ޓަނުގެ ތެޔޮ ރައްކާކުރެވޭނެ އެވެ. ފޮނަދޫގައި ތެޔޮރައްކާ ކުރުމުގެ މަސައްކަތް އެސްޓީއޯ އިން ފަށާފައިވަނީ 2002 ވަނަ އަހަރު އެވެ.
މީގެ އިތުރުން އައްޑޫ ސިޓީ ގަމުގައިވެސް ތެޔޮ ރައްކާ ކުރުމުގެ ނިޒާމު ވަނީ ގާއިމް ކޮށްފަ އެވެ. އެތަނުގައި 1000 ޓަނު ޑީސަލާއި 120 ޓަނުގެ ޕެޓްރޯލް އަދި 10 ޓަނުގެ ކަރާސީނު ތެޔޮ ރައްކާކުރެވެ އެވެ.