ކ. މާލެ
|
28 އޯގަސްޓް 2022 | އާދީއްތަ 21:31
ބަޔާންއާއި މުންޗެންގްލަޑްބެކް ބައްދަލުކުރި މެޗުގެތެރެއިން
ބަޔާންއާއި މުންޗެންގްލަޑްބެކް ބައްދަލުކުރި މެޗުގެތެރެއިން
ގެޓީ އިމޭޖަސް
ބުންޑެސްލީގާ
ބަޔާންއާ އެއްވަރުކުރި މެޗުގައި މުންޗެންގްލަޑްބެކްގެ ކީޕަރު ރެކޯޑެއް ހަދައިފި
 
މެޗު ނިމުނީ 1-1ން އެއްވަރުވެގެން
 
ޔެން ސޮމާ ވަނީ ބަޔާންގެ 19 ހަމަލާއެއް ގޯލަށް ވަނަނުދީ ހުއްޓުވާފައި

ޖަރުމަނު ބުންޑެސްލީގާގައި ބަޔާން މިއުނިކާ އެއްވަރުކުރި މެޗުގައި ބޮރޫޝީޔާ މުންޗެންގްލަޑްބެކްގެ ގޯލް ކީޕަރު ޔެން ސޮމާ ރެކޯޑު އަދަދަކަށް ހަމަލާ ހުއްޓުވައިފިއެވެ.

ބަޔާންގެ އެލިއެންޒް އެރީނާގައި ކުޅުނު މި މެޗު ނިމުނީ 1-1ން އެއްވަރުވެގެންނެވެ. މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ މުންޗެންގްލަޑްބެކްއިންނެވެ. ފުރަތަމަ ހާފުގެ 43 ވަނަ މިނެޓުގައި މުންޗެންގްލަޑްބެކްގެ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މާކަސް ތުރަމްއެވެ. ބަޔާންއިން ގިނަ ހަމަލާތަކެއް އުފައްދައި ނަތީޖާ ހަމަހަމަކުރީ ދެވަނަ ހާފުގެ 83 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ ލެރޮއީ ސާނޭއެވެ.

މި މެޗުގައި ބަޔާންއިން ގިނަ ހަމަލާތަކެއް އުފެއްދިއިރު، މުންޗެންގްލަޑްބެކްގެ ކީޕަރު ޔެން ސޮމާ ވަނީ މުބާރާތުގެ ރެކޯޑު އަދަދަކަށް، އެއް މެޗެއްގައި ބޯޅަ ގޯލަށް ވަނަނުދީ ސަލާމަތް ކޮށްފައެވެ. ބަޔާންއިން މި މެޗުގައި މުންޗެންގްލަޑްބެކްގެ ގޯލާ އަމާޒުކޮށް 20 ހަމަލާ ފޮނުވާލިއެވެ. އޭގެ ތެރެއިން 19 ހަމަލާއެއް ސްވިޒަލެންޑުގެ ކީޕަރު ޔެން ސޮމާ ވަނީ ދިފާއުކޮށްފައެވެ.

މީގެ ކުރިން މި މުބާރާތުގެ އެއް މެޗެއްގައި އެންމެ ގިނަ ބޯޅަ ހުއްޓުވާފައިވަނީ ހެމްބާގްގެ ކީޕަރު އަލެކްސަންޑަ ޝްވޯލޯވްއެވެ. އަލެކްސަންޑަ ޝްވޯލޯވްވެސް ރެކޯޑު ހަދާފައިވަނީ ބަޔާންއާއި ދެކޮޅަށް ކުޅުނު މެޗެއްގައެވެ. މިއަހަރުގެ ކުރީކޮޅު ބަޔާން އަތުން 4-1ން ހެމްބާގް ބަލިވި މެޗުގައި އަލެކްސަންޑަ ޝްވޯލޯވް ވަނީ 14 ސޭވް ކޮށްފައެވެ.

މި ނަތީޖާއާއެކު ލީގު ތާވަލުގެ އެއްވަނާގައި ބަޔާން އޮތީ ތިން މެޗުން މޮޅުވެ، އެއް މެޗުން އެއްވަރުވުން ލިބުނު 10 ޕޮއިންޓާއެކުއެވެ. މުންޗެންގްލަޑްބެކް އޮތީ ތާވަލުގެ ހަވަނާގައެވެ. އެޓީމު ވަނީ ކުޅުނު ދެމެޗު ކާމިޔާބުކޮށް ދެމެޗުން އެއްވަރުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
33%
0%
0%
0%
67%
ކޮމެންޓް