Advertisement
ކ. މާލެ
|
18 ޖޫން 2017 | އާދީއްތަ 10:34
އެމްއެމްޕީއާރުސީގެ އޮފީސް
އެމްއެމްޕީއާރުސީގެ އޮފީސް
ސަން
އެމްއެމްޕީއާރުސީގެ ހިޔާނަތް
ބޮޑު ހިޔާނާތުގެ ރިޕޯޓް ނެރޭނީ މައްސަލަ ޕީޖީން ބަލައިގަތުމުން: އޭސީސީ
އޭސީސީގެ ރައީސް ލުތުފީ ވިދާޅުވީ ކުރާނެ އިތުރު ދިރާސާއެއް ނެތް ކަމަށް
އެ ރިޕޯޓްގައި 800 އެއްހާ ގަނޑު ހިމެނޭ
އެމްއެމްޕީއާރުސީގެ މައްސަލައިގައި ތުހްމަތު ގިނަ ބަޔަކަށް

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޮޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ތެރެއިން ހިންގާފައިވާ ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތަކުގެ ރިޕޯޓް މިހާރު ވަނީ ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވާފައި ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް ހަސަން ލުތުފީ ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރުސީގެ ރިޕޯޓާ ގުޅޭގޮތުން އާދިއްތަ ދުވަހު "ރާއްޖެއެމްވީ"އަށް މައުލޫމާތު ދެއްވަމުން ލުތުފީ ވިދާޅުވީ އޭސީސީން މިހާރު އަމަލު ކުރަމުންދާ އުސޫލުގެ ތެރެއިން އެ ރިޕޯޓާމެދު ވެސް އަމަލު ކުރަމުންދާ ކަމަށެވެ. އެގޮތުން އެ ރިޕޯޓް މިހާރުވަނީ ޕީޖީ އެފީހަށް ފޮނުވާފައި ކަމަށާއި އެ ރިޕޯޓް ޕީޖީ އޮފީހުން ދިރާސާ ކުރަމުންދާ ކަމަށެވެ.

ޕީޖީ އޮފީހުން ރިޕޯޓް ދިރާސާ ކުރުމަށްފަހު، އެ ރިޕޯޓް އެ އޮފީހަށް ބަލައިގަތުމާއެކު ރިޕޯޓް އާއްމު ކުރާނެ ކަމަށްވެސް ލުތުފީ ވިދާޅުވި އެވެ.

އެ މައްސަލަ ވަނީ ޑިޔުޓީ ޕްރޮސިކިޔުޝަން މަރުހަލާގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ މަރުހަލާގެ ބޭނުމަކީ އޭސީސީއިން ކޮށްފައިވާ ތަހުގީގު އެންމެ ފުރިހަމަ ތަފްސީލް ޕީޖީ އޮފީހަށް ދިނުން ކަމަށާއި އޭގެ ސަބަބުން މައްސަލަ އަނބުރާ އޭސީސީ އަށް ފޮނުވަން ނުޖެހޭނެ ކަމަށް ލުތުފީ ވިދާޅުވިއެވެ.

ރިޕޯޓް އާއްމު ކުރުން ލަސްވާ ސަބަބާ ގުޅޭ ގޮތުން ލުތުފީ ވިދާޅުވީ އެއީ މީގެ ކުރިން ތަހުގީގު ކުރި އެހެން މައްސަލަތަކާއި ތަފާތު މައްސަލައެއް ކަމަށެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ގިނަ ބައެއްގެ މައްޗަށް ތުހުމަތު ކުރެވޭއިރު، ރިޕޯޓްގައިވެސް 800 އެއްހާ ގަނޑު ހިމެނޭ ކަމަށް ލުތުފީ ވިދާޅުވި އެވެ.

"އެހެންކަމުން ރިޕޯޓް ދިރާސާކުރަން ވެސް ވަގުތު ބޭނުންވާނެ،" ލުތުފީ ވިދާޅުވި އެވެ.

އޭސީސީގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓް ނެރުމަށް މާޗް މަހުގެ 9 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ލުތުފީ ވަނީ އޭޕްރީލް މަހުގެ ތެރޭގައި ބޮޑު ޚިޔާނާތުގެ ތަހުގީގު ރިޕޯޓް ނެރޭނެ ކަމަށް ވިދާޅުވެފަ އެވެ. ހަމަ އެގޮތަށް 2015 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ނެރުމަށް މިދިޔަ އަހަރު ބޭއްވި ރަސްމިއްޔާތުގައި ވެސް އެމްއެމްޕީއާރުސީގެ ރިޕޯޓްވަރަށް ނެރޭނެ ކަމަށް ލުތުފީ ވިދާޅުވި އެވެ.

އެމްއެމްޕީއާރްސީން 1.22 ބިލިއަން ރުފިޔާ ޚިޔާނާތްތެރިވެފައިވާކަން އޮޑިޓަރ ޖެނެރަލް ނެރުއްވި ރިޕޯޓުން ހާމަވި އެވެ. ނަމަވެސް، ޚިޔާނާތްތެރިވި ފައިސާގެ އަދަދު ތިން ބިލިއަނާއި ހަތަރު ބިލިއަނާއި ދޭތެރޭ އަދަދަކަށް އަރާނެ ކަމަށާއި އެއީ ނުއަގުގައި ގިނަ ފަޅުރަށްރަށާއި ފަޅުތައް ވިއްކާފައިވާތީ ކަމަށް ރާއްޖޭގެ އިގްތިޞާދު ދިރާސާ ކުރާފަރާތްތަކުން ބުނެއެވެ.

އެމްއެމްޕީއާރުސީން ހިޔާނަތްވި ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައިވާ ފައިސާއިން  އަމިއްލަ އެކައުންޓްތަކަކަށް 65.01 މިލިއަން ޑޮލަރު (އެއް ބިލިއަން ރުފިޔާ) ޖަމާކޮށްފައި ވެއެވެ. ޑޮލަރު ގަނެ ވިއްކުމުގެ މުއާމަލާތްތަކުން 6.31 މިލިއަން ޑޮލަރު (97.3 މިލިއަން ރުފިޔާ) އަށް ޚިޔާނާތްތެރިވެފައި ވެއެވެ. އަމިއްލަ ކުންފުނިތަކަށް ލޯނުގެ ގޮތުގައި 6.15 މިލިއަން ޑޮލަރު (94.8 މިލިއަން ރުފިޔާ) ދީފައިވާއިރު، ވަކި ކަމެއް ނޭނގޭ ގޮތަށް އަމިއްލަ ކުންފުނިތަކަށް 1.90 މިލިއަން ޑޮލަރު (29 މިލިއަން ރުފިޔާ) ދީފައިވެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް