ކ. މާލެ
|
27 އޯގަސްޓް 2022 | ހޮނިހިރު 22:11
ހިމްނާއާއި ސާއިދު
ހިމްނާއާއި ސާއިދު
މިހާރު
މައިލޯ އެސޯސިއޭޝަން ޗެމްޕިއަންޝިޕް
އެންމެ މޮޅު އެތުލީޓުގެ މަގާމު ސާއިދުއާއި ހިމްނާއަށް
 
މި ދެ އެތުލީޓުންވެސް ވަނީ ބައިވެރިވި ހުރިހާ އިންޑިވިޖުއަލް އިވެންޓެއްގައި ރަން މެޑަލް ހޯދާފައި

މިދިޔަ ބުރާސްފަތި ދުވަހު ފެށި މައިލޯ އެސޯސިއޭޝަން ޗެމްޕިއަންޝިޕުގެ އެންމެ މޮޅު އެތުލީޓުންނަށް ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދުއާއި އާއިޝަތު ހިމްނާ ހަސަން ހޯދައިފިއެވެ.

މުބާރާތުގެ އޯޕަން ބައިގެ އެންމެ މޮޅު އެތުލީޓަކަށް ހޮވުނު ސިފައިންގެ ކްލަބުގެ ސާއިދު ވަނީ އޭނާ ބައިވެރިވި ހުރިހާ އިންޑިވިޖުއަލް އިވެންޓަކުން ރަން މެޑަލް ހާސިލްކޮށްފައެވެ. ސާއިދު ބައިވެރިވި 100 މީޓަރު، 200 މީޓަރު އަދި 400 މީޓަރު ދުވުމުގައިވެސް އޭނާ ވަނީ އެއްވަނަ ހޯދާފައެވެ. މީގެ އިތުރުން ހަތަރެއް ގުނަ 400 މީޓަރު ޓީމް ރިލޭގައިވެސް ސާއިދު ހިމެނޭ ސިފައިންގެ ކްލަބު ވަނީ ރަން މެޑަލް ހޯދާފައެވެ.

އަންހެން އެންމެ މޮޅު އެތުލީޓުގެ މަގާމު ހޯދި ކްލަބް ރާވެރިޔާގެ ހިމްނާވެސް ވަނީ އޭނާ ބައިވެރިވި ހުރިހާ އިންޑިވިޖުއަލް އިވެންޓެއްގައި ރަން މެޑަލް ހޯދާފައެވެ. ހިމްނާ ވާދަކުރީ އަންހެނުންގެ 100 މީޓަރު، 200 މީޓަރު އަދި 400 މީޓަރު ދުވުމުގައެވެ.

މުބާރާތުގެ 15 އަހަރުން ދަށުގެ އެންމެ މޮޅު އަންހެން އެތުލީޓަކީ ހިތަދޫ ސްކޫލްގެ ފާތިމަތު ދާނާ ސައީދުއެވެ. މި އުމުރުފުރާގެ އެންމެ މޮޅު ފިރިހެން އެތުލީޓަކަށް ހޮވުނީ އިސްކަންދަރު ސްކޫލުގެ ޔޫސުފް އަަޔާން އާމިރުއެވެ. 15 އަހަރުން ދަށުގެ އުމުރުފުރާގެ އެންމެ މޮޅު އަންހެން ޓީމަކީ ދަ ބްލެކް މަރލިންއެވެ. އެންމެ މޮޅު ފިރިހެން ޓީމަކީ އިސްކަންދަރު ސްކޫލެވެ. އޯޕަން އަންހެން ޗެމްޕިއަން ޓީމަކީ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންއެވެ. އޯޕަން ފިރިހެން ޗެމްޕިއަން ޓީމަކީ ދިވެހި ސިފައިންގެ ކްލަބެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
100%
ކޮމެންޓް