ޖަޕާނުގެ ކުރީގެ ބޮޑު ވަޒީރު ޝިންޒޯ އަބޭ އަވަހާރަކޮށްލި މައްސަލައާއި ގުޅިގެން އެ ގައުމުގެ ފުލުހުންގެ ވެރިޔާ އިސްތިއުފާ ދޭން ނިންމަވައިފިއެވެ.
ގައުމީ ފުލުހުންގެ އެޖެންސީގެ ވެރިޔާ އިތަރޫ ނަކަމުރާ ވިދާޅުވީ ޖުލައި އަށް ވަނަ ދުވަހު ހިނގި ބަޑި ޖެހުމުގެ ހާދިސާގެ ފުރިހަމަ ޒިންމާ ނަންގަވާނެ ކަމަށެވެ. މިމައްސަލައިގައި ކުރިޔަށްގެންދިޔަ ތަހުގީގުން ހާމަވި ގޮތުގައި އެ ދުވަހު އަބޭއަށް ފުލުހުންގެ ރަައްކާތެރިކަން ފޯރުކޮށްދިން ގޮތުގައި ބޮޑެތި މައްސަލަތަކެއް ހުއްޓެވެ.
އަބޭ އަވަހާރަކޮށްލާފައިވަނީ ދެކުނުގެ ސިޓީ އެއްކަމަށްވާ ނާރާގައި ބޭއްވުނު ކެމްޕެއިން ހަރަކާތަކަށް ވަޑައިގެން ހުންނަވަނިކޮށް ޖުލައި 8 ވަނަ ދުވަހުއެވެ.
ހާދިސާ ތަހުގީގުކުރަމުންދާ ފުލުހުން ބުނެފައިވާގޮތުގައި އަބޭއަށް ހަމަލާ ދިން އުމުރުން 41 އަހަރުގެ ޓެސޫޔާ ޔަމަގަމި، އަބޭ އަވަހާރަކޮށްލީ އަބޭ އާއިމެދު އޮތް ހިތްހަމަ ނުޖެހުމެއްގެ ސަބަބުންކަމަށް ވަނީ ބުނެފައެވެ. އަދި ބަޑިޖެހުމަށްފަހު އޭނާ ފިލަން މަސައްކަތްކޮށްފައި ނުވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ހަމަލާދިނުމަށް ޔަމަގަމި ބޭނުންކޮށްފައިވަނީ އޭނާ އަމިއްލަޔަށް ހަދާފައިވާ ބަޑިއެއް ކަމަށް ވެއެވެ. ތަހްގީގުގެތެރޭން އޭނާ ދިރިއުޅޭ އެޕާޓްމަންޓް ބަލާފާސް ކުރި އިރު ގޮވާތަކެތިވެސް ފެނިފައިވާ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.