ލެސްޓަރ ސިޓީއަށް ކުޅެމުން އަންނަ ވެސްލޭ ފޮފާނާ ހޯދުމަށް ޗެލްސީ އިން ކުރި ތިންވަނަ ބިޑުވެސް ލެސްޓަރއިން ރިޖެކްޓުކޮށްފިއެވެ.
ފޮފާނާ ހޯދުމަށް ޗެލްސީ އިން ހުށައަޅާފައިވަނީ 60-70 މިލިއަން ޔޫރޯގެ ބިޑެކެވެ. ރިޕޯޓުތައް ބުނާގޮތުން ލެސްޓަރ ސިޓީ އިން ވަނީ ޗެލްސީއަށް ޚަރަދުކުރެވޭ ވަރަށްވުރެ ބޮޑު އަގެއް ދެއްކުމަށް އެދިފައެވެ. ޗެލްސީ އިން ފޮފާނާ ހޯދުމަށް 80 މިލިއަން ޔޫރޯ ޚަރަދުކުރުމަކީ އެކަށިގެންވާ ކަމެއްކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ. މި އަދަދަށް ޗެލްސީ އިން ފޮފާނާއަށް ޚަރަދުކޮށްފިނަމަ، އޭނާ ވެގެންދާނީ ދުނިޔޭގެ އެންމެ އަގުބޮޑު ޑިފެންޑަރަށެވެ.
މި ސަމަރ ޓްރާންސްފަރ މާކެޓުގައި ޗެލްސީ އިން ވަނީ 170 މިލިއަން ޔޫރޯ ޚަރަދުކޮށްފައެވެ. މީގެ އިތުރުން އެވަޓަންގެ ފޯވާޑު އެންތޮނީ ގޯޑަން ހޯދުމަށް 45 މިލިއަން ޔޫރޯގެ ބިޑެއްވެސް ޗެލްސީ އިން ވަނީ ހުށައަޅާފައެވެ. އަދި ބާސެލޯނާގެ އެމްރިކް އޮބާމެޔަންގ ހޯދުމަށްވެސް ޗެލްސީ އިން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ފޮފާނާ ލެސްޓަރއާއި ގުޅުނީ 2020 ވަނަ އަހަރުއެވެ. އޭގެ ފަހުން އޭނަ ވަނީ އެޓީމަށް 37 މެޗު ކުޅެދީފައެވެ. 2020 ވަނަ އަހަރުން ފެށިގެން ފޮފާނާ އަންނަނީ ފްރާންސްގެ 21 އަހަރުން ދަށުގެ ޤައުމީ ޓީމަށް ވެސް ކުޅެމުންނެވެ.