ދިވެހިރާއްޖޭގެ ވެރިރަށް ފުރަމާލެއެވެ. ހާސް އަހަރުވީ ވެރިރަށެވެ. ހާސްއަހަރު ވަކި އިދާރީ ހިންގުމުގެ ނިޒާމު އޮތް ވެރިރަށެކެވެ. އެއްވެސް އިރަކު އަތޮޅެއްގެ ރަށެއްގެ ގޮތުގައި ހިންގުމުގެ ނިޒާމު އޮތް، ރަށެއްވެސް ނޫނެވެ. އަމުދުން ކ. އަތޮޅުގެ ރަށެއް. ނޫނެވެ. ހަށަނަރަބަޅައިގެ އަކުރުތަކުން އަތޮޅުތަކަށް ކޯޑުތައް ދެވުނީ މީގެ 70 އަހަރުކުރިން އަމީނީ ދައުރުގައި 1950ގައެވެ. ކ. އަތޮޅުގެ ވެރިރަށަކީ ކ. ހުޅުލެއެވެ. ކ. އަތޮޅުގައި ފުރަމާލެ ނުހިމެނެއެވެ.
ފުރަމާލެއަކީ ދިވެހިރާއްޖޭގެ ވެރިރަށެވެ. ރާއްޖޭގެ ޖޯގުރަފީ 26 އަތޮޅުގެ ތެރެއިން މާލެ ވަނީ މާލެއަތޮޅު އުތުރުބުރީގައެވެ. ފުރަމާލެއޭ ކިޔުނު ނަން، މާލެ މިނަަމަށް ބަދަލުވިތަން އަދި ބައިގަރުނުވެސް ނުވެއެވެ. އެއީ 1975ގައެވެ. މާލެއަކީ، ދިވެހިރާއްޖޭގެ ވެރިރަށް ހާސް އަހަރުވީ ސަހަރެވެ. ސިޓީއެވެ. ޒަމާނީ ޑިމޮކުރަސީގެ ތެރެއިން، ސިޓީ ކައުންސިލް އުފެދި ހިނގާތާ 10 އަހަރު ފާއިތުވިއިރު، އިދާރީގޮތުން އަދިވެސް ލިޔެކިޔުންތަކުގައި އާންމު ރަށެއް ފަދައިން "ކ. މާލެ" އެބަ ލިޔެއެވެ. ކިޔައެވެ. އެހާރުވެސް އެހެން ކިޔުން ނުބައެވެ. ނުބައެކެވެ. މިހާރު އަދި މާބޮޑު ނުބައެކެވެ.
މީގެ 111 އަހަރުކުރިން 1911ގައި ރާއްޖޭގެ އާބާދީއަކީ 72237އެވެ. އެންމެ ގިނަމީހުން ދިރިއުޅޭ ފުރަމާލޭގެ އާބާދީއަކީ، 5237އެވެ. މި 5237 މީހުންގެ ތެރެއިން 1000ވަރު (2000ގެ އަދަދު ހަމަނުވާ) އެއީ އެއިރުގެ ގޮތުން (އާދެ ވަޑައިގަންނަވާ) ބޭފުޅުންނެވެ. 2000ވަރު އެއީ އެއިރުގެ ގޮތުން (ލައްބަ ދުރުވާ) ބޭކަލުން ކަނބަލުންނެވެ. ދެން ތިބި 2000 އަށްވުރެ ގިނަމީހުންނަކީ އާންމު މީހުންނެވެ. (އާނހޫނ ކިޔާ އާދައިގެ މީހުންނެވެ.) ފުރަމާލެ މައްޗެވެ. ރާއްޖޭގެ ވެރިރަށެކެވެ. އެކަމަކު ފުރަމާލޭ މީހުން އެއިރުވެސް ވަކި މައްޗެެއް ނޫނެެވެ.
1911 (މީގެ 111 އަހަރުކުރިން) ރާއްޖޭގެ އެންމެ މީހުންގިނަ ރަށްރަށް
- ފުރަމާލެ 5236
2000 މީހުންނަށްވުރެ ގިނައިން ހުރި ރަށްތައް
- ހުވަދުއަތޮޅު ހަވަރުތިނަދޫ 2325
- އައްޑޫމުލައް (ފުވައްމުލައް) 2199
1000 މީހުންނަށްވުރެ ގިނައިން ހުރި ރަށްތައް
- ތިލަދުންމަތީ ހުވަރަފުށި 1811
- ތިލަދުންމަތި ކުޅުދުއްފުށި 1697
- އައްޑުއަތޮޅު ހިތަދޫ 1587
- ފާދިއްޕޮޅު ނައިފަރު 1289
- ތިލަދުންމަތި ދިއްދޫ 1163
- ފާދިއްޕޮޅު ހިންނަވަރު 1140
މާލެ އާބާދުވެ އާބާދީ އިތުރުވެފައި މިވަނީ އެކިއެކި ރަށްރަށުގެ ނަސްލުތަކުންނެވެ. އަދި މި 50 އަހަރުގެ ތެރޭގައި 50 އިންސައްތަ މާލޭގެ އާބާދީއަކީ އެކިއެކި ރަށްރަށުން މާލެ އައިސް ވަޒަންވެރިވި މީހުންނެވެ.