މުޅި ދުނިޔެ އިނދަޖައްސާލި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ތެރޭގައި އެމެރިކާގެ ސިއްހަތާ ބެހޭ އެންމެ އިސް އޮފިޝަލުގެ ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބައެއްގެ އިހުތިރާމާއި ލޯބި ހޯއްދެވި ޑރ އެންތަނީ ފައޫޗީ، އެމެރިކާގެ ދައުލަތުގެ މަޤާމުތަކުން އިސްތިއުފާ ދެއްވާކަން އިއުލާން ކުރައްވައިފިއެވެ. އެމެރިކާގެ ދައުލަތުގެ އެކި މަޤާމުތަކުގައި 50 އަށް ވުރެ ގިނަ އަހަރު ޚިދުމަތް ކުރައްވާފައި ވާ ޑރ ފައޫޗީ، އެމެރިކާގެ ސަރުކާރުގެ ވަޒީފާތައް ދޫކޮށްލައްވާނީ އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ކަމަށް ވަނީ އިއުލާން ކުރައްވާފައެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމުގެ އެންމެ ހައްސާސް ދުވަސްވަރު، އެމެރިކާގެ ވެރިކަމުގައި ހުންނެވި މަހުޖަނު ޑޮނާލްޑް ޓްރަމްޕާއި، އޭރު ވެރިކަން ކުރި ރިޕަބްލިކަންސް ޕާޓީގެ ގިނަ މެންބަރުންގެ ރައުޔާ ދެކޮޅަށް ފާޅުގައި ގިނަ މަސައްކަތްތަކެއް ކުރައްވާ، އާންމު ސިއްހަތު އިސް ކުރެއްވި ޑރ ފައޫޗީ މިހާރު ހުންނެވީ، އެމެރިކާގެ އަދުގެ ރައީސް ޖޯ ބައިޑަންގެ މެޑިކަލް އެޑްވައިޒަރުގެ ގޮތުގައެވެ. އަދި އެމެރިކާގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެލަރޖީ އެންޑް އިންފެކްޝަސް ޑިޒީޒަސްގެ ޑައިރެކްޓަރު ކަމުގެ މަޤާމުގައެވެ. އެއީ 1984 ވަނަ އަހަރުން ފެށިގެން އެ މުއައްސަސާއެއްގެ އެންމެ އިސްވެރިޔާ ކަމުގެ މަޤާމުވެސް ޑރ ފައޫޗީ، 81، ފުރުއްވަމުން ގެންދަވާ ނޭޝަނަލް އިންސްޓިޓިއުޓްސް އޮފް ހެލްތުގެ ބައެކެވެ.
ރިޕަބްލިކަން ރައީސް ރޮނާލްޑް ރޭގަންގެ ވެރިކަމުގެ ދުވަސްވަރުން ފެށިގެން، 7 ރައީސްއެއްގެ މޭސްތިރިކަމުގައި ޑރ ފައޫޗީ ވަނީ އެމެރިކާގެ ސަރުކާރަށް ޚިދުމަތް ކުރައްވާފައެވެ. ޑރ ފައޫޗީގެ މަސައްކަތް ބިނާވެފައި އޮންނަނީ އަލަށް އުފެދި، ފެތުރެމުންދާ ގައިންގައަށް އަރާ ބަލިތަކުން ދިފާއު ހޯއްދެވުމުގެ މައްޗަށެވެ. އޭގެ ތެރޭގައި އެޗްއައިވީ/އެއިޑްސް، އެބޯލާ، ޒިކާ، ކޮވިޑް-19 އަދި މަންކީޕޮކްސް ހިމެނެއެވެ.
ޑރ ފައޫޗީގެ ނަން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގުގުމައިގެން ދިޔައީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައެވެ. ކޮވިޑުން ދިފާއުވުމަށް ވެކްސިން ޖެހުމާއި، ޖިސްމާނީ ގައިދުރުކަން އިސްކުރުމާއި މާސްކު އެޅުން ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ޑރ ފައޫޗީ ވަކާލާތު ކުރައްވަމުން ގެންދެވިއިރު، އޭރު އެމެރިކާގެ ސަރުކާރުގެ އިސް މަޤާމުތަކާއި ވެރިކަން ކުރާ ޕާޓީގެ ގިނަ މެންބަރުން އެކަމާ ދެކޮޅޭވެ. އެކަމާ ގުޅިގެން ޑރ ފައޫޗީއަށް މަރުގެ އިންޒާރުތަކެއް ދިން މަންޒަރުވެސް ވަނީ ފެނިފައެވެ.
ޖުލައި މަހުގެ ތެރޭގައި ރޮއިޓަރްޒްއަށް ދެއްވި ބަސްދީގަތުމެއްގައިވެސް ޑރ ފައޫޗީވަނީ މަޤާމުތައް ދޫކޮށްލައްވާ ކަމުގެ އިޝާރާތެއް ކުރައްވާފައެވެ. އަދި ޖެނުއަރީ 2025ގައި ބައިޑަންގެ ވެރިކަމުގެ ދައުރު ނިމޭއިރު ޑރ ފައޫޗީވެސް އިސްތިއުފާ ދެއްވާނެ ކަމަށާ، ނަމަވެސް އޭގެ ކުރިންވެސް އެކަން ވެދާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
އޯގަސްޓް 4 ވަނަ ދުވަހު ދެއްވި ބަސްދީގަތުމެއްގައި ޑރ ފައޫޗީ ވަނީ، މަޤާމުތައް ދޫކޮށްލެއްވި ނަމަވެސް ދެން ވަޑައިގަންނަވާނީ ގޮލްފު ދަނޑަކަށް ނޫންކަމަށް ވިދާޅުވެ، އެމެރިކާގެ ބައެއް އިސް ލީޑަރުންނަށް ހަޖޫ ޖައްސަވާފައެވެ.
ކޮވިޑްގެ ފުރަތަމަ ދުވަސްކޮޅު، ހަލުވި ދުވެލީގައި ވެކްސިން ތަރައްޤީ ކުރުމުގެ ކަންކަން ފަހި ކުރުމުގެ މަސައްކަތުގައި އެންމެ މުހިއްމު ދައުރެއް އަދާކުރެއްވީ ޑރ ފައޫޗީ ކަމާ މެދު ދެބަސްވާނެ މީހަކު މަދުވާނެއެވެ. ކޮވިޑްގެ ލޮކްޑައުންއާއި، އެނޫންވެސް އެކި ކަންކަމުގައި ގިނަ ބަޔަކު އެންމެ އިތުބާރު ކުރި މަސްދަރަކަށްވީވެސް ޑރ ފައޫޗީއެވެ.
ޑރ ފައޫޗީ ރަސްމީ ހައިސިއްޔަތުން މަޤާމުތައް ދޫކޮށްލެއްވި ކަމުގައި ވީ ނަމަވެސް، އެމެރިކާއާއި މުޅި ދުނިޔެއަށްވެސް ޑރ ފައޫޗީގެ ފަރާތްޕުޅުން ފައިދާތަކެއް ވަމުން ދާނެ ކަމަށް ޔަޤީން ކުރައްވާ ކަމަށް، އެމެރިކާގެ ރައީސް ބައިޑަން އާންމު ކުރެއްވި ބަޔާނެއްގައި ވަނީ ވިދާޅުވެފައެވެ. ބައްޔަށް އަހުލުވެރިވެ، އިހުނަށްވުރެ ގަދަފަދަ ޤައުމެއްގެ ގޮތުގައި އެމެރިކާ މިއަދު އޮތީ، ޑރ ފައޫޗީގެ ސަބަބުން ކަމަށްވެސް ބައިޑަންގެ ބަޔާނުގައި ވަނީ ފާހަގަ ކުރައްވާފައެވެ.