އެކި ކަހަލަ ކާރިސާތަކުން ނުތަނަވަސްކަމުގެ މަޑުމޮޅިކަން ވެރިވެފައިވާ ލުބްނާންގެ އުތުރުގެ ސަރަހައްދުގައި ލޮނު ދަނޑެއް ގެންގުޅޭ އިމާދު މާލިކްއަކީ، ލުބްނާންގައި އޮތް ލޮނު އުފެއްދުމުގެ ޒަމާންވީ ހުނަރު ނެތި ދިޔަ ނުދީ ދެމެހެއްޓުމަށް ގަދަ އަޅާ މަސައްކަތް ކުރަމުންދާ މަދު މީހުންގެ ތެރެއިން އެކަކެވެ.
ލުބްނާންގެ ޒަމާންވީ ތަރިކައެއް ދެމެހެއްޓުމަށް މަސައްކަތް ކުރަމުންދާ މާލިކަކީ، އުމުރުން އެންމެ 27 އަހަރުގެ ޒުވާން، އިލެކްޓްރިކަލް އިންޖިނޭރެކެވެ. އުފަންވެ، އުޅެ ބޮޑުވީ އައްސޭރިފަށުގެ އަވަށެއް ކަމަށް ވާ އަންފާގައެވެ. ބޮޑުވަމުން އައީ ލޮނުފެންގަނޑުތައް ކައިރީގައެވެ. އުމުރުން އެންމެ 2 އަހަރުގައި އޭނާ ފަތަން ދަސްކުރީވެސް އޭގެ ފެންގަނޑެއްގައެވެ.
ބައްޕަ ގާތު ކުރިންވެސް ބުނިން މި މަސައްކަތް ދޫކޮށްލަން. އަހަރަމެންނަށް އޮތީ ވަރަށް ބޮޑަށް މިކަމުގެ ތެރެއަށް ވަދެވިފަ. އުފަންވެ، އުޅެ ބޮޑުވީ މޫދާއި، ލޮނު ދަނޑުތަކުގެ ތެރޭގަ. މި ޘަޤާފަތް ދިރުވާ، ދަރިންނަށް ފޯރުކޮށްދެވޭތޯ ކުރެވެން އޮތްހާ މަސައްކަތެއް އެބަ ކުރަން.އިމާދު މާލިކް؛ ލޮނު ދަނޑު ގެންގުޅޭ މީހެއް
ލޮނު ދަނޑު ބެލެހެއްޓުމާއި އެ މަސައްކަތުން އާމްދަނީ ހޯދަން މާލިކު ދަސްކުރީ އޭނާގެ އާއިލާ މެންބަރުންގެ ގާތުންނެވެ.
އިރުގެ އަވިން އުފެދޭ އާވީގެ އެހީގައި ލޮނު އުފައްދާ ލޮނުފެންގަނޑުތައް ލުބްނާންގައި އޮންނަތާ އެތައް ސަތޭކަ އަހަރެއް ވެފައިވާ އިރު، އެއީ އެތައް އާއިލާއެއްގެ އެތައް ޖީލަކަށް އާމްދަނީ ހޯދާދިން މައިގަނޑު މަސްދަރެވެ. ނަމަވެސް މިއަދު އެފަދަ ގިނަ ފެންގަނޑުތައް ވަނީ، ބަލަހައްޓާނެ މީހަކު ނުވެގެން ދޫކޮށްލާފައެވެ. ފަތުރުވެރިން މަންޒަރު ބަލާލަން ޒިޔާރަތް ކުރަނީވެސް މަދު ފަހަރަކުއެވެ.
އާވިން ލޮނު އުފައްދާ ގިނަ ބިންތައް މިހާރު އޮތީ ފަޅަށް. ވިނަ ހެދި ފުރިފަ. ޗިއްކާ، ސިލާތާ ނުވަތަ އަންފާއަށް ބަލާލިއަސް ތިއޮތީ ފެންނަން، އެތަންތަނުގަ މަސައްކަތެއް ނުހިނގާ.އިމާދު މާލިކް؛ ލޮނު ދަނޑު ގެންގުޅޭ މީހެއް
ލުބްނާންގެ ތާރީޚާ ގުޅިފައިވާ މި ޤަދީމީ މަސައްކަތުގައި ދެމިތިބި، މާލިކް ފަދަ ވިޔަފާރިވެރިންނަށް މިއަދު ވަނީ، ލުބްނާނަށް ކުރިމަތިވެފައިވާ އެކި ކާރިޘާތަކަށް އަހުލުވެރިވުމަށް މަޖުބޫރުވެފައެވެ. ތެލުގެ އަގު ބޮޑުވުމާއި، ކަރަންޓު ކެނޑުމުގެ މައްސަލަތަކާއެކު މާލިކްއަށް މަޖުބޫރުވެފައި ވަނީ، ލޮނުދަނޑުތަކުން ލޮނު އުފެއްދުމުގައި، އެންމެ އިހު ޒަމާނުގައި ބޭނުން ކުރި، ތިމާވެއްޓާ ރައްޓެހި އުކުޅުތަކަށް ބަރޯސާވާން މަޖުބޫރުވެފައެވެ.
ފެންގަނޑުތަކުން އާތްވަށް ވެގެން ފެން އަރާ ހުސްވުމަށް ވިއްސަކަށް ދުވަސް ނަގައެވެ. އޭރުން އެ ސަރަހައްދުގައި ބާކީ ހުންނަނީ ރާޅު ލޮނެވެ. އެހާ ހިސާބުން އެ ރާޅު ނުވަތަ ފުށް ލޮނުތައް އެއް ސަރަހައްދަކަށް ޖަމާކޮށް، ވިއްކަން ފަށައެވެ.
ލޮނު ދަނޑުގެ މަސައްކަތްތައް ފަށަނީ ކޮންމެ އަހަރެއްގެވެސް ޖޫން މަހުއެވެ. އަދި ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެކަން ކުރިއަށް ދެއެވެ. މާލިކްގެ ބެލުމުގެ ދަށުގައިވާ ލޮނު ދަނޑުތަކުން ކޮންމެ އަހަރަކުވެސް ގާތްގަނޑަކަށް 300 ޓަނުގެ ލޮނު ބޭރު ކުރެއެވެ.
ލުބްނާނުގައި އުފައްދާ ފުށް ލޮނު އެންމެ އާންމު ގޮތެއްގައި ބޭނުން ކުރަނީ އެކި ކަހަލަ އަސާރަ އެޅުމަށެވެ. އަދި ޗީޒް އުފައްދާ ކާރުޚާނާތަކުގައިވެސް އެ ލޮނު ބޭނުން ކުރާ އިރު، އާންމު ބަދިގެތަކުން ފެންނަ ހިމުން ލޮނު ތައްޔާރު ކުރަންވެސް އެ ލޮނު ބޭނުން ކުރެއެވެ. ނަމަވެސް އިންތިހާ ހެޔޮ އަގުގައި ލުބްނާނަށް ލޮނު އިމްޕޯރޓް ކުރުމުގެ ސަބަބުން، ދޭސީ ލޮނު ދަނޑުވެރިންނަށް ވަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ.
ލޮނު އުފެއްދުމަކީ، މީގެ ކުރިން، ޢާއިލާތަކަށް ބޮޑު ނަފާއެއް ހޯދާދިން މަސައްކަތެއް. ލޮނުގެ މަސައްކަތުގެ ރަން ދުވަސްވަރު، އެއީ 70 އާއި 80ގެ އަހަރުތަކުގައި ލުބްނާނުގެ ބޭނުންތަކަށް ފުދިފަ، ބޭރަށް އެކްސްޕޯޓްވެސް ކުރޭ. 90ގެ އަހަރުތަކުގެ ތެރޭގައި ލުބްނާނަށް ލޮނު އިމްޕޯރޓް ކުރަން ފެށީ. ކަސްޓަމަސް ފީވެސް އުވާލި. އެހެންވެ، ޤައުމުގަ އުފައްދާ ލޮނަށްވުރެ، އިމްޕޯރޓް ލޮނުގެ އަގު، ބޮޑުތަނުން ހެޔޮވެގެން ދިޔަ.އިމާދު މާލިކް؛ ލޮނު ދަނޑު ގެންގުޅޭ މީހެއް
މާލިކް ބުނާ ގޮތުގައި ލުބްނާނުގައި އުފައްދާ ލޮނު ޓަނެއްގެ އަގު، ގާތް ގަނޑަކަށް 120 ޑޮލަރަށް އަރާއިރު، އިމްޕޯރޓް ލޮނު ޓަނެއްގެ އަގު އުޅެނީ އެންމެ 30 ޑޮލަރުގައެވެ.