ކ. މާލެ
|
23 އޯގަސްޓް 2022 | އަންގާރަ 07:46
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
މަޖިލިސް
ހަރުކަށި ފިކުރު ހުއްޓުވަން ކުރާ މަސައްކަތްތައް
ހަރުކަށި ފިކުރު ހުއްޓުވުމުގެ މަސައްކަތް ހަރުދަނާވެ އިތުބާރު ހިފެންޖެހޭ: ރައީސް ނަޝީދު
ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގައި ހިންގަނީ އިންތިޒާމްވެގެން ހިންގާ ހަރުކަށި ފިކުރުމުގެ އަމަލުތައްކަމަށް
ދީނީ އިލްމުވެރިންނާއި ދެކޮޅު ބައެއް ކަމަށް ބުނުމަށްފަހު، މީހަކު ވަނީ އަލީ ޞާލިހަށް ހަމަލާދީފައި

ރާއްޖޭގައި ހަރުކަށި ފިކުރުގެ އަމަލުތައް ހުއްޓުވަން ކުރާ މަސައްކަތް ހަރުދަނާވާން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ އިސް ތަރުޖަމާނު އަލީ ސާލިހަށް މީހަކު ވަޅިން ދިން ހަމަލާ ކުށްވެރިކުރައްވައި ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގައި ހިންގަނީ އިންތިޒާމްވެގެން ހިންގާ ހަރުކަށި ފިކުރުމުގެ އަމަލުތަކެވެ.

ރާއްޖެއެމްވީއަށް މައުލޫމާތުދެއްވަމުން އަލީ ސާލިހު ވިދާޅުވީ އޭނާއަށް ހަމަލާދިނީ ހުޅުމާލޭގެ ރެއިންބޯ ފިހާރަ ކައިރިން ކަމަށެވެ. ހަމަލާދިން މީހާ އޭނާ ކައިރިއަށް ގޮސް ތިއީ ސަރުކާރުގައި ހިމެނޭ މީހެއް ކަމަށް ބުނެ، ތި މީހުންނަކީ ދީނީ އިލްމުވެރިންނާއި ދެކޮޅު ބައެއް ކަމަށް ބުނުމަށްފަހު، ކަޓަރަކުން ހަމަލާދިނީ ކަމަށް އަލީ ސާލިހު ވިދާޅުވިއެވެ.

އަލީ ސާލިހު ވިދާޅުވީ އޭނާގެ އަތް ޒަހަމްވެފައިވާ ކަމަށާއި، ދެވަނަ ހަމަލާ ދިނީ ކަރާ ދިމާލަށް ކަމަށެވެ. ނަމަވެސް ކަރަށް އަނިޔާއެއް ނުވާ ކަމަށާއި، ކަރާއި ދިމާލުން ގަމީސް ކަފައިގެން ގޮސްފައި ހުރި ކަމަށެވެ. އަލީ ޞާލިހަށް ހަމަލާދޭން މަސައްކަތްކުރާ ވީޑިއޯ ސޯޝަލް މީޑިޔާގައި މިހާރު އަންނަނީ ދައުރުވަމުންނެވެ. ވީޑިއޯއިން ފެންނަ ގޮތުގައި ސައިކަލެއްގެ މަތީގައި އިން އަލީ ޞާލިހަށް ހަމަލާދިން މީހާ ގައިގާ ހުރިހާ ބާރެއް ލާފައި ވަޅިއަޅަން މަސައްކަތްކުރީ އަލީގެ ކަރުގައެވެ. ފުރަތަމަ ފަހަރު އޭނާ ވަޅި މަޅައިލުމުން އަލީ ދިފާއުވީ ހަމަލާދިން މީހާއާ ދުރަށް އަރިވެގެންނެވެ.

ކަރުގައި ވަޅި އަޅަން އުޅުމުން އަލީ އޭނާގެ ވައަތް ހުރަސްކޮށް އެ ހަމަލާއިން ސަލާމަތްވެފައެވެ. އަދި ސައިކަލް ދޫކޮށްލާފައި ދުވެފައި ދާތަން ވީޑިއޯއިން ފެނެ އެވެ.

އަލީ ސާލިހަށް ހަމަލާ ދިން މީހާއަކީ މީގެ ކުރިން، ހުކުރު ދުވަހެއްގައި ސަލްމާން މިސްކިތުގެ މިންބަރަށް އައިސިސް ދިދައެއް ހިފައިގެން އަރައި އަޑުގަދަ ކުރި މީހެކެވެ. އަދި އެފަހުން ރައީސް ނަޝީދު ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމެއް އޮތް ތަނަކަށް ގޮސް ދަބަހެއް އެއްލާލުމަށްފަހު ގޮއްވާލާނެކަމަށް ބުނެ އިންޒާރުވެސް ދީފައިވާ މީހެކެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ބުނީ ހުޅުމާލޭގައި ހުއްޓާ އަލީ ސާލިހަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ މައްސަލައެއް ހޯމަ ދުވަހުގެ މެންދުރު 1:26 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. މި މައްސަލައާއި ގުޅިގެން ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

- ކޮމެންޓް