ކ. މާލެ
|
20 އޯގަސްޓް 2022 | ހޮނިހިރު 07:29
ފިންލެންޑްގެ ބޮޑުވަޒީރު ސަނާ މާރިން
ފިންލެންޑްގެ ބޮޑުވަޒީރު ސަނާ މާރިން
ރޮއިޓާރސް
ފިންލެންޑްގެ ބޮޑުވަޒީރުގެ ޕާޓީކުރައްވާ ވީޑިއޯ
ޕާޓީކުރައްވާ ވީޑިއޯ ލީކުވެ މައްސަލަ ހޫނުވާންފެށުމުން، ފިންލެންޑްގެ ބޮޑުވަޒީރު ޑްރަގަށް ޓެސްޓްކުރައްވައިފި
މާރިން ވިދާޅުވީ ގާނޫނާ ޚިލާފުކަމެއް ނުކުރައްވާކަމަށް
އަންނަ ހަފުތާގައި ޓެސްޓްގެ ނަތީޖާ ލިބޭނެކަމަށް އެކަމަނާ ވިދާޅުވި

ފިންލެންޑްގެ ބޮޑުވަޒީރު ސަނާ މާރިން ޕާޓީކުރައްވާ ވީޑިއޯއެއް މިހަފުތާތެރޭގައި ލީކުވެފައިވާއިރު، މި މައްސަލަ ހޫނުވެ އެންމެފަހުން ޑްރަގަށް ޓެސްޓްކުރައްވާފައިވާކަމަށް އެކަމަނާ ވިދާޅުވެއްޖެއެވެ.

ރަހުމަތްތެރިންތަކަކާއެކު ޕާޓީކުރައްވާ ވީޑިއޯއެއް ލީކުވެފައިވާއިރު މާރިން ވިދާޅުވީ ގާނޫނާ ޚިލާފުކަމެއް ނުކުރައްވާކަމަށެވެ.

އުމުރުފުޅުން 36 އަހަރުގެ މާރިން، ފިންލެންޑްގެ މަޝްހޫރު ލަވަކިޔުންތެރިނާއި އާޓިސްޓުންނާއެކު ޕާޓީކުރައްވާ ވީޑިއޯ ފިންލެންޑްގެ ގިނަ ސޯޝަލް މީޑިޔާ ޕްލެޓްފޯމުތަކެއްގެ އިތުރުން ބައިނަލްއަގުވާމީ މަސްރަހުގައިވެސް ވަނީ ވައިރަލްވެފައެވެ.

އެކަމާގުޅިގެން ނޫސްވެރިންނާ ވާހަކަދައްކަވަމުން މާރިން ވިދާޅުވީ، ޕާޓީކުރި ތަނަކީ މަސްތުވާތަކެތި ބޭނުންކުރާ ތަނެއްކަމަށް ވާހަކަދެކެވޭ ކަމަށާއި، އެކަމަނާވެސް މަސްތުވާތަކެތި ބޭނުންކުރައްވައިގެން ހުންނެވިކަމަށް ވާހަކަތައް ދެކެވެމުންދާކަމަށެވެ. އެހެންކަމުން މިތުހުމަތުތައް ވަރަށް ސީރިޔަސްކޮށް ނަންގަވާކަމަށާއި އެކަމާގުޅިގެން ޑްރަގަށް ޓެސްޓްކުރައްވާފައިވާކަމަށެވެ. އަންނަ ހަފުތާގައި ޓެސްޓްގެ ނަތީޖާ ލިބޭނެކަމަށް އެކަމަނާ ވިދާޅުވިއެވެ.

2019 ވަނަ އަހަރުގެ ޑިސެމްބަރ މަހު ފިންލެންޑްގެ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަންނަވާފައިވާ މާރިންއަކީ ދުނިޔޭގެ އެންމެ ހަގު ލީޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. ވީޑިއޯއާ ގުޅިގެން ފިންލެންޑުގެ ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުންނާއި އިދިކޮޅުންވެސް ވަނީ އެކަމަނާ ޑްރަގަށް ޓެސްޓްކުރެއްވުމަށް ގޮވާލާފައެވެ.

- ކޮމެންޓް