ސްރީލަންކާގެ ކުރީގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ އެނބުރި ގައުމަށް ވަޑައިގެންނެވޭނެ ގޮތް ހައްދަވާ ދެއްވުމަށް ވެރިކަން ކުރާ ޕާޓީއިން ރައީސް ރަނިލް ވިކްރަމަސިންގހަގެ ކިބައިން އެދެފިއެވެ. މިގޮތުން ސެކިއުރިޓީ އާއި އެހެންވެސް ކަންކަމުގައި ސަރުކާރުގެ އެހީ ބޭނުންވާކަމަށް އެޕާޓީއިން ބުނެފައިވެއެވެ.
ގޮތަބަޔާ ވަނީ ގައުމު ދޫކުރައްވާ މިދިޔަ މަހު ސިންގަޕޫރަށް ވަޑައިގެންފައެވެ. އެއާއެކު ރައީސަކު ހޮވުމަށް މަޖިލީހުގައި ނެގުނު ވޯޓު ކާމިޔާބުކުރެއްވި ވަގުތީ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގހަ ވަނީ ރައީސް ކަމަށް އައްޔަންކުރެވިފައެވެ.
ކޮރަޕްޝަނާއި ގައުމުގެ އިގްތިސާދު ބަނގުރޫޓު ކޮށްލެއްވި ކަމުގެ ތުހުމަތުތައް ގޮތަބަޔާ ރާޖަޕަކްސަގެ މައްޗަށް އައީ ކުރެވެމުންނެވެ. ގައުމުގެ ހާލަތު ގޯހުން ގޯހަށް ގޮސް އާންމު ރައްޔިތުން ނުކުމެ މުޒާހަރާ ކުރަމުންދާތާ އެތައްމަހެއް ވެފައި ވަނިކޮށް ގޮތަބަޔާ ގައުމު ދޫކުރައްވާ ފިއްލެވީއެވެ. އަދި ރައީސްކަމުން އިސްތިއުފާ ދެއްވާފައިވަނީ ސިންގަޕޫރުގައި ހުންނަވާއެވެ.
ގޮތަބަޔާ އެނބުރި ގައުމަށް ވަޑައިގަންނަވަން އުޅުއްވާކަމަށް ލިބޭ ޚަބަރުތަކާ ގުޅިގެން ރައީސް ވިކްރަމަސިންގހަ ބުރާސްފަތި ދުވަހު ރޮއިޓަރސްއަށް ވިދާޅުވި ގޮތުގައި ގޮތަބަޔާ ރާޖަޕަކްސަ އަލުން އެނބުރި ޤައުމަށް ވަޑައިގަންނަވަން އުޅުއްވާކަން އެމަނިކުފާނަށް އެނގިވަޑައިނުގަންނަވައެވެ.
ނަމަވެސް ވެރިކަން ކުރާ ސްރީލަންކާ ޕޮޑުޖަނަ ޕެރަމުނަ ޕާޓީގެ ޖެނެރަލް ސެކްރެޓަރީ ސަގަރަ ކަރިޔަވަސަމް ވަނީ ޕާޓީއިން ރައީސްގެ އަރިހުން ގޮތަބަޔާއަށް ސެކިއުރިޓީ ހަމަޖައްސާ ދެއްވުމަށް އެދުނުކަން ކަށަވަރުކޮށްދީފައެވެ. އޭނަ ބުނީ ގޮތަބަޔާ ވަޑައިގަންނަވާނެ ތާރީޚެއް އަދި ކަނޑައަޅުއްވާފައި ނުވާކަމަށެވެ.