ކ. މާލެ
|
18 އޯގަސްޓް 2022 | ބުރާސްފަތި 22:59
ކަނާތުން ވާތަށް: ގުޓަރެސް، ޒެލްންސްކީ އަދި އުރްދުޣާން
ކަނާތުން ވާތަށް: ގުޓަރެސް، ޒެލްންސްކީ އަދި އުރްދުޣާން
ގެޓީ އިމޭޖަސް
ރަޝިއާ-ޔޫކްރެއިން ހަނގުރާމަ
ޒަޕޮރީޒިޔާ ނިއުކްލިއަރ ޕްލާންޓަށް ގެއްލުންދިނުމަކީ އަމިއްލައަށް މަރުވުން: ގުޓަރެސް
ހަނގުރާމައިގައި ޒަޕޮރީޒިޔާ ނިއުކްލިއަރ ޕްލާންޓް އައްޑަނައަކަށް ބޭނުންކުރާކަމަށް ދެފަރާތުންވެސް ތުހުމަތުކުރޭ

ރަޝިޔާ ސިފައިން ހިސޯރުކޮށްފައިވާ ޔޫކްރެއިންގެ ޒަޕޮރީޒިޔާ ނިއުކްލިއަރ ޕްލާންޓަށް ގެއްލުން ދިނުމަކީ އަމިއްލަޔަށް މަރުވުންކަމަށް، އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވިދާޅުވެއްޖެއެވެ. ޔޫކްރެއިންގެ ލަވީވްގައި، ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލްންސްކީއާއި ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރްދުޣާންއާއެކު ބުރާސްފަތި ދުވަހު ބައްދަލުކުރައްވައި ބޭއްވެވި ވާހަކަފުޅުތަކަށްފަހު ގުޓަރެސް ވިދާޅުވީ، ޒަޕޮރީޒިޔާ ނިއުކްލިއަރ ޕްލާންޓްގެ ހާލަތާމެދު ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި އެތަނަކީ "ޑިމިލިޓަރައިޒް" ކުރަންޖެހޭ ނުވަތަ އެއްވެސް ބާވަތެއްގެ މިލިޓަރީ ހަރަކާތެއް އެތަނުގައި ނުހިނގާނެ ތަނަކަށް ހަދަންޖެހޭކަމަށެވެ. އަދި އެތަނަކީ ހަމައެކަނި މަދަނީ ކަންކަމަށް ބޭނުންކުރާ ތަނެއް ކަމަށް ބަޔާންކޮށް، ވީހާވެސް އަވަހަށް އެއްބަސްވުމެއްވެސް ހަދަންޖެހޭކަމަށް ގުޓަރެސް ވިދާޅުވިއެވެ.

ހަނގުރާމައިގައި ޒަޕޮރީޒިޔާ ނިއުކްލިއަރ ޕްލާންޓް އައްޑަނައަކަށް ބޭނުންކުރާކަމަށް ދެފަރާތުންވެސް ދަނީ ތުހުމަތު ކުރަމުންނެވެ. މިއީ މުޅި ދުނިޔޭންވެސް ކަންބޮޑުވުން ފާޅުކުރަމުންދާ މައްސަލައެކެވެ.

ބައްދަލުވުމަށްފަހު ވާހަކަފުޅުދައްކަވަމުން ތުރުކީގެ ރައީސް އުރްދުޣާން ވިދާޅުވީ، ޗެރޮނޮބީލް ހާދިސާފަދަ ދެވަނަ ހާދިސާއެއް ހިނގަން ދުނިޔެ ބޭނުންނުވާކަމަށެވެ. އުރްދުޣާން އިތުރަށް ވިދާޅުވީ ތިންބޭފުޅުން މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި، ހަނގުރާމައަށް އަވަސް ނިމުމެއް ގެނެވޭނެ ގޮތެއް ހޯދުމާއި، ހަނގުރާމައިގެ ކުށްވެރިން ބަދަލުކުރުން ހިމެނޭކަމަށެވެ.

ގުޓަރެސްއާއި އުރްދުޣާން ވަނީ ދާދި އަވަހަށް ރަޝިޔާގެ ރައީސް ޕޫޓިންއާވެސް ބައްދަލުކުރެއްވުމަށް ހަމަޖެހިފައެވެ.

ތުރުކީން ގެންދަނީ ރަޝިޔާއާ ޔޫކްރެއިނާ ދެމެދު މެދުވެރިއެއްގެ ބައިއަދާކުރަމުންނެވެ. މިގޮތުން ދާދިފަހުން ވަނީ ޔޫކްރެއިންގައި ބޭރުނުކުރެވި ބަންދުވެފައިހުރި އެތައް މިލިއަން ޓަނުގެ ގޮވާން ބޭރުކުރެވޭނެ ގޮތް ހަމަޖައްސައިދީފައެވެ.       

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
ކޮމެންޓް