ކ. މާލެ
|
18 އޯގަސްޓް 2022 | ބުރާސްފަތި 07:15
އިސްރާއީލުގެ ބޮޑުވަޒީރާއި ތުރުކީގެ ފޮރިން މިނިސްޓަރ
އިސްރާއީލުގެ ބޮޑުވަޒީރާއި ތުރުކީގެ ފޮރިން މިނިސްޓަރ
އަލްޖަޒީރާ
އިސްރާއީލާއި ތުރުކީގެ ގުޅުން
އިސްރާއީލާއި ތުރުކީން އަލުން ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރަނީ
 
ތުރުކީގެ ފޮރިން މިނިސްޓަރ ވިދާޅުވީ މީގެ މާނައަކީ ތުރުކީން ފަލަސްތީނުގެ މައްސަލަތަކާމެދު އަޅާނުލާ ފަލަސްތީނު ދޫކޮށްލީ ނޫންކަމަށް
 
އިގްތިޞާދު ފުޅާކޮށް ދެގައުމުގެ ދެމެދު ވިޔަފާރީގެ މުއާމަލާތްތައް ކުރެވި ސަގާފީގޮތުންވެސް ގުޅުން ބަދަހިކުރެވިގެންދާނެ

އިސްރާއީލާއި ތުރުކީން އަލުން ޑިޕްލޮމެޓިކް ގުޅުން ގާއިމުކޮށް އެއް ގައުމު އަނެއް ގައުމުގައި ސަފީރުން ބައިތިއްބަން އެއްބަސްވެއްޖެއެވެ.

މިއީ ދެ ގައުމުގެ ގުޅުން ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ދެ ގައުމުން ވެފައިވާ އެއްބަސްވުންތަކެކެވެ. މިކަމާއި ގުޅޭގޮތުން އިސްރާއީލުގެ ބޮޑުވަޒީރު ޔައިރް ލެޕިދުގެ އޮފީހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ދެ ގައުމުގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދިޔުމަށް ކުރަމުންދާ މަސައްކަތުގައި ދެ ގައުމުގު ގުޅުން ވަރުގަދަކުރުމަށް މަސައްކަތްތަކެއް ކުރާނެކަމަށެވެ. އެގޮތުން އިގްތިޞާދު ފުޅާކޮށް ދެގައުމުގެ ދެމެދު ވިޔަފާރީގެ މުއާމަލާތްތައް ކުރެވި ސަގާފީގޮތުންވެސް ގުޅުން ބަދަހިކުރެވިގެންދާނެކަމަށެވެ. މީގެއިތުރުން ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް މަސައްކަތްކުރާނެއެވެ.

މިބަޔާނަކީ އިސްރާއީލުގެ ބޮޑުވަޒީރު ޔައިރް ލެޕިދު އާއި ތުރުކީގެ ރައީސް ތައްޔިބް އުރުދުޣާން އާ ދެބޭފުޅުންގެ މެދުގައި ހިނގާ ދިޔަ މަޝްވަރާތަކަށްފަހު ނެރުނު ބަޔާނެކެވެ.

އަނެއްކޮޅުން އަންކާރާގައި ކުރިޔަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ތުރުކީގެ ފޮރިން މިނިސްޓަރ ވިދާޅުވީ ސަފީރުން އައްޔަނުކުރުމަކީ ގުޅުން ބަދަހިކުރުމުގެ ގޮތުން އެޅި ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއްކަމަށެވެ. ގުޅުން ބަދަހިކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އިސްރާއީލުގެ ފުށުން ފެނުނު ރަނގަޅު ކަންތައްތަކާއެކު ތުރުކީންވެސް އިސްރާއީލްގެ ތަލްއަވީވުގައި ސަފީރެއް ބެހެއްޓުމަށް ނިންމާފައިވާކަމަށެވެ.

ތުރުކީގެ ފޮރިން މިނިސްޓަރ ވިދާޅުވީ މީގެ މާނައަކީ ތުރުކީން ފަލަސްތީނުގެ މައްސަލަތަކާމެދު އަޅާނުލާ ފަލަސްތީނު ދޫކޮށްލީ ނޫންކަމަށެވެ.

ދެ ގައުމުގައި ތިބި ސަފީރުން ގައުމަށް އަނބުރާ ފޮނުވާލީ 2018 ވަނަ އަހަރު އިސްރާއީލު ސިފައިން ފަލަސްތީނުގެ 60 މީހުން ޝަހީދުކޮށްލި ހާދިސާގައެވެ. އެފަހަރު އިސްރާއީލުން ފަލަސްތީނުގެ 60 މީހުން ޝަހީދުކޮށްލީ އެމެރިކާގެ އެމްބަސީ ޖެރޫސަލަމްގައި ހުޅުވުމާ ދެކޮޅަށް ކުރިޔަށްދިޔަ މުޒާހަރާތަކުގައެވެ.

އިސްރާއީލުގެ ރައީސް އިސާކް ހާޒޮގް ވަނީ މިއަހަރުގެ މަރޗް މަހު ތުރުކީއަށް ވަޑައިގަންނަވާފައެވެ. އޭގެފަހުން ދެގައުމުގެ ފޮރިން މިނިސްޓަރ ވަނީ އެއް ގައުމު އަނެއް ގައުމަށް ވަޑައިގަންނަވާފައެވެ. މިއާއެކު އިސްރާއީލާއި ތުރުކީގެ ނުތަނަވަސްވެފައިވާ 10 އަހަރުގެ ގުޅުން ރަނގަޅުކުރުމަށް ވަނީ މަގުފަހިވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް