ކ. މާލެ
|
17 އޯގަސްޓް 2022 | ބުދަ 11:02
އެމެރިކާގެ ސްޓޭޓް ޑިޕަރޓްމަންޓްގެ ތަރުޖަމާނު ނެޑް ޕްރައިޒް
އެމެރިކާގެ ސްޓޭޓް ޑިޕަރޓްމަންޓްގެ ތަރުޖަމާނު ނެޑް ޕްރައިޒް
ރޮއިޓާރސް
އީރާނާއެކު އެކުލަވާލި އެއްބަސްވުން
ސުލްހަ ހޯދަން، އީރާނުގެ "ތާކުންތާކު ނުޖެހޭ" ޑިމާންޑްތަކަށް ދޫދީ: އެމެރިކާ
ލުއި ދިނުމަށް އެއްބަސްވުން ބާރު އެޅި ނަމަވެސް، އަދާ ޖެހުނުއިރުވެސް އެ އެއްބަސްވުމުގެ ކަންކަން ފުރިހަމައަށް ތަންފީޒު ކުރެވިފައެއް ނުވޭ
ބަދަލެއްގެ ގޮތުގައި، ދަތިކުރުމުގެ ފިޔަވަޅުތަކަށް އީރާނަށް ލުއި ލިބޭ އުސޫލުން
ދުނިޔޭގެ ބާރުތަކާ އީރާނާއެކު އެކުލަވާލި އެއްބަސްވުން މައިގަނޑު ގޮތެއްގައި ފަރުމާކޮށްފައި އޮތީ އީރާނުގެ ނިއުކްލިއަރ މަޝްރޫއު މަޑުޖައްސާލުމަށް

އީރާނުން ކުރިއަށް ގެންދާ ނިއުކްލިއަރ މަޝްރޫއާ ގުޅިގެން ބައިނަލްއަގުވާމީ ފެންވަރުގައި އުފެދިފައި ވާ ނުތަނަވަސް ކަމަށް ސުލްހަވެރި ހައްލެއް ހޯދުމަށް އެއްބަސްވުމެއް އެކުލަވާލަން ބޭނުން ކަމުގައި ވަނީ ނަމަ، އީރާނުން ކުރަމުންދާ "ތާކުންތާކު ނުޖެހޭ" ޑިމާންޑްތަކަށް ނިމުމެއް ގެންނަން ޖެހޭ ކަމަށް، އެމެރިކާގެ ސްޓޭޓް ޑިޕަރޓްމަންޓްގެ ތަރުޖަމާނު ނެޑް ޕްރައިޒް ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕްރައިޒް ވިދާޅުވީ، ދުނިޔޭގެ ބާރުތަކާއި އީރާނާ ދެމެދު 2015 ވަނަ އަހަރު އެކުލަވާލި ސުލްހައިގެ އެއްބަސްވުމަށް ރުޖޫއަ ވެވެން އޮތް ހަމަ އެކަނި ގޮތަކީ، އީރާނުން ކުރަމުންދާ، ބަލައިގަނެވެންނެތް ޑިމާންޑްތައް ހުއްޓާލުން ކަމަށެވެ.

ޕްރައިޒް އިތުރަށް ވިދާޅުވީ 2015 ވަނަ އަހަރުގެ އެއްބަސްވުން ސަލާމަތްކޮށް، ނެގެހެއްޓުމަށްޓަކާ ކުރަން ޖެހޭ ކަންކަން ބަޔާންކޮށް، ވިލާތުގެ އިއްތުހާދުން އެކުލަވާލާފައިވާ ފައިނަލް ދެލިކޮޕީގައި ވާ ކަންކަމާ މެދު އެމެރިކާގެ ރައުޔު އޮތް ގޮތެއް، އެ ބްލޮކްގެ އެންމެ އިސް މަންދޫބު، ޖޯސެފް ބޮރެލްއާ ސީދާ ގޮތެއްގައި އެމެރިކާއިން ހިއްސާ ކުރާނެ ކަމަށެވެ.

ޖޮއިންޓް ކޮމްޕްރިހޭންސިވް ޕްލޭން އޮފް އެކްޝަން (ޖޭސީޕީއޯއޭ) ސަލާމަތް ކުރުމަށް އެމެރިކާގެ އަދުގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެމެރިކާގެ ކުރީގެ ރައީސް، ޑޮނާލްޑް ޓްރަމްޕްގެ ސަރުކާރުން، އެ އެއްބަސްވުން ދޫކޮށްލީ 2018 ވަނަ އަހަރުގެ ތެރޭގައެވެ.

އީރާނުގެ ނިއުކްލިއަރ މަޝްރޫއާ ގުޅިގެން އެ ޤައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް ތަންފީޒު ކުރަމުން ދާ އިރު، އެ މަޝްރޫއު މަޑުޖައްސާލައިފިނަމަ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ދިނުމަށް 2015 ވަނަ އަހަރުގެ އެއްބަސްވުން ބާރު އަޅައެވެ. ނަމަވެސް، އަދާ ޖެހުނުއިރުވެސް އެ އެއްބަސްވުމުގެ ކަންކަން ފުރިހަމައަށް ތަންފީޒު ކުރެވިފައެއް ނުވެއެވެ.

އެތައް އަހަރަކަށް ދިގުލައިގެން ދިޔަ މަޝްވަރާތަކަށްފަހު، ދުނިޔޭގެ ބާރުތަކާ އީރާނާއެކު އެކުލަވާލި އެއްބަސްވުމަށް ރަސްމީ ސިފައެއްގައި ދީފައިވާ ނަމަކީ "ޖޮއިންޓް ކޮމްޕްރިހޭންސިވް ޕްލޭން އޮފް އެކްޝަން"އެވެ. އެ އެއްބަސްވުން މައިގަނޑު ގޮތެއްގައި ފަރުމާކޮށްފައި އޮތީ އީރާނުގެ ނިއުކްލިއަރ މަޝްރޫއު މަޑުޖައްސާލުމަށެވެ. ބަދަލެއްގެ ގޮތުގައި، ދަތިކުރުމުގެ ފިޔަވަޅުތަކަށް އީރާނަށް ލުއި ލިބޭ އުސޫލުންނެވެ. އައިއޭއީއޭއިން، އީރާނުގެ ނިއުކްލިއަރ މަޝްރޫއު 24 ގަޑިއިރު މޮނިޓަރކުރަން ހަމަޖެއްސިއެވެ. އަދި 3.67 ޕަސެންޓާ ހަމައަށް ޔުރޭނިއަމް ފައްކާކުރުމުގެ ހުއްދަ އީރާނަށް ދިނެވެ. އީރާނުގެ ގިނަ ބަޔަކު އޭރު ގަބޫލުކުރަމުން ދިޔައީ، އެއްބަސްވުމުގެ ސަބަބުން އީރާނުގެ އިގުތިސޯދު ހެޔޮ ފާލަކަށް އެޅޭނެކަމަށެވެ.

އީރާނުން ކުރިއަށްގެންދާ ނިއުކްލިއަރ މަޝްރޫއަކީ، ދުނިޔޭގެ އެންމެ ނުފޫޒުގަދަ ގައުމުގެ ގޮތުގައި އޮތް އެމެރިކާއިން އެންމެ ފާޅުގައި ގައުމެއްގެ މިނިވަންކަމަށް ނުފޫޒު ފޯރުވަމުން ގެންދިއުމުގެ އަސްލު ކަމުގައިވި އެއް މަޝްރޫއެވެ. އީރާނުގެ ނިއުކްލިއަރ މަޝްރޫއަކީ މަދަނީ މަޝްރޫއެއްކަމަށް އެ ގައުމުން ބުނިކަމުގައި ވީނަމަވެސް، އެ މަޝްރޫއުގެ ނިޔަތަކީ އަސްކަރީ ބާރުވެރިކަމުގެ ނިޔަތެއްކަމަށް ބުނެ، އެމެރިކާއިން ދަނީ އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް ތަންފީޒުކުރަމުންނެވެ. ނަތީޖާއެއްގެގޮތުން އީރާން ނުތަނަވަސްވެ، ބައިނަލްއަގުވާމީ އެއްބަސްވުންތަކަށް އެ ގައުމުން ފުރަގަސްދިނެވެ.

- ކޮމެންޓް