Advertisement
ކ. މާލެ
|
17 ޖޫން 2017 | ހޮނިހިރު 03:46
 ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބު
ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބު
ރާއްޖެ އެމްވީ
އަދީބުގެ ސިއްހީ ހާލަތު
އަދީބަށް ސިއްހީ ފަރުވާ ނުލިބޭ މައްސަލަ އދ. އަށް ހުށަހަޅައިފި
މައްސަލަ ހުށަހަޅާފައިވަނީ އދގެ ސިއްހަތާ ބެހޭ ޚާއްސަ ރެޕަޓުއަރ ޑރ. ޑެއިނިއަސް ޕޫރާސްއަށް
އަދީބަށް ވަނީ ސިއްހީގޮތުން ސީރިއަސް މައްސަލަތަކެއް ކުރިމަތިވެފަ
ރާއްޖެއިން ބޭރަށް ގެންދިއުމުގެ ފުރުޞަތު އަދިވެސް ދީފައެއް ނުވޭ

އެކި މައްސަލަތަކުގައި  ޙުކުމްކޮށް، ޖުމްލަ 33 އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބުގެ ސިއްހީ ފަރުވާއަށް ހުރަސްއަޅަމުންދާ މައްސަލަ އދ. އަށް ހުށަހަޅުއްވައިފިއެވެ.

 

ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު އަދި މިހާރު އދގެ ޚާއްސަ ރެޕަޓުއަރއެއްގެ ގޮތުގައި މަސައްކަތް ކުރައްވާ އަޙުމަދު ޝަހީދު މިމައްސަލަ އދ. އަށް ހުށަހެޅުއްވުމަށްފަހު ވިދާޅުވީ މިމައްސަލަ ޔޫއެންގެ ކަމާބެހޭ ހުރިހާ ފަރާތެއްގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.

 

ސިއްހީ ހާލުކޮޅު ވަރަށް ބޮޑަށް ދެރަވެ، އަވަސް ފަރުވާ ނުލިބޭނަމަ، ޖަލުގައި އަވަހާރަވުމުގެ ބިރު އޮތް ކަމަށް އަދީބްގެ އާއިލާ އާއި ޤާނޫނީ ވަކީލުން ހާމަކޮށްފައިވަނިކޮށް، ޝަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ،އަދީބްގެ މައްސަލަ ޑޮކްޓަރަށް ދެއްކުމަށް ޖޫން 14، 2017 އަށް ނަންބަރެއް ނަންގާވާފައިވާ ކަމަށެވެ.

 

ޝަހީދު އިތުރަށް ވިދާޅުވީ، އަދީބް ދައްކާނީ، ޑރ. ޑެއިނިއަސް ޕޫރާސްއަށް ކަމަށެވެ. ލިތުއޭނިއާއަށް ނިސްބަތްވެވަޑައިގަންނަވާ ޑރ. ޑެއިނިއަސް ޕޫރާސް އަކީ، ލިބެންހުރި އެންމެ މަތީ ފެންވަރެއްގެ ސިއްހީ ފަރުވާ، އެންމެންނަށް ހަމަހަމައަށް ލިބިދިނުން ކަށަވަރު ކުރުމަށް އދ.އިން ކަނޑައަޅުއްވާފައި ހުންނަވާ ޚާއްސަ ރެޕަޓުއާއެވެ.

 

އެބޭފުޅާއަކީ ނަފްސާނީ ބައްޔާއި، ކުޑަކުދިންގެ ބަލިތަކުގެ ދާއިރާއިން ޚާއްސަ މެޑިކަލް ޑޮކްޓަރެކެވެ. އަދި މީގެ އިތުރުން، ޑރ. ޑެއިނިއަސް އަކީ ލިތުއޭނިއާ، އިނގެރޭސިވިލާތް އަދި އެމެރިކާގެ މެޑިކަލް ޔުނިވަރސިޓީތަކުގައި ކިޔަވައިދެއްވާ ޕްރޮފެސަރެއްވެސްމެއެވެ.

 

ފަރުވާއަށް އަދީބް ރާއްޖެއިން ބޭރަށް ފޮނުވުމުގެ ހުއްދަ ނުދީ، ސަރުކާރުން އެކަން ދިގުދަންމަމުންދާ މައްސަލަ ބުދަ ދުވަހު ޑރ. ޑެއިނިއަސްއަށް ހުށަހަޅަން ނިންމަވާފައިވާއިރު، އަދީބްގެ އާއިލާއިން މިހާރު ވަނީ އަދީބްގެ ސިއްހީ ހާލަތާއި ގުޅޭ ލިޔެކިޔުންތައް ޝަހީދާއި ހިއްސާކޮށްފައެވެ.

 

އަދީބުގެ ސިއްހީ ހާލަތާއި ގުޅޭގޮތުން، އެމަނިކުފާނުގެ ގާނޫނީ ވަކީލް މޫސާ ސިރާޖް ވިދާޅުވީ، އަދީބުގެ ބައްޔަށް ރާއްޖޭން ފަރުވާ ދެވެން ނެތް ކަމަށާއި، ރާއްޖެއިން ބޭރުން ފަރުވާ ހޯއްދަވަން ޑޮކްޓަރުން ލަފާ ދެއްވާފައިވާ ކަމަށެވެ.

 

އަދީބަށް ރާއްޖޭން ބޭރުން ބޭސްފަރުވާ ކުރުމުގެ ފުރުސަތު ދިނުމަށް އާއިލާއިން އެދިފައިވާއިރު، އެކަމުގައި ޒިންމާ ނަގާނެ ފަރާތެއް ނެތި، އެކަން ދަނީ ދިގުލަމުންނެވެ. މި މައްސަލައިގައި ފުލުހުން ބުނަނީ އެކަމުގައި ޒިންމާ ނަގާނީ ކަރެކްޝަނަލް ސާވިސްއިން ކަމަށެވެ. ނަމަވެސް ކަރެކްޝަނަލް ސާވިސްއިން ބުނަނީ އަދީބު ހުންނެވީ އެ މުއައްސަސާގެ ބެލުމުގެ ދަށުގައި ނޫން ކަމަށެވެ. އަދީބު މިހާރު ހައްޔަރުކޮށްފައި ހުރީ ފުލުހުންގެ ބެލުމުގެދަށުން ދޫނިދޫ ޑިޓެންޝަން ސެންޓަރުގައެވެ.

 

ސިރާޖު ވިދާޅުވީ އަދީބުގެ ކިޑްނީގައި ހިލަ އުފެދިފައިވާއިރު، އެތެރެހަށީގައި ސިސްޓްތަކެއް ހުރި ކަމަށެވެ. އަދި ލޮލުގެ ފެނުން ގެއްލިގެން ގޮސްދާނެ ފަދަ ބައްޔެއް ކަމުގައިވާ ގްލުކޯމާ އެމަނިކުފާނަށް ޖެހިފައިވާކަމަށެވެ.

 

އަދީބު ގެއަށް ބަދަލުކުރުމަށް އާއިލާއިން އެދިފައިވާއިރު، ކަރެކްޝަނަލް ސާވިސްއިން ހޯމަ ދުވަހު ބުނެފައިވަނީ ގެއަށް ބަދަލުކޮށްދެވެން ނެތް ކަމަށެވެ.

 

ޓެރަރިޒަމާއި ކޮރަޕްޝަންގެ ތިން މައްސަލައެއްގައި އަދީބަށް ޙުކުމް އިއްވާފައިވާއިރު، އަދީބުގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ އިތުރު މައްސަލަތައް ދަނީ ތަހުގީގުކުރަމުންނެވެ. އަދި އެފަދަ ބައެއް މައްސަލަތަކުގެ ޝަރީޢަތް ކްރިމިނަލް ކޯޓްގައި ދަނީ ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް