ކ. މާލެ
|
16 ޖޫން 2017 | ހުކުރު 17:24
ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެމްބަރުންނަށް މަގާމު ދެއްވުމުގެ ތެރެއިން (ފައިލް)
ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެމްބަރުންނަށް މަގާމު ދެއްވުމުގެ ތެރެއިން (ފައިލް)
ރައީސް އޮފީސް
ބްރޯޑްކާސްޓިން ކޮމިޝަން
ބްރޯޑްކޮމް ކުރުދޮށީގައި - އެ ހޯދީ މީޑިއާނެޓުން ބައި މިލިއަން، ރާއްޖެޓީވީން 1.2 މިލިއަން
ޖުރިމަނާގެ ގޮތުގައި ޙާލަތާ ނުބައްދަލު އަދަދުތައް ދަނީ ދެއްކުމަށް އަންގަމުން
ޖުރިމަނާ ކަނޑައެޅުމުގައި އެއްވެސް އިންސާފެއް ނެތް
މައްސަލަ ބެލުމުގައިވެސް އިންސާފެއް ނެތް

ރާއްޖޭގެ ބްރޮޑްކާސްޓިންގ ދާއިރާ ރެގިއުލޭޓް ކުރުމަށް ކަމަށް ބުނެ އަކަމަށް މަތިކޮށްފައި ތިބި ހަތް މެމްބަރުންގެ ޓީމަކީ އަދައިގެ ބައެއް ނޫނެވެ. ބްރޮޑްކާސްޓަރުންނާއި ރީބްރޯޑްކާސްޓަރުން ފިތްކަނޑައިގެންދާ ވަރުގެ ބޮޑުތި އަދަދުތަކުން އެހެރަގެންދަނީ ޖުރިމަނާ ކުރަމުންނެވެ. ހެދޭނެ އެއް ގޮތެއްވެސް ނޯންނާނެ އެވެ. ކަނޑައެޅި އަދަދެއްގެ ފައިސާއެއް ޖެހޭނީ ދައްކާށެވެ. އެ ފައިސާ ނުދައްކާ ދެވޭނެ ތަނެއްވެސް ނޯންނާނެއެވެ. ތިޔައީ ހަމަ ރަނގަޅު އަދަދުތޯ އަހާލެވޭނެ ގޮތެއްވެސް ނޯންނާނެއެވެ. އަދަބު ދެމެން ގެންދާ ގޮތުންނާއި އަޅާ ފިޔަވަޅު ތަކުން އެއީ ހަސަދައެއް ފިލުވާލަނީއޭވެސް ހީވެއެވެ.

ރާއްޖެޓީވީ ޖުރިމަނާ ކުރި ފުރަތަމަ މައްސަލައިގައި ސްޓޭޝަންގެ ބޮލުގައި ދެ ލައްކަ ރުފިޔާ އެޅުވިއެވެ. އެއީ ފުރަތަމަ ފަހަރު ކަމަށްވީމާ ކަމަށް ބުނެފައި އޮތެވެ. ފުލުފުލުގައި އައިސް ދެވަނަ ޖުރިމަނާ ރާއްޖެޓީވީ އާ ބައްދަލު ކޮށްފިއެވެ. އެ ފަހަރު އެއް މިލިއަނެވެ. އެއީ ލައިވް އިވެންޓެއްގައި ރައީސް ޔާމީންގެ ތަރައްގީގެ ސިޔާސަތައް ފާޑު ކިޔާ ސިޔާސީ ޕޯޑިއަމް އެއްގައި މީހަކު ދެއްކި ވާހަކައެއްގައި އޮތް ދެތިން ޖުމްލައެއް ބްރޮޑްކާސްޓް ކުރެވުނީތީއެވެ. އޭގައި މީހެއްގެ އަބުރަށް އަރައިގަންނަ ގޮތެއް ޖުރިމަނާ ދެއްކި އިރުވެސް މީހަކަށް ވިސްނޭ ގޮތެއް ނުވިއެވެ. އެކަމަކު އެވާހަކަ ކޮޅު ބޮޑު ފާފައަކަށް ހަދާ އެއް މިލިއަން ރުފިޔާ އިން ރާއްޖެޓީވީ ޖުރިމަނާ ކޮށްލީއެވެ. އަދިވެސް އެ ވަޅުގަނޑުން ރާއްޖެޓީވީއަށް އަރައެއް ނުގަނެވެއެވެ.

ދެން މި އިވުނީ ރާއްޖޭގެ ރީބްރޮޑްކާސްޓަރެއް ކަމުގައިވާ މީޑިއާނެޓް ފަސްލައްކަ ރުފިޔާއިން ޖުރިމަނާ ކުރި ވާހަކައެވެ. އެއީ އަލްޖަޒީރާއިން ދެއްކި "ސްޓީލިންގ ޕެރަޑައިސް" ކިޔާ ޑޮކިއުމެންޓަރީއެއް ރީ ބްރޮޑްކާސްޓް ކޮށްގެން ކަމަށް ވެއެވެ. އެ ޑޮކިއުމެންޓަރީ އަކީ މުޅި ދުނިޔެ ބަލައިގެން ޑޮކިއުމެނޓަރީ އެކެވެ. ތަހުގީގީ ނޫސްވެރިކަމުގެ ރޮނގުން އިނާމު ހާސިލް ކުރި ޑޮކިއުމެންޓަރީ އެކެވެ. އެ ޑޮކިއުމެންޓަރީގައި ދައްކަނީ ދިވެހި ސަރުކާރުގެ ތެރޭގައި ކަރަޕްޝަން އަށަގެނެފައިވާ މިންވަރެވެ. ބަރުކަމުން އެކަނި ހިއްލާލަން އުނދަގޫ މިންވަރަށް ޑޮލަރު ބޮނޑިހަދައިގެން ބޭބޭފުޅުންނަށް އުފުލި ވާހަކައެވެ. އެކަން ކުރި މީހުންގެ އަނގައިން އެވާހަކަތައް ކިޔައިދޭ މަންޒަރު ޑޮކިއުމެންޓަރީން ފެނެއެވެ.

ތަހުގީގީ ނަޒަރަކުން ގައުމުގައި ހިނގާ ނޭއްގާނީ ކަންކަން ބަލާ ރައްޔިތުންނާއި ކަމާބެހޭ މުއައްސަސާތަކާ ހަމައަށް ތިލަކުރުމުގެ ޒިންމާ އުފުލަންޖެހެނީ ކޮންމެ ގައުމެއްގައިވެސް ނޫސްވެރިން ނޫންބާވައެވެ؟ ރާއްޖޭގައި ތަހުގީގީ ނޫސްވެރިންނަށް އޮތް އެންމެ ބޮޑު ނުރައްކަލަކައް ވެފައި މިވަނީ ބްރޮޑްކާސްޓިންގ ކޮމިޝަނެވެ. އަނގަ ތަންމިނަށް ހުޅުވައިގެން އޮތް ސިންގާއެއް ފަދައިން އެ ކޮމިޝަން އެ އޮންނަނީ ނޫސްވެރިންނާ ބްރޮޑްކާސްޓަރުން ރޮލާ ދިރުވާލަން ތައްޔާރަށެވެ. ބޮޑު ސިންގާ ބިރެއްގެ ގޮތުގައެވެ. އަސޭލާ ކިޔާ އަވައްޓެރި ގައުމެއްގެ ސިހުރުވެރިއެއް ދައްކާފައިވާ ވާހަކަތަކުގައިވެސް ކޮމިޝަނުން ވަނީ އަތް އަޅާފައެވެ. އަސޭލާ އެބުނަނީ ތެދެއް ނަމަ އެއީ ސީރިއަސް ވާހަކަތަކެއް ނޫންތޯއެވެ؟ މިހެންވާއިރު ބްރޯޑްކާސްޓިންގ ކޮމިޝަނަށް މި އަދާކުރެވޭ ނުރައްކާތެރި ދައުރަކީ ކުށްކުރާ މީހުންނާއި ޖަރީމާތައް ހިންގާ ފަރާތްތައް ހިމާޔަތް ކޮށްދެވެނީ ނޫންބާވައޭ ހިތައް އަރައެވެ. ރިޕޯޓްތަކާއި ޑޮކިއުމެންޓަރީ ތަކުގައި ދައްކާ ވާހަކަތަކަކީ ތެދު ހަގީގަތް ނޫންކަން ފިޔަވަޅު އެޅުމުގެ ކުރިން އެ ކޮމިޝަނަށް ދެނެގަނެވޭން ޖެހޭނެއެވެ. އެކަން އެ ކޮމިޝަނުން ކުރުމަށް މިނިވަން އިންސާފުވެރި ތަހުގީގެއް ހިންގަންޖެހޭނެއެވެ. އިންޓަވިއު ދޭ ފަރާތްތަކާއި މައުލޫމާތުގެ މަސްދަރުތައް ދިރާސާކޮށް ބަލާ އެއީ ތެދުކަން ނުވަތަ ނޫންކަން އެ ކޮމިޝަނަށް ކަނޑައެޅިގެން ދެނެގަނެވެން ޖެހޭނެއެވެ. އިންސާފުން މިކަންކަން ބެލުމުގެ ބަދަލުގައި އަވަސްވެ ގަންނަނީ އެ ކޮންޓެންޓެއް ބްރޯޑްކާސްޓް ކުރި ފަރާތް ހަފުސްކޮށްލުމަށެވެ. އެއްވެސް އިންސާފެއް ހަމަ އެއް ނޯވެއެވެ.

ބްރޮޑްކާސްޓިންގ ކޮމިޝަނުން ސްޓީލިން ޕެރަޑައިސް ރީ ބްރޯޑްކާސްޓް ކޮށްގެން މީޑީއާނެޓް ޖުރިމަނާ ކުރި މައްސަލައިގައި މީހުން ފާހަގަ ކުރާ އެހެން ހެއްވާ ކަމެއްވެސް އެބައޮތެވެ. އެއީ އެކޮމިޝަނުން ޖުރިމަނާ ކަނޑައަޅާ ގޮތެވެ. ރާއްޖެޓީވީ އެއް މިލިއަން ރުފިޔާއިން ޖުރިމަނާ ކުރީ ވަރަށް ކުރު އެހާމެ އަދައިގެ ވާހަކައެއް މީހަކު ޕޯޑިއަމްގައި ދައްކައިގެންނެވެ. އަނެއްކޮޅުން ސްޓީލިން ފެރަޑައިސް އަކީ އެއް ގަޑީއިރުގެ ދިގު ވަރަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާ ޑޮކިއުމެންޓަރީ އެކެވެ. އެކަމަކު ކޮމިޝަންގެ ނަޒަރުން އެއީ ފަސްލައްކަ ރުފިޔާ އިން ޗަލުވާލެވޭ ވަރުގެ މައްސަލައެކެވެ. ރާއްޖެޓީވީ ޖުރިމަނާ ކުރި ކޮންޓެންޓާއި ސްޓީލިން ޕެރަޑައިސްގައި ހުރި ކޮންޓެންޓާ އަޅާ ކިޔާލުމުން ދެ ކޮންޓެންޓުގައި ހުރި ބަރުދަނުގެ ތަފާތާއި ޖުރިމަނާ ކުރުމުގައި ހުރި ނާ އިންސާފު ކިތަންމެ ރަނގަޅަކަށްވެސް ހާމަވެއެވެ.

ބްރޯޑްކާސްޓިންގ ކޮމިޝަނުން ހިތުހުރި ގޮތަކަށް ބޮޑެތި އަދަބުތައް ދެމުންދާއިރު، އެކޮމިޝަނުގެ ޒިންމާއަކީ އަދަބު ދިނުމާއި ފަނާކުރުމުގެ މަސައްކަތް ކުރުން ކަމަށް ހީވެއެވެ. ބްރޮޑްކާސްޓިންގ ކޮމިޝަނެއް އޮންނާނީ ބްރޯޑްކާސްޓަރުންނާއި ރީ ބްރޯޑްކާސްޓަރުންވެސް ދިރި ދުނިޔޭގައި ތިބި ތަނެއްގައެވެ. ކޮމިޝަނުގެ މެމްބަރުންނަށް ވީތީ ލިބޭ ބޮޑު މުސާރައާއި އިނާޔަތްތަކަކީ ބްރޯޑްކާސްޓަރުންގެ ގޮތުގައި އަވަދިނެތި ބުރަ މަސައްކަތްތަކެއް ކުރާ ބަޔަކު ތިބޭތީ ލިބޭއެއްޗެކެވެ. ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ޒިންމާތަކުގެ ތެރޭގައި ބްރޯޑްކާސްޓިން ދާއިރާ ތަރައްގީ ކުރުމާއި ކުރިއެރުވުމާއި ނޫސްވެރިންގެ ގާބިލްކަން އިތުރު ކުރުން ނުހިމެނޭތޯއެވެ؟ ހިމެނެއެވެ. ވަރަށް ބޮޑަށްވެސް ހިމެނެއެވެ. ހިތާމައަކީ މިއިން ކަމަކަށް ހަމަ އެއްވެސް އަޅާލުމެއް ނެތި ބްރޯޑްކާސްޓަރުންގެ ތެރެއިންވެސް "ނުރުއްސަވާ" ބަޔަކަށް އަދަބު ދިނުމާއި ބިރު ދެއްކުން ނޫން ކަމެއް ކުރަމުން ނުދިއުމެވެ. ޓާގެޓް ކޮށްގެން ބައެއް ބްރޮޑްކާސްޓަރުންނާއި ރީބްޑްކާސްޓަރުންނަށް ނާއިންސާފުން ފިޔަވަޅު އަޅަމުންދާ މައްސަލައިގައި އަދި ވިޔަފާރިތަކަށް ދެމެންދާ ބޮޑެތި ގެއްލުންތަކާބެހޭ ގޮތުން ކޮމިޝަން ޒިންމާދާރު ކުރަން އޮތީ ރައްޔިތުންގެ މަޖިލީހެވެ. މިހާރު ހިނގަމުންދާ މަޖިލިހަކީ ވަކި ފަރާތެއްގެ ކޮންޓްރޯލްގައި އޮތް އަދި ބޮޑުތަނުން ވާގި ނައްތާލާފައި އޮތް މަޖިލީހެއްކަން ބްރޮޑްކާސްޓިންގ ކޮމިޝަނަށް ވިސްނޭތީ ހިތުހުރި ގޮތަކަށް ކަންކުރަމުން ގެންދަނީއެވެ.

- ކޮމެންޓް