Advertisement
ކ. މާލެ
|
16 ޖޫން 2017 | ހުކުރު 16:11
ލޯންޗް އެކްސިޑެންޓްގައި އަނިޔާވި މީހަކު ހޮސްޕިޓަލަށް ގެންދަނީ -- ފޮޓޯ: ޓްވިޓާރ
ލޯންޗް އެކްސިޑެންޓްގައި އަނިޔާވި މީހަކު ހޮސްޕިޓަލަށް ގެންދަނީ -- ފޮޓޯ: ޓްވިޓާރ
ޓްވިޓަރ
ސަމާ އައިލެންޑް އެކްސިޑެންޓް
ސަމާ އައިލެންޑް ހާދިސާގައި އެކްސިޑެންޓްވި ދޯނީގެ ކައްޕީގެ ބަންދަށް އަނެއްކާ ވެސް 10 ދުވަސް ޖަހައި، ފަޅުވެރިން ޑީޕޯޓްކޮށްލަނީ!
ކައްޕީގެ ބަންދަށް 10 ދުވަސް ޖެހީ މިމަހުގެ 10 ވަނަ ދުވަހު
ބިދޭސީ 4 ފަޅުވެރިން ޑީޕޯޓްކޮށްލުމަށް އިމިގްރޭޝަނާއި ހަވާލުކޮށްފައިވަނީ މިމަހުގެ 7 ވަނަ ދުވަހު

ސަމާ އައިލެންޑް ރިސޯޓުން ފުރައިގެން ދަތުރުކުރަނިކޮށް އެކްސިޑެންޓްވި ލޯންޗް ޖެހުނު ދޯނީގެ ކައްޕީގެ ބަންދަށް 10 ދުވަސް ޖަހައި، ދޯނީގެ ބިދޭސީ ހަތަރު ފަޅުވެރިން ޑީޕޯޓްކޮށްލަން ނިންމައިފިއެވެ.

 

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބިދޭސީ ހަތަރު މީހުންގެ ވިސާގެ މައްސަލަތަކެއް ކުރިމަތިވެފައި ވާތީ، އެމީހުން ކުރިން ވެސް ވަނީ އިމިގްރޭޝަނާ ހަވާލުކޮށްފައެވެ. ފުލުހުން ބުނީ އެ ހަތަރު ބިދޭސީން ޑީޕޯޓްކޮށްލަން ނިންމައި މިމަހުގެ 7 ވަނަ ދުވަހު އެމީހުން އިމިގްރޭޝަނާ ހަވާލުކުރެވިފައިވާ ކަމަށެވެ.

 

ބަންދުގައި ބަހައްޓައިގެން މައްސަލަ ތަހުގީގު ކުރުމަށް ލޯންޗް ކައްޕީގެ ބަންދުގެ މުއްދަތައް ކުރިން ވެސް ވަނީ 10 ދުވަސް ޖަހާފައެވެ. ކައްޕީގެ ބަންދުގެ މުއްދަތު ޖަހާފައި ވަނީ ޖޫން 10 ވަނަ ދުވަހުއެވެ.

ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގަށް ކުރިއެރުންތައް ލިބެމުންދާ ކަމަށާއި މައްސަލަ ތަހުގީގުކޮށް އަދި ނުނިމޭ ކަމަށެވެ.

 

މިދިޔަ މޭމަހުގެ 30 ވަނަ ދުވަހުގެ ރޭ ހިނގި  އެ ނުރައްކާތެރި އެކްސިޑެންޓް ހިނގަން މެދުވެރިވީ، ރީތިރަށް ރިސޯޓް ކައިރީ ދޯނި މަޑުކޮށްގެން އޮތްއިރު، އޭގައި އެއްވެސް އަލިކަމެއް ފެންނަ ގޮތަށް ލައިޓެއް ދިއްލާފައި ނެތުމުން، ސަމާ އައިލެންޑުން ދަތުރުކުރި ލޯންޗްގައި އިން ކައްޕިއަށް އެ ދޯނި ނުފެނިގޮސް އޭގައި ޖެހިގެންނެވެ.

 

އެ އެކްސިޑެންޓްގައި 14 މީހަކު ޒަހަމްވެފައިވާ އިރު، ސީރިއަސް ޒަޚަމްތަކެއް ލިބުނު ތިން މީހަކަށް އަދިވެސް އޭޑީކޭގައި އަންނަނީ ފަރުވާދެމުންނެވެ.

 

ކަނޑުމަތީގެ ގަވާއިދުގައިވާ ގޮތުން ނަމަ ރޭގަނޑު ދަތުރުކުރާ އިރު ކޮންމެ އުޅަނދެއްގައި ނެވިގޭޝަން ލައިޓް ދިއްލާފައި ހުންނަން ޖެހޭއިރު، އަލިކަމެއް އޭގައި ހުންނަން ޖެހޭނެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް