ކ. މާލެ
|
8 އޯގަސްޓް 2022 | ހޯމަ 19:56
ރޮހިންޔާ މުސްލިމުން
ރޮހިންޔާ މުސްލިމުން
އަލްޖަޒީރާ
ރޮހިންޔާ މުސްލިމުން
ރޮހިންޔާ މުސްލިމުން އަނބުރާ ފޮނުވާލުމަށް ބަންގްލާދޭޝްއިން ޗައިނާގެ އެހީއަށް އެދެފި
މިޔަންމާ ދޫކޮށް ރޮހިންޔާ މުސްލިމުން ހިޖުރަކުރަނީ، އެމީހުން ނައްތާލުމަށް އަނިޔާދީ ގެދޮރުގައި ހުޅުޖަހައިހަދާތީ

ބަންގްލާދޭޝްއަށް ހިޖުރަކޮށްފައިވާ މިޔަންމާގެ އެތައްހާސް ރޮހިންޔާ މުސްލިމް ރެފިއުޖީން އަލުން އަނބުރާ މިޔަންމާއަށް ބަދަލުކުރުމަށް ޗައިނާގެ އެހީ ބޭނުންވާކަމަށް ބަންގްލާދޭޝްއިން ބުނެފިއެވެ. ބަންގްލާދޭޝްއިން މިކަމަށް އެދިފައިވަނީ ޗައިނާގެ ޚާރިޖީ ވަޒީރު ވެންގ ޔީ މިހަފްތާގެ ކުރީކޮޅު އެގައުމަށް ކުރެއްވި ދަތުރުފުޅެއްގައެވެ. މިޔަންމާގެ މައްޗަށް ޗައިނާގެ ނުފޫޒުގަދަކަމުން، ޗައިނާ މެދުވެރިކޮށްގެން 700،000އެއްހާ ރޮހިންޔާ މުސްލިމުން އަނބުރާ ފޮނުވާލުމުގެ އެއްބަސްވުމެއް 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހުވެސް ވަނީ އެކުލަވާލައި، އަމަލުކޮށްފައެވެ.

މިޔަންމާއިން ގިނަ އަދަދެއްގެ ރޮހިންޔާ މުސްލިމުން ގައުމު ދޫކޮށް އަވަށްޓެރި ގައުމުތަކަށް ހިޖުރަކުރަނީ، އެމީހުންނާ ދެކޮޅަށް ސަރުކާރުން ހިންގާ ލާއިންސާނީ އަމަލުތަކާގުޅިގެންނެވެ. މިގޮތުން އެމީހުންގެ އަވަށްތަކުގައި ސަރުކާރު ސިފައިން ހުޅުޖަހައި، މަޖްބޫރުން އަވަށްތަކުން މީހުން ނެރެފައިވެއެވެ. މީގެ އިތުރުން އެންމެ އަސާސީ އިންސާނީ ޚިދުމަތްތަކުންވެސް އެމީހުންނަށް އޮންނަނީ މަހުރޫމުކޮށްފައެވެ. މިޔަންމާގެ ވެރިކަން މިދިޔަ އަހަރު އަސްކަރިއްޔާއިން އަތުލުމާގުޅިގެން މިކަން ވަނީ އިތުރަށް ގޯސްވެފައެވެ.

ދެ ދުވަހުގެ ދަތުރުފުޅެއްގައި ޗައިނާގެ ޚާރިޖީ ވަޒީރު ޑާކާއަށް ވަޑައިގެންނެވީ ހޮނިހިރު ދުވަހުއެވެ. މިދަތުރުފުޅުގައި ވެންގ ވަނީ ބޮޑުވަޒީރު ޝެއިޚް ހަސީނާއާއި ޚާރިޖީ ވަޒީރު އޭކޭ އަބްދުލް މޫމިންއާ ބައްދަލުކުރައްވައި ރަސްމީ ވާހަކަފުޅުތައްބާއްވަވާފައެވެ،

ބަންގްލާދޭޝްއާ ޗައިނާއާ ދެމެދު ބަދަހި ގުޅުމެއް އޮންނައިރު، މި ގުޅުން ދެމެހެއްޓުމަށް ބަންގްލާދޭޝްއަށް ޑިޕްލޮމެޓިކް ގޮތުން ވަނީ ގޮންޖެހުމަކަށް ވެފައެވެ. އެހެނީ އިންޑިޔާއާއި އެމެރިކާއަކީ ޗައިނާގެ ދުޝްމަން ދެގައުމަށްވެފައި، އެ ދެ ގައުމާއެކުވެސް ބަންގްލާޝްއިން ރަނގަޅު ގުޅުމެއް އޮތުމެވެ.

ޗައިނާގެ 500ށްވުރެ ގިނަ ވިޔަފާރި ކުންފުނިން ބަންގްލާދޭޝްގައި ހަރަކާތްތެރިވެއެވެ. ބަންގްލާދޭޝްގައި ކުރިޔަށްގެންދާ މައިގަނޑު ހުރިހާ އުމްރާނީ ޕްރޮޖެކްޓްތަކެއް ހިންގަނީ ޗައިނާއިންނެވެ. މިގޮތުން ބަނދަރުތަކާއި ހައިވޭތައް ހިމެނެއެވެ. މީގެ އިތުރުން އެގައުމުގައި އެޅި އެންމެ ބޮޑު ބްރިޖްވެސް އަޅާފައިވަނީ ޗައިނާއިންނެވެ. މި ބްރިޖަށް ބަންގްލާދޭޝްއިން 3.6 ބިލިއަން ޑޮލަރު ޚަރަދުކޮށްފައިވެއެވެ.

- ކޮމެންޓް