އިތިއޮޕިއާގެ އެޑިސް އަބަބާގެ މެރްކާޓޯ ބާޒާރުގައި، ޕްލާސްޓިކް ހުސްފުޅިއާއި އެނޫންވެސް ޕްލާސްޓިކް ކުނިބުނީގެ ސާމާނު ވިއްކަން ޒުވާނުން ތިބޭ މަންޒަރަކީ މިއަދު އާންމު މަންޒަރެކެވެ. އެ ޒުވާނުން ވިއްކަމުން ދަނީ ސިޓީގެ މަގުތަކާއި ރެސްޓޯރަންޓްތަކާއި އެނޫންވެސް އެފަދަ ތަންތަނުން އެއްކުރާ ކުނިބުންޏެވެ.
ގޮނޑުހޮވައިގެން އާމްދަނީ ހޯދުމަކީ ބައެއް މީހުންގެ ނަޒަރުގައި ދެރަ ކަމަކަށް ވިއަސް، އުމުރުން 30 އަހަރުގެ މެރިހޫން ގެބްރާ ހުރީ އެ މަސައްކަތުން އޭނާއަށް ލިބޭ ތަނަވަސްކަމާ މެދު ނުހަނު ހިތްހަމަޖެހިގެންނެވެ. މީހުން ކިއާ އެއްޗަކާއި ދެކޭ ގޮތަކަށް ފަރުވާލެއް ނެތެވެ. ގެބްރާ، ޕްލާސްޓިކް ހުސްފުޅި ގަންނަނީ ގޮނޑުހޮވާ މީހުންގެ އަތުންނެވެ. އެއަށްފަހު، ރީސައިކަލް ކުރާ މީހުންނަށް އެ ފުޅިތައް ވިއްކާލަނީއެވެ. ވިޔަފާރި ރަނގަޅު ދުވަހެއް ނަމަ، ދުވާލެއްގެ މައްޗަށް 34 ޔޫއެސް ސެންޓާއި 38 ޔޫއެސް ސެންޓާ ދެމެދު މިންވަރެއްގެ އާމްދަނީއެއް ލިބެއެވެ.
އަހަރެން މި މަސައްކަތް ފެށި ފަހުން މިހާރު 8 އަހަރު ވެއްޖެ. މި މަސައްކަތް ކުރާ 10 މީހަކު އުޅޭނެ އަހަރަމެންގެ ތެރޭގަ. އަހަރަމެން ޖަމިއްޔާއެއްވެސް އުފައްދައިގެން މިއުޅެނީ. ވަރަށް ގިނަ މީހުން އާދޭ މިތަނަށް. ދުވާލަކު 500 އަށް ވުރެ ގިނަ މީހުން އާދޭ މިތަނަށް. އެ މީހުން މިތަނަށް އަންނަނީ ޕްލާސްޓިކް ފުޅި ހޯދަން. ދުވާލެއްގެ މައްޗަށް އެވަރޭޖު ކޮށް، 200 ކިލޯގެ ފުޅި ހޮވަން އަހަރަމެން. އެއީ އަދި ދަށްކޮށް ދާ ދުވަސްދުވަހު. ދުވާލަކު 3000 ކިލޯ ހޮވާލާ ދުވަސްތައްވެސް ދާނެ.މެރިހޫން ގެބްރާ؛ ޕްލާސްޓިކް ފުޅީގެ ވިޔަފާރި ކުރާ ޒުވާނެއް
ނޮން-ޕްރޮފިޓް އުސޫލުން ހިންގާ ޕެޓްކޯ އިތިއޮޕިއާއިން ބުނާ ގޮތުގައި އެ ގައުގައި އަހަރެއްގެ މައްޗަށް އުފައްދާ ޕްލާސްޓިކް ކުނިބުނީގެ ބަރުދަން، ގާތްގަނޑަކަށް 250000 ޓަނަށް އަރައެވެ. ނަމަވެސް އޭގެ ތެރެއިން ހޮވައިގެން އަލުން ބޭނުން ކުރަނީ އެންމެ 10 ޕަސެންޓްއެވެ.
ކުންޏަކީވެސް ހެޔޮ ގޮތުގައި ބޭނުން ކުރަން އެނގިއްޖެ ނަމަ ނުހަނު ބޮޑު މަންފާއެއް ލިއްބައިދޭ އެއްޗެކެވެ. އަޑިސް އަބަބާގެ ރަށްވެއްސެއް ކަމަށް ވާ، އުމުރުން 60 އަހަރުގެ މަޗިޔޭ ބޮގަލޭ ބުނާ ގޮތުގައި، ޕްލާސްޓިކް ފުޅި ހޮވާ، އެ ވިއްކުމަކީ މިއަދު އޭނާ ދިރިއުޅެމުންދާ އުޅުމުގެ އަސްލެވެ. ދިރިއުޅުމަށް އޮތް އެހީއެވެ. ނަމަވެސް، ވަޒީފާ ނުލިބުމުގެ މައްސަލަ ބޮޑުވަމުން ދާ ވަރަކަށް، ޕްލާސްޓިކް ކުނި ހޮވާ، ވިއްކުމުގެ ވިޔަފާރިވެސް އިންތިހާއަށް ވާދަވެރިކަމުން ދާ ކަމަށާ، އެހެނީ، ވިޔަފާރީގެ ތެރެއަށް ވަންނަ ޒުވާނުންގެ އަދަދު އިތުރުވުން ކަން ބޮގަލޭ ފާހަގަ ކުރިއެވެ.
މިއަދު އަހަރެން މި ވިއްކާލީ 3 ދުވަހުގެ އެއްޗިހި. ކޮތަޅުގަ ހުންނާނެ ޖުމުލަ 7 ވަރަކަށް ކިލޯ. އެމީހުން އަހަރެންނަށް ދިނީ ދޮޅު ޑޮލަރު. ކައްކާ ހަދާނެ ގެއެއް ނެތީމަ، އެ ފައިސާއަށް އަހަރެން ގަންނަނީ ސަޔާއި ކޮފީ އަދި ޕާން.މަޗިޔޭ ބޮގަލޭ؛ ޕްލާސްޓިކް ފުޅި ހޮވާ މީހެއް
އިތިއޮޕިއާގައި ޕްލާސްޓިކް ކުނި އެއްކުރަނީ ޕޮލީއެތުލީން ޓެރެފްތަލޭޓް ނުވަތަ ޕެޓް އުފެއްދުމަށެވެ. ޕެޓްއަކީ ބައިނަލްއަގުވާމީ ފެންވަރުގައި އެންމެ ހިނގާ ބްރޭންޑްތައް ކަމަށްވާ ކޮކާ-ކޯލާއާއި ޔުނިލެވަރ ފަދަ ކުންފުނިތަކުން، އެ ކުންފުނިތަކުގެ އުފެއްދުންތައް ބަންދު ކުރުމަށް ބޭނުން ކުރާ ފުޅި ތައްޔާރު ކޮށްފައި ހުންނަ ޕްލާސްޓިކްއެވެ.
ކަން މިހެން އޮތް އިރު، ޕްލާސްޓިކް ކުނީގެ ވިޔަފާރިއަށް ފާޑުކިއުންވެސް އަމާޒުވެއެވެ. އިތިއޮޕިއާގެ ގާނޫނީ ވަކީލު އަދި އެކްޓިވިސްޓު މެލްކަމޫ އޯގޯ ވަނީ، މިފަދަ ވިޔަފާރިތަކުގެ ސަބަބުން ތިމާވެއްޓަށް އިތުރު ގެއްލުންތަކެއް ލިބޭ ކަމަށް އިންޒާރު ކޮށްފައެވެ. ސަބަބެއް ކަމަށް ބުނަނީ، އިތުރު ޕްލާސްޓިކް އުފެއްދުމެވެ.
މީގެ ކުރިން ބިއްލޫރި ފުޅިފުޅީގައި އުފެއްދުންތައް ބަންދު ކުރަމުން ދިޔަ ގިނަ ކުންފުނިތަކަކުން މިހާރު ދަނީ ޕްލާސްޓިކަށް ބަދަލު ވަމުން. މިކަމުގެ ސަބަބުން ބޮޑު ގެއްލުމެއް ކުރިމަތި ކުރުވަފާނެ. އެމީހުންގެ އުފެއްދުންތަކުގެ އަދަދު ގިނަ ވީމަ، ލިބޭ ގެއްލުންވެސް ބޮޑުވެދާނެ.މެލްކަމޫ އޯގޯ؛ ގާނޫނީ ވަކީލު އަދި އެކްޓިވިސްޓެއް
އިތިއޮޕިއާގެ ސަރުކާރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު އެ ގައުމުގައި އެންމެ ފުޅާ ދާއިރާއެއްގައި ޕްލާސްޓިކް ރީސައިކަލް ކުރަމުންދާ އީކޭޓީ ޓްރޭޑް އެންޑް އިންވެސްޓްމަންޓް ޕަބްލިކް ލިމިޓަޑް ކުންފުނިން، ވިލާތާއި އޭޝިއާ އަދި ގަލްފުގެ ޤައުމުތަކަށް 2021 ވަނަ އަހަރު ޕެޓް އެކްސްޕޯޓްކޮށްގެން، 1.2 މިލިއަން ޑޮލަރު ހޯދާފައިވެއެވެ.