ކ. މާލެ
|
7 އޯގަސްޓް 2022 | އާދީއްތަ 17:54
އުފުލެމުންދާ އަގުތަކާއެކު މި ކޭން ތައްޔާރުކޮށް ވިއްކިދާނެ ކަމާ މެދު އެއްބަޔަކު ސުވާލު އުފައްދާ
މިސްރުގެ ޤައުމީ ކެއުން ކުޝާރީ
އުފުލެމުންދާ އަގުތަކާހެދި، ޤައުމީ ކޭން ކާލެވޭނެ ފަދަވެސް ޖީބުގައި ނެތް؟
ދަށް ފަންތީގެ އާމްދަނީ ލިބޭ މީހަކު، ހަފުތާއަކު 5 ފަހަރު ކުޝާރީ ކާނަމަ، މިހާރު ކާން ލިބޭނީ ހަފުތާއަކު 1 ކުޝާރީ ނުވަތަ 2 ކުޝާރީ
މިޞްރު މީހުން ކުޝާރީއަށް ވަރަށް ލޯބިކުރޭ، ދިރިއުޅުން ކިތަންމެ ދަތިވިއަސް، ކޫޝާރީ ކާން ވަރަށް ފޯރި ހުރޭ
ކުޝާރީއަށް، ކޮންމެ ދުވަހަކުވެސް އެތައް މިލިއަން ބަޔަކު އިންސާފުކުރާތާ އެތައް އަހަރެއް ވެއްޖެ

ޕާސްތާއާއި ބަތުގެ އިތުރުން މުގުގެ އެކި ބާވަތްތައް އެއްކޮށް، އޭގެ މައްޗަށް ހަވާދުގެ އެކި ބާވަތްތަކުން ރަހަމީރުކޮށްފައިވާ ޓޮމާޓޯ އަސާރައާއި މީރުކުރި ފިޔާ އަޅައިގެން ތައްޔާރު ކުރާ ކުޝާރީއަކީ މިޞްރުގެ ގިނަ ބަޔަކު ދަންނަ، އެ ޤައުމުގެ ޤައުމީ ކޭމެވެ. 

މިޞްރުގެ އެކި ހިސާބުތަކުގައި ހިންގާ ކާބޯތަކެތި ވިއްކާ ފިހާރަތަކާއި ކަޑަތަކާއި އަތްގާޑިޔާތަކުން ވިއްކާ ކުޝާރީއަށް، ކޮންމެ ދުވަހަކުވެސް އެތައް މިލިއަން ބަޔަކު އިންސާފުކުރާތާ އެތައް އަހަރެއް ވެއްޖެއެވެ. 

ކަން މިހެން އޮތް ނަމަވެސް ޔޫކްރައިންގައި ރަޝިއާއިން ކުރަމުން ދާ ވަރުގަދަ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުތަކުގައި އުފެލެމުންދާ ތަކެތީގެ އަގުތަކާއެކު، ކުޝާރީ ތައްޔާރުކޮށް ވިއްކާ މީހުންނާއި ކުޝާރީ ގަންނަ މީހުންގެ ހިތުގައި މިހާރު ވަނީ ބިރުވެރިކަން އުފެދިފައެވެ.

އުފުލެމުންދާ އަގުތަކުގެ އަސަރު، އަގުތަކުން ފެންނާނެ ކަމުގެ ނަޒަރުން ބަލަމާ؟ އެކަމަކު މިއާ ނުލާ ނުއުޅެވެންޏާ، މި ދޫކޮށްލެވޭކަށްވެސް ނޯންނާނެ. ފަލާފެލްއާއި ކުޝާރީއަކީ އަހަރަމެންގެ އެންމެ ބޮޑު ކަންބޮޑުވުން. އެއަށްފަހު، ދެން ހުރި އެހެން ޚަރަދުތަކަށް ބެލޭނީ. އެނގޭތަ، މިޞްރު މީހުން ކުޝާރީއަށް ވަރަށް ލޯބިކުރާނެ. ދިރިއުޅުން ކިތަންމެ ދަތިވިއަސް، ކޫޝާރީ ކާން ވަރަށް ފޯރި ހުންނާނެ
އަހުމަދު މުޙައްމަދު އަލްމަސްރީ؛ ކުޝާރީ ފިހާރައިގެ ކަސްޓަމަރެއް

މި ކޭން ތައްޔާރުކޮށް ވިއްކިދާނެ ކަމާ މެދު އެއްބަޔަކު ސުވާލު އުފައްދާއިރު، ޤައުމީ ކޭން ކާލާނެ ތަނަވަސްކަން އެބަހުރިތޯ ގަންނަ ފަރާތްތަކުން ސުވާލު އުފައްދައެވެ.

ޔަޤީނުންވެސް ބަދަލެއް އަންނާނެ. ދަށް ފަންތީގެ އާމްދަނީ ލިބޭ މީހަކު، ހަފުތާއަކު 5 ފަހަރު ކުޝާރީ ކާނަމަ، މިހާރު ކާން ލިބޭނީ ހަފުތާއަކު 1 ކުޝާރީ. ނޫނީ 2 ކުޝާރީ. އެހެންވީމަ، އަސަރު ފޯރާނެ. މަތީ ފަންތީގެ މީހުންނަށްވެސް އަސަރު ފޯރާނެ. ކޮންމެ ގޮތެއްވިއަސް، މިއީ އަހަރަމެންގެ ޤައުމީ ކޭން. ކުޑަ ފައިސާކޮޅެއް އޮންނަ ކޮންމެ މީހަކު، ކޮންމެ ވަގުތަކުވެސް ގަންނަ ކޭމެއް. އެހެންވީމަ، އަގުތައް އުފުލެންޏާ، އެންމެންގެ އިހުސާސްތަކަށްވެސް އަސަރު ކުރާނެ
މަޙްމޫދު އަމްރު؛ ކުޝާރީ ފިހާރައިގެ ކަސްޓަމަރެއް

މުޅި ދުނިޔެ އިނދަޖައްސާލީ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުން އަރައިނުގަނެވި އޮތް މިޞްރުގެ އިގުތިސޯދަށްވެސް، ޔޫކްރައިން ހަނގުރާމަ ވީ ރިހޭ ފައި މައްޗަށް ވެއްޓުނު ފޮޔަކަށެވެ. އިންވެސްޓަރުން ވަނީ މިޞްރުގެ މާލީ ބާޒާރުން އެތައް ބިލިއަން ޑޮލަރެއްގެ އިންވެސްޓްމަންޓްތައް އަނބުރާ ގެންގޮސްފައެވެ. 

ދުނިޔޭގެ ނިސްބަތުން ބަލާއިރު މިޞްރަކީ އެންމެ ފުޅާ ދާއިރާއެއްގައި ގޮދަން އިމްޕޯޓް ކުރާ ގައުމެވެ. ދުނިޔޭގެ ބާޒާރުގައި ތެލާއި ގޮވާމުގެ އަގުތައް އުފުލެމުން ދިޔުމާއެކު މިޞްރުގެ ތަކުލީފުތައް ބޮޑުވިއެވެ. ޔޫކްރައިންއާއި ރަޝިއާއަކީ މިޞްރުގެ ގޮވާން އިމްޕޯޓްގެ ބޮޑު ހިއްސާއަކަށް ވާ އިރު، ގޮންޖެހުން ބޮޑުވިއެވެ. ހަމަ އެހެންމެ، ޔޫކްރެއިންއާއި ރަޝިއާއަކީ މިޞްރުގެ ފަތުރުވެރިކަމުގެ ސިނާއަތުގެ އެންމެ ބޮޑު ހިއްސާވެސްމެއެވެ. 

މިޞްރުގެ ބާޒާރުގައި ތަކެތީގެ އަގު އުފުލުނު ނިސްބަތް ނުވަތަ އިންފްލޭޝަން ރޭޓް ވަނީ 13 ޕަސެންޓަށް އަރާފައެވެ. ނަތީޖާއެއްގެ ގޮތުން މިޞްރުގެ ސަރުކާރުން ދަނީ ބައިނަލްއަގުވާމީ މާލީ އިދާރާ (އައިއެމްއެފް) ގެ އެހީ ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް