ރަޝިޔާ ސިފައިން ޔޫކްރެއިންއަށް އަރާ ހިސޯރުކޮށްފައިވާ ބޮޑު ނިއުކްލިއަރ އިންޖީނުގޭގައި އެއްވެސް ކޮންޓްރޯލެއް ނެތް ކަންތައްތަކެއް ހިނގަމުންދާކަމަށް އދ ގެ ނިއުކްލިއަރ އޭޖެންސީގެ ވެރިޔާ ރަފަޔެލް ގްރޮސީ ވިދާޅުވެއްޖެއެވެ.
ގްރޮސީ ވިދާޅުވި ކަމަށް އެސޯސިއޭޓަޑް ޕްރެސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޒަޕޮރީޒިޔާގައި ހުރި ބޮޑު ނިއުކްލިއަރ ޕްލާންޓެއްވަނީ މިވަގުތުވެސް އިންސްޕެކްޝަނަކަށާއި މަރާމާތަށް ބޭނުން ވެފައެވެ. އޭނާ ވިދާޅުވި ގޮތުގައި އެއްވެސް ނިއުކްލިއަރ ފެސިލިޓީއެއްގައި ހިނގައިގެން ނުވާނެ ކަންތައްތަކެއްވަނީ ކެޓަލޮގް ކުރެވިފައެވެ. އެ ގަވާއިދުތަކާއި އެއްގޮތަށް ޔޫކްރެއިންގެ ޕްލާންޓްގައި ކަންތައްތައް ހުރިތޯ ޔަގީންކުރެވޭނެ ގޮތެއް މިހާރު ނެތްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޔޫކްރެއިންގެ ޒަޕޮރީޒިޔާގައި ހުރި ނިއުކްލިއަރ ޕްލާންޓަކީ މުޅި ޔޫރަޕްގައިވެސް ހުރި އެންމެ ބޮޑު ނިއުކްލިއަރ ޕްލާންޓެވެ. އެތަން މިއަދު މިވަނީ ހަނގުރާމައިގެ މައިދާނަކާއި ބިރުގަންނަހާ ކައިރީގައެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކަން ވެސް މިހަފްތާގައި ވަނީ ރަޝިޔާއިން އެތަން ބޭނުންކުރަނީ ހަނގުރާމައިގެ އައްޑަނައެއްގެ ގޮތުގައި ކަމަށް ވިދާޅުވެ އެކަން ކުށްވެރިކުރައްވާފައެވެ. ރަޝިޔާ ސިފައިން އެތަނުގަ ހަތިޔާރު ރައްކާކޮށް އަދި އެތަނުގެ އޭރިޔާގެ ތެރޭތިބެ ހަމަލާތައް ދެމުންދާ ކަމަށާއި، ނިއުކްލިއަރ އެކްސިޑެންޓެއް ހިނގާފާނެ ކަމަށް ބިރުން ޔޫކްރެއިނަށް ރައްދު ހަމަލާ ނުދެވޭ ކަމަށް ބްލިންކަން ވިދާޅުވެފައިވެއެވެ.
ޔޫކްރެއިންގެ ނިއުކްލިއަރ އިންޖީނުގެ އަދިވެސް ދަނީ ހިންގަމުން ކަމަށް ވެއެވެ. އެތަނުގައި ޔޫކްރެއިންގެ މުވައްޒަފުން ތިބި ނަމަވެސް އެތަން ކޮންޓްރޯލް ކުރަނީ ރަޝިޔާ ސިފައިންނެވެ.
އދގެ މައި މަރުކަޒުގައި ބޭއްވި ނޫސް ކޮންފަރެންސްއެއްގައި ވާހަކަފުޅު ދައްކަވަމުން އައިއޭއީއޭގެ ޑިރެކްޓަރ ޖެނެރަލް ވިދާޅުވީ ނިއުކްލިއަރ ޕްލާންޓްގެ މައްސަލަ މިވަގުތު ވަނީ ވަރަށްވެސް ނާޒުކް ފައްތަރެއްގެ މަތީގައި ކަމަށެވެ. ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތަކަށް އެކި ގޮތް ގޮތުން ވަނީ ބުރޫއަރާފަ ކަމަށާއި އެކަން އެހެން ވާން ދޫނުކުރެވޭނެ ކަމަށް ގްރޮސީ ވިދާޅުވިއެވެ. އަދި އެތަން އިންސްޕެކްޓް ކުރަން ވީހާވެސް އަވަހަށް އެތަނަށް ބަޔަކު ފޮނުވަން ބޭނުންފުޅުވާ ކަމަށާއި ނަމަވެސް މިކަން ކުރެވޭނީ ދެފަރާތުގެ ވެސް ހުއްދަ ލިބިގެން ކަމުގައި އޭނާ ވިދާޅުވިއެވެ.
1986 ވަނަ އަހަރު ހިނގި އެންމެ ބޮޑު ނިއުކްލިއަރ ކާރިސާވެސް ހިނގާފައިވަނީ ޔޫކްރެއިންގައި ހުންނަ ޗެރްނޮބީލް ނިއުކްލިއަރ އިންޖީނުގޭގައި ގޮވުމެއް ހިނގައިގެންނެވެ. ފެބްރުއަރީ 24 ވަނަ ދުވަހު ރަޝިޔާ ސިފައިން ޔޫކްރެއިނަށް އެރި އިރު އެތަންވެސް ހިފިއެވެ. ނަމަވެސް ފަސް ހަފްތާފަހުން ވަނީ އެތަން ދޫކޮށްލާފައެވެ. ނަމަވެސް ދަމުން ވަނީ އެތަނުގައި ހުރި ކޮމްޕިއުޓަރުތަކާއި އެފަދަ އާލާތްތައް ހަލާކުކޮށްލާފައެވެ. ނަމަވެސް އެއްވެސް ނިއުކްލިއަރ ވަސީލަތަކާ ނުބެހޭ ކަމަށް ވެއެވެ.