ކ. މާލެ
|
5 އޯގަސްޓް 2022 | ހުކުރު 07:15
ޔޫކްރެއިންގެ ރައީސް ވޮލޮޑޮމިރް ޒެލެންސްކީ
ޔޫކްރެއިންގެ ރައީސް ވޮލޮޑޮމިރް ޒެލެންސްކީ
ރޮއިޓާރސް
ރަޝިޔާ ޔޫކްރެއިން ހަނގުރާމަ
ރަޝިޔާއިން ދެމުންދާ ހަމަލާތައް ހުއްޓުވުމަށް ޗައިނާގެ ރައީސް އެހީތެރިވެވަޑައިގަތުމަށް ޒެލެންސްކީ އެދިވަޑައިގެންފި
ޒެލެންސްކީ ވިދާޅުވީ ހަނގުރާމަ ހުއްޓާލުމަށް ރަޝިޔާއަށް އިގްތިޞާދީ ގޮތުން ޕްރެޝަރ ކުރުމުގެ ބާރު ޗައިނާއަށް ލިބިފައިވާކަމަށް
ޝީ އާ ވާހަކަދައްކަވަން ބޭނުންފުޅުވާކަން ރަސްމީކޮށް އަންގާފައިވާކަމަށާއި އެފަދަ ވާހަކަތަކެއް ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް އެހީތެރިވެދޭނެކަމަށް ގަބޫލުފުޅުކުރައްވާކަމަށް ޒެލެންސްކީ ވިދާޅުވި
ހަމަސް ދުވަސްވީ ހަނގުރާމައިގައި މިހާތަނަށް ޔޫކްރެއިންގެ އާންމުންގެ 5327 މީހުން ވަނީ މަރުވެފައި

ރަޝިޔާއިން ޔޫކްރެއިނަށް ދެމުންދާ ހަމަލާތައް ހުއްޓާލުމުގައި ޗައިނާގެ ރައީސް ޝީ ޖިންޕިން އެހީތެރިވެވަޑައިގަތުމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑޮމިރް ޒެލެންސްކީ އެދިވަޑައިގެންފިއެވެ.

ސައުތު ޗައިނާ މޯނިންގ ޕޯސްޓް (އެސް.ސީ.އެމް.ޕީ)އަށް ދެއްވި ބަސްދީގަތުމެއްގައި ޒެލެންސްކީ ވަނީ ޗައިނާއިން އިގްތިޞާދީ އަދި ސިޔާސީ ގޮތްތައް ރަޝިޔާގެ މައްޗަށް ބޭނުންކޮށްގެން ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް އެދިވަޑައިގަންނަވާފައެވެ. ޒެލެންސްކީ ވިދާޅުވީ ޗައިނާގެ ރައީސް އާ ވާހަކަދެއްކެވުމަށް މިއަހަރުގެ ފެބްރުއަރީ މަހު ރަޝިޔާއިން ޔޫކްރެއިންއަށް ހަމަލާދޭން ފެށިތަނާ އެދިވަޑައިގަންނަވާފައިވާކަމަށެވެ. އޭގެފަހުން އެކަމަށް އެދިވަޑައިގަންނަވަމުން ގެންދެވިނަމަވެސް އެކަން އަދި ކާމިޔާބުވާގޮތް ނުވާކަމަށެވެ.

ޒޫމް މެދުވެރިކޮށް ވާހަކަދައްކަވަމުން ޒެލެންސްކީ ވިދާޅުވީ މީގެ އަހަރެއްހާ ދުވަސްކުރިން ޝީ އާ ސީދާކޮށް ވާހަކަދެއްކެވިކަމަށެވެ. ނަމަވެސް ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ހަމަލާތައް ދޭން ފެށިފަހުން އަދި އެފަދަ ފުރުސަތެއް ލިބިވަޑައިގަންނަވާފައިނުވާކަމަށެވެ. ވާހަކަދައްކަވަން ބޭނުންފުޅުވާކަން ރަސްމީކޮށް އަންގާފައިވާކަމަށާއި އެފަދަ ވާހަކަތަކެއް ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް އެހީތެރިވެދޭނެކަމަށް ގަބޫލުފުޅުކުރައްވާކަމަށް ޒެލެންސްކީ ވިދާޅުވިއެވެ.

ޗައިނާ އަކީ ރަޝިޔާ އާ ގާތްގުޅުމެއް ބާއްވަމުން އަންނަ ގައުމަކަށްވާއިރު ބައިނަލްއަގްވާމީ މަސްރަހުގައި ރަޝިޔާއަށް އެންމެ ބޮޑަށް މަދަދުދޭ ގައުމަކީވެސް ޗައިނާއެވެ. މިހާތަނަށް ޗައިނާއިން ރަޝިޔާއިން ޔޫކްރެއިން އަށް ދެމުންދާ ހަމަލާތައް ކުށްވެރިކޮށްފައެއްވެސް ނުވެއެވެ.

ޖޫން މަހު ކުރިޔަށްދިޔަ ސަމިޓްގައި ވާހަކަފުޅުދައްކަވަމުން ޝީ ވަނީ ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ކަންބޮޑުވުންފާޅުކުރައްވާފައެވެ. އެގޮތުން އެހަނގުރާމައިގެ ސަބަބުން އިންސާނިއްޔަތަށް އެކަމުގެ އަސަރުކުރަމުން އަންނަކަމަށް ވިދާޅުވިއެވެ. ނަމަވެސް ހަނގުރާމަ ހުއްޓުމަކަށް ގެންނާނެކަމުގެ އިޝާރާތެއް ދެއްވާފައެއްނުވެއެވެ.

އަނެއްކޮޅުން މިމަހުގެ ކުރީކޮޅު ޝީ ވަނީ ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިން އާ ވާހަކަދައްކަވާފައެވެ. އެވާހަކަފުޅުގައި ޝީ ވަނީ ރަޝިޔާގެ ސަލާމަތާއި އިސްތިގުލާލު ހިމާޔަތްކުރުމުގައި ޗައިނާގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށް ވިދާޅުވެފައެވެ. އަދި ޔޫކްރެއިން މައްސަލައިގައި ހިމެނޭ ހުރިހާ ފަރާތްތަކުންވެސް ޒިންމާދާރުކަމާއެކު ކަންކަން ނިންމަންޖެހޭކަމަށް ވަނީ ވިދާޅުވެފައެވެ.

އެސް.ސީ.އެމް.ޕީ އާ ވާހަކަދައްކަވަމުން ޒެލެންސްކީ ވިދާޅުވީ މިމައްސަލައިގައި ޗައިނާއިން ވަކިކޮޅަކަށް ބުރަނުވާ ސިޔާސަތެއް ގެންގުޅުމަށް ބޭނުންވާކަން އެނގިވަޑައިގަންނަވާކަމަށެވެ. ނަމަވެސް ހަމަލާ ބަދަލުކުރުންތައް ފެށުނީ ރަޝިޔާއިން ޔޫކްރެއިންގެ ސަލާމަތާއި ސިޔާދަތަށް އަރައިގަތުމުންކަމަށް ޒެލެންސްކީ ވިދާޅުވިއެވެ.

ޒެލެންސްކީ ވިދާޅުވީ ހަނގުރާމަ ހިނގަމުންދަނީ ޔޫކްރެއިންގެ ސަރަހައްދުގެ ތެރޭގައި ކަމަށާއި ޔޫކްރެއިން އަށް އަރައިގަނެގެން އުޅެނީ ރަޝިޔާކަމަށެވެ. އަދި ބޮޑު ބާރުގަދަ ގައުމެއްގެ ގޮތުން ޗައިނާއިން މިކަމުގައި ރަޝިޔާ އާ މެދު ގެންގުޅޭ ސިޔާސަތު އަލުން މުރާޖާކުރުމަށް އެދިވަޑައިގަންނަވާކަމަށް ޒެލެންސްކީ ވިދާޅުވިއެވެ.

މީގެއިތުރުން ޒެލެންސްކީ ވަނީ އދ ގެ ސަލާމަތީ މަޖިލީހުގައި ޗައިނާ އިން ނިންމުންތައް ނިންމާއިރު ބައިނަލްއަގްވާމީ އުސޫލުތަކާއި އެއްގޮތަށް ކަންކަން ނިންމުމަށް އެދިވަޑައިގަންނަވާފައެވެ. ސަލާމަތީ މަޖިލީހުގައި ވީޓޯ ކުރުމުގެ ބާރު ލިބިގެންވާ ފަސް ގައުމުގެ ތެރޭގައި ޗައިނާ ހިމެނެއެވެ. ރަޝިޔާއިން ޔޫކްރެއިން އަށް ދެމުންދާ ހަމަލާތައް ކުށްވެރިކުރުމަށް މިހާތަނަށް ނެގި ހުރިހާ ވޯޓެއްގައިވެސް ޗައިނާއިން ވަކިކޮޅަކަށް ވޯޓު ދީފައެއްނުވެއެވެ. ނަމަވެސް ހަނގުރާމައިގައި ހިމެނޭ ހުރިހާ ފަރާތްތަކުން މަޝްވަރާކުރުމަށް ޗައިނާއިން ބާރު އަޅާފައިވާއިރު ހުޅަނގު ގައުމުތަކުން ޔޫކްރެއިން އަށް ދެމުންދާ އެހީތެރިކަމާއެކު މަސްރަހު އިތުރަށް ހޫނުވަނީ ކަމަށްބުނެ އެކަންވަނީ ކުށްވެރިކޮށްފައެވެ.

ޒެލެންސްކީ އިތުރަށް ވިދާޅުވީ ހަނގުރާމަ ހުއްޓާލުމަށް ރަޝިޔާއަށް އިގްތިޞާދީ ގޮތުން ޕްރެޝަރ ކުރުމުގެ ބާރު ޗައިނާއަށް ލިބިފައިވާކަމަށެވެ. ހަނގުރާމައާ ގުޅިގެން ހުޅަނގުގެ ގައުމުތަކުން ރަޝިޔާ އާ ދެކޮޅަށް އަޅާފައިވާ އިގްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ އަސަރު ވީހާވެސް ކުޑަކުރުމަށް ޗައިނާއިން ގެންދަނީ ރަޝިޔާއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ހަނގުރާމަ ފެށުނީއްސުރެ ޗައިނާއިން ގެންދަނީ ރަޝިޔާގެ ތެޔޮ ގަންނަމުންނެވެ.

އެހެންކަމުން ޒެލެންސްކީ ވިދާޅުވީ ޗައިނާ އިން އިގްތިޞާދީ ގޮތުން ރަޝިޔާއަށް އެހީތެރިކަން ފޯރުކޮށްނުދޭނަމަ މިހާރު ރަޝިޔާ އޮންނާނީ އިގްތިޞާދީ ގޮތުން މުޅިން އެކަހެރިވެފައިކަމަށެވެ. އެހެންކަމުން ހަނގުރާމަ ނިމެންދެން ރަޝިޔާއަށް ޗައިނާއިން އިގްތިޞާދީ ގޮތުން އެހީތެރިކަން ފޯރުކޮށްނުދިނުމަކީ ކުރެވިދާނެކަމެއްކަމަށް ޒެލެންސްކީ ވިދާޅުވިއެވެ.

ހަމަސް ދުވަސްވީ ހަނގުރާމައިގައި މިހާތަނަށް ޔޫކްރެއިންގެ އާންމުންގެ 5327 މީހުން ވަނީ މަރުވެފައެވެ. މީގެއިތުރުން 12 މިލިއަން މީހުންނަށް ވަނީ ޔޫކްރެއިން ދޫކޮށް ދިޔުމަށް މަޖުބޫރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
ކޮމެންޓް