އެކިއެކި ކަންކަމުގައި ފުލުސް އޮފީހަށް ހާޒިރު ކުރަން ބޭނުންވާ މީހުންނަށް ހަވާލުކުރާ ޗިޓް ސޯޝަލް މީޑިއާގައި ހިމެނޭ ވައިބަރ މެދުވެރިކޮށްވެސް ފޮނުވޭ ގޮތަށް ފުލުހުންގެ ތަހުގީގަށް އަދި އެ ނޫން ވެސް ބޭނުންތަކަށް މީހުން ހާޒިރު ކުރުމާބެހޭ އުސޫލެއް އެކުލަވާލައިފިއެވެ.
މިގޮތަށް ކަނޑައަޅާފައި މިވަނީ ފުލުހުންގެ އެކިއެކި ތަހުގީގް ތަކަށް ހާޒިރުކުރަން ބޭނުންވާ ފަރާތްތައް ރާއްޖެއިން ބޭރުގައި ތިބުމުން ޗިޓް ހަވާލު ކުރެވިފައި ނުވާކަމަށް ފުލުހުން ބުނަމުންދާ ދަނޑިވަޅެއްގައެވެ.
ފުލުހުން އަލަށް އެކުލަވާލާފައިވާ އުސޫލުގައި ބުނެފައިވާ ގޮތުގައި ހާޒިރު ކުރަން ބޭނުންވާ މީހާއާއި ނުވަތަ އެމީހަކު އުޅޭ ތަނެއްގައި އުޅޭ ތަސައްރަފު ފުދިފައިވާ މިހާކާ ޗިޓް ހަވާލު ކުރެވިދާނެއެވެ. އެޗިޓާ ހަވާލުވާ އެފަދަ ފަރާތަކުން އިންކާރު ކުރާ ނަމަ ރަޖިސްޓްރީ ޕޯސްޓުގެ ޒަރިއްޔާއިން ނުވަތަ އެ ނޫން ވެސް އެމީހަކާ އެވަގުތަކު މުއާމަލާތު ކުރެވޭ މުވާސަލާތީ ވަސީލަތެއްގެ ޒަރިއްޔާއިން ޗިޓު ހަވާލު ކުރެވިދާނެއެވެ. އޭގެތެރޭގައި އީމެއިލްއާއި ފެކްސްއާއި ޓެކްސްޓް މެސެޖާއި ފޮޓޯ ފޮނުވޭފަދަ ސޯޝަލް މީޑިއާގެ ވަސީލަތްތައް ހިމެނެއެވެ.
އެފަދަ ވަސީކަތެއް މެދުވެރިކޮށް ޗިޓު ފޮނުވާ ހާލަތެއްގައި އެމީހަކަށް ޗިޓުގެ ސްކޭން ކޮޕީއެއްގެ ފޮޓޯ ފޮނުވުމުން ޑެލިވަ ކުރެވިއްޖެ ކަމަށް ނުވަތަ ސީން ކަމަށް އޮޓެމެޓިކުން ޖަވާބު ލިބޭ ހާލަތްތަކުގައި ޗިޓު ރައްދުވީ ކަމަށް ބެލެވިދާނެ ކަމަށް އެ އުސޫލުގައިވެއެވެ.
އަލަށް އަމަލު ކުރަން ފެށި އުސޫލުގައި 12 މާއްދާއެއް ހިމެނެއެވެ.
ފުލުހުންގެ އާއްމު ގަވާއިދުގައި ބުނެފައިވާ ގޮތުގައި ޗިޓު ލިބި ހާޒިރު ނުވެވޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ ހާޒިރުވާން އޮންނަ ގަޑީގެ ދެ ގަޑިއިރު ކުރިން އެކަން އަންގަންވާނެއެވެ. ނަމަވެސް އާ އުސޫލުގައި ބުނެފައިވާ ގޮތުގައި އެފަދަ ހާލަތްތަކުގައި އެއްގަޑިއިރުގެ ކުރިން އެންގުމުން ރަނގަޅުވާނެއެވެ.