އަނިޔާވެރި ގޮތަކަށް މަރާލައިފައިވާ ބްލޮގާ ޔާމިން ރަޝީދުގެ މަރުގެ ތަހުޤީޤު ފުލުހުން ގަސްތުގައި ލަސްކުރަމުން ގެންދާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހު ކުރެއްވި ޓުވީޓެއްގައި އެމަނިކުފާނު ވިދާޅުވެފައި ވަނީ ގަސްތުގައި ފުލުހުން އެ މައްސަލަ ލަސްކުރަމުންދާ ކަމަށާއި އެ މައްސަލައަކީ އދ.ގެ އިންސާނީ ހައްޤުތަކާބެހޭ ކޮމިޓީން އިސްނަގައިގެން ބަލަން ޖެހޭ މައްސަލައެއް ކަމަށެވެ.
ޔާމީން މަރާލަން ހަރަދުކުރީ ކޮން ފަރާތަކުންކަން މިހިސާބަށް އައިއިރު ހޯދިފައި ނުވާކަމަކީ ފުލުހުން މި މައްސަލަ ގަސްތުގައި ނުބަލާ ލަސްކުރަމުން ގެންދާކަން ހާމަވެގެންދާ ސަބަބެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިބއެވެ.
Maldives Police deliberately overlooking who ordered and financed @yaamyn's murder. UNHRC must intervene #JusticeforYaamyn
— Mohamed Nasheed (@MohamedNasheed) June 15, 2017
މިމައްސަލާގައި ފުލުހުން ބުނެފައިވާ ގޮތުގައި ޔާމިން ރަޝީދުގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި ސީދާ އޭނާ މަރާލުމުގައި ޢަމަލީގޮތުން ބައިވެރިވި ކަމަށް ބަލެވޭ ދެ މީހަކު ވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ.
ޔާމީން މަރާލާފައިވަނީ އޭޕްރިލް 22 ވަނަ ދުވަހުގެ ރޭ އޭނާ ދިރިއުޅެމުން ގެންދިޔަ ގޭގެ ސިޑިގޮޅީގައި ދިން ރަހުމު ކުޑަ ހަމަލާތަކެއްގައެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ތަހުގީގަށް މިހާތަނަށް ލިބިފައިވާ ކުރިއެރުންތަކާއެކު ޔާމީންގެ ގާތިލުން އިންސާފުގެ ކުރިމައްޗަށް ގެނެވޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބަ އޮތެވެ. މި މައްސަލަގައި ޖުމުލަ ހަތް މީހުން ހައްޔަރުކުރި އެވެ.