ކ. މާލެ
|
4 އޯގަސްޓް 2022 | ބުރާސްފަތި 08:26
ޔޫކްރެއިންގެ ގޮވާމުގެ ބާވަތްތައް ބަރުކޮށްގެންދާ ބޯޓު
ޔޫކްރެއިންގެ ގޮވާމުގެ ބާވަތްތައް ބަރުކޮށްގެންދާ ބޯޓު
އަލްޖަޒީރާ
ޔޫކްރެއިންގެ ގޮވާމުގެ ބޯޓުތައް
ޔޫކްރެއިންގެ ގޮވާން ބަރުކޮށްފައިވާ ބޯޓުތައް ފުރުމަށް ތައްޔާރުވެފައި
ޔޫކްރެއިންގެ ގޮވާން އެކްސްޕޯޓް ނުކުރެވި ލަސްވަމުން ދިޔުމުގެ ސަބަބުން ދުނިޔޭގެ ބާޒާރުތަކުގައި ގޮވާމުގެ ބާވަތްތައް މަދުވެ ޚާއްސަކޮށް ގޮދަނުގެ އަގުތައްވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފައި
އެއްބަސްވުމުގެ ދަށުން ގޮވާމުގެ ބާވަތްތައް ބަރުކޮށްގެންދިޔަ ފުރަތަމަ ބޯޓު ރަޒޯނީ ވަނީ ބުދަ ދުވަހު ލުބުނާނަށް ގޮސްފައި
ޔޫކްރެއިން އަކީ ދުނިޔޭގެ ބާޒާރުތަކަށް ގޮވާމުގެ ބާވަތްތައް އެންމެ ގިނައިން އެކްސްޕޯޓްކުރާ 5 ގައުމުގެ ތެރޭގައި ހިމެނޭ ގައުމެއް

ޔޫކްރެއިންގެ ގޮވާމުގެ ބާވަތްތައް ބަރުކޮށްފައިވާ ބޯޓުތައް ފުރުމަށް ތައްޔާރުވެފައިވާކަމަށް ޔޫކްރެއިންގެ ފޮރިން މިނިސްޓަރ ޑިމިޓްރޯ ކުލީބޭ ވިދާޅުވެއްޖެއެވެ.

ޔޫކްރެއިންގެ ގޮވާން އެކްސްޕޯޓް ނުކުރެވި ލަސްވަމުން ދިޔުމުގެ ސަބަބުން ދުނިޔޭގެ ބާޒާރުތަކުގައި ގޮވާމުގެ ބާވަތްތައް މަދުވެ ޚާއްސަކޮށް ގޮދަނުގެ އަގުތައްވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފައެވެ. އދ. އާއި ތުރުކީ މެދުވެރިއަކަށް ވެގެން ޖުލައި މަހުގެ 22 ވަނަ ދުވަހު ރަޝިޔާއާއި ޔޫކްރެއިނުން ވަނީ ތުރުކީގެ އިސްތަންބޫލްގައި ޔޫކްރެއިންގެ ގޮވާން އެކްސްޕޯޓް ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ޔޫކްރެއިންގެ ފޮރިން މިނިސްޓަރ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއެއްބަސްވުމާއި އެއްގޮތަށް ރަޝިޔާއިން އަމަލުކުރާނަމަ ގޮވާމުގެ ބާވަތްތައް ގަންނަން ބޭނުންވާ ފަރާތްތަކާ ހަމައަށް ގޮވާންތައް ދާނެކަމަށާއި އަދި މަތިވެފައިވާ ގޮވާމުގެ ބާވަތްތަކުގެ އަގު ކުޑަކުރުމަށް އެހީވެދޭނެކަމަށެވެ. އެއްބަސްވުމާ އެއްގޮތަށް ޔޫކްރެއިން ކަންކަންކުރާނެކަމަށާއި ދުނިޔެއަށް ބޭނުންވާ ކާބޯތަކެތި ބޭނުންވާ މިންވަރަށް ފޯރުކޮށްދިނުމުގައި ޔޫކްރެއިން ދެމި އޮންނާނެކަމަށެވެ.

އެއްބަސްވުމުގެ ދަށުން ގޮވާމުގެ ބާވަތްތައް ބަރުކޮށްގެންދިޔަ ފުރަތަމަ ބޯޓު ރަޒޯނީ ވަނީ ބުދަ ދުވަހު ލުބުނާނަށް ގޮސްފައެވެ. އެބޯޓު އޮޑެއްސާ ބަނދަރުން ފުރީ 26،567 ޓަނުގެ ގޮވާމުގެ ބާވަތްތައް ބަރުކޮށްގެންނެވެ.

ޔޫކްރެއިން އަކީ ދުނިޔޭގެ ބާޒާރުތަކަށް ގޮވާމުގެ ބާވަތްތައް އެންމެ ގިނައިން އެކްސްޕޯޓްކުރާ 5 ގައުމުގެ ތެރޭގައި ހިމެނޭ ގައުމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 19 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް