ބޭނުންވަނީ ނިއުރޭޑިއަންޓާ ވާދަކޮށް ކާމިޔާބު ހޯދަންކަމަށް ރާއްޖޭގެ މިދިޔަ ތިން އަހަރުގެވެސް އެއްވަނަ ކްލަބް މާޒިޔާއިން ބުނެފިއެވެ.
ވިދިވިދިގެން ތިންވަނަ ފަހަރަށް ދިވެހި ޕްރިމިއަރ ލީގު ހޯދުމަށްފަހު މާޒިޔާގެ މެނޭޖަރު އިބްރާހީމް ވަހީދު ބުނީ ނިއުރޭޑިއަންޓް އަޔަނުދޭން އެކްލަބުން މަސައްކަތްކުރާ ވާހަކައަކީ ހަޤީޤަތެއް ނޫންކަމަށާއި, އެއީ ތުންތުންމަތިން ދެކެވޭ ވާހަކައެއްކަމަށެވެ. މާޒިޔާއިން ބޭނުންވަނީ ނިއުރޭޑިއަންޓް ފުރަތަމަ ޑިވިޝަނަށް އަންނަން ކަމަށާއި, އަދި އެކްލަބާ ވާދަކޮށް ކާމިޔާބު ހޯދަންކަމަށެވެ.
ނިއުރޭޑިއަންޓަކީ މިއަދު މާޒިޔާ އޮތް މަޤާމުގައި ކުރިން އޮތް ކްލަބްކަން ފާހަގަކޮށް އިބްރާހީމް ވަހީދު ބުނީ ނިއު އައުމަކީ މާޒިޔާއަށްވެސް ލިބޭނެ ހިތްވަރެއްކަމަށެވެ. އަދި ނިއުރޭޑިއަންޓް އައުމުން ފޯރިއަށްވެސް އަދި ވާދައަށްވެސް ހެޔޮ އަސަރެއް ކުރާނެކަން އޭނާ ފާހަގަކުރިއެވެ.
ނިއުރޭޑިއަންޓަކީ އެންމެ ސަޕޯޓަރުން ގިނަ ކްލަބް. އެހަޤީޤަތް ޖެހޭ ޤަބޫލުކުރަން. އެންމެ ގިނަ ސަޕޯޓަރުން ވަންނަނީވެސް އަދި ސަޕޯޓްކުރަނީވެސް ނިއުރޭޑިއަންޓްގެ. އަޅުގަނޑު މާޒިޔާ މީހަކަށްވީތީ މާޒިޔާގެ ސަޕޯޓަރުން ގިނައޭ ބުނެވިދާނެ. އެކަމަކު ހަޤީޤަތަކީ އެންމެ ސަޕޯޓަރުން ގިނަ ކްލަބަކީ ނިއުރޭޑިއަންޓްކަން. ނިއުރޭޑިއަންޓް އައިސް އެކްލަބްގެ ސަޕޯޓަރުން ދަނޑަށް ވަނުން ވާނީ މާޒިޔާއަށްވެސް ލިބޭ ހިތްވަރަކަށް.އިބްރާހީމް ވަހީދު/ މާޒިޔާގެ މެނޭޖަރު
އޭއެފްސީކަޕްގެ މެޗުތައް ކުޅޭއިރު އިދިކޮޅު ޓީމްގެ ސަޕޯޓަރުން ދަނޑަށްވަދެ ހަޅޭ ލެވުމުންވެސް މާޒިޔާގެ ރޫހު ރަނގަޅުވެ, ކުޅުން ރަނގަޅުވާކަންވެސް މެނޭޖަރު ފާހަގަކުރިއެވެ. އެހެންކަމުން އިދިކޮޅު ޓީމްގެވެސް ސަޕޯޓަރުން ދަނޑަށް ވަދެ, ސަޕޯޓްކުރާނަމަ އެކަމުން މާޒިޔާއަށްވެސް ފައިދާކުރާނެ ކަމަށާއި, ނިއުރޭޑިއަންޓް އައުމުން އެތަފާތު ފެންނާނެކަމަށް އިބްރާހީމް ވަހީދު ބުންޏެވެ. މިދިޔަ އަހަރުތަކުގެ ތެރޭގައި މާޒިޔާގެ ސަޕޯޓަރުންގެ އަދަދު އަތޮޅުތަކުގައި އިތުރު ކުރެވިފައިވާކަމަށާއި, އެކަން އައްޑޫ ސިޓީއާއި ކުޅުދުއްފުށިންވެސް ފާހަގަކުރެވުނުކަމަށް އޭނާ ބުންޏެވެ.
މާޒިޔާ ވިދިވިދިގެން ތިންވަނަ ފަހަރަށް ދިވެހި ލީގު ހޯދީ 21 މެޗުން 60 ޕޮއިންޓާއެކުއެވެ. ބަލިވީ އެންމެ މެޗަކުންނެވެ. ނިއުރޭޑިއަންޓް މިހާރު ވާދަކުރަމުން ދަނީ ދެވަނަ ޑިވިޝަންގައެވެ. އެޓީމުން މަސައްކަތް ކުރަނީ ސަސްޕެންޝަނަށްފަހު އަލުން ފުރަތަމަ ޑިވިޝަންގައި ވާދަކުރުމަށެވެ. އެކަމަކު އެކަން ވާން އޮތީ ދެވަނަ ޑިވިޝަންގެ ފައިނަލަށް ދަތުރުކޮށް, އޭގެފަހުން ކޮލިފިކޭޝަންގައިވެސް ވާދަކޮށް ގަދަ ދެޓީމްގެ ތެރޭގައި ހިމެނިގެންނެވެ.