ކުރީގެ ނައިބު ރައީސް އަހްމަދު އަދީބަށް ބޭނުންވާ ސިއްހީ ފަރުވާ ހޯދުމަށް ގައުމުން ބޭރަށް ދިއުމުގެ ހުއްދަ ދިނުމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ގޮވާލައިފިއެވެ.
އެމްނެސްޓީ އިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ހުކުމެއް ތަންފީޒުކުރަމުންދާ ފަރާތްތަކަށް ބޭނުންވާ ސިއްހީ ފަރުވާ ހޯދައިދިނުމަކީ ދިވެހިރާއްޖޭގެ ސަރުކާރަށް ލާޒިމްވެފައިވާ ކަމެއް ކަމަށެވެ. އަދި، ސިއްހީ ފަރުވާ ހޯދުމަށް ގައިދީއަކު އެދޭ ހިނދު އެކަމަށް އިޖާބަނުދިނުމަކީ ރާއްޖެއިން ސޮއިކޮށްފައިވާ އިންސާނީ ހައްގުތަކާއި ބެހޭ މުއާހަދާތަކާއި ދެކޮޅުވުން ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
އެމްނެސްޓީއިން ބުނީ ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގައި ގައިދީންނާއި އާންމުންނާއި މެދު އެއްވެސް ފަރަގެއް އޮވެގެން ނުވާނޭ ކަމަށެވެ. ޖަލުން އެ ހިދުމަަތެއް ލިބެން ނެތް ހާލަތެއްގައި، އަދި ގައިދީއެއްގެ ފުރާނައަށް ނުރައްކާވާ ހާލަތުގައި އެކަށީގެންވާ ފަރުވާ ލިބޭ ހޮސްޕިޓަލަކަށް ގެންގޮސް އެފަރުވާ ދިނުމަކީ ސަރުކާރުގެ ޒިންމާއެއްކަން ވެސް އެބަޔާނުގައި ބުނެފައި ވެއެވެ.
އެމްނެސްޓީން ވަނީ އަދީބު ގައުމުން ބޭރަށް ދިޔުމަށް އެދިފައިވާ ކޮންމެ ފަހަރަކު ސަރުކާރުން އިޖާބަދީފައިވާ ނުވާކަން ފާހަގަކޮށްފައެވެ. އަދި، އަދީބުގެ ސިއްހީ ހާލަތު ދުވަހަކަށް ވުރެ ދުވަހެއް ދަށްވަމުންދާ ކަމަށް ވެސް އެބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.
އެމްނެސްޓީގެ ބަޔާނުގައި އަދީބުގެ ޝަރީއަތުގެ އިންސާފުވެރިކަމާ މެދު ވެސް ވަނީ ސުވާލު އުފައްދާފައެވެ. އެގޮތުން، ދިފާއީ އެއްްވެސް ހެއްކަކަށް ފުރުސަތު ދީފައިވާ ނުވާ ކަމަށް ބުނެފައި ވެއެވެ.
އަދީބުގެ އާއިލާއިން މިދިޔަ މެއި މަހުގެ 22 ވަނަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 2015 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހު އެ މަނިކުފާނު ޖަލުގައި ހައްޔަރުކުރެވުނު ފަހުން ވޭތުވެދިޔަ މުއްދަތުގައި ސިއްހީ ބޮޑެތި މައްސަލަތަކަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައިވާ ކަމަށެވެ.
އާއިލާއިން ބުނެފައިވާ ގޮތުގައި އަދީބަށް ދިމާވެފައިވާ ސިއްޙީ މައްސަލަތަކުގެ ތެރޭގައި އެތެރެހަށީގައި ސިސްޓެއް އުފެދިފައި ވުމާއި، ކިޑްނީގައި ހިލަ އުފެދިފައިވުމުގެ އިތުރުން ލޮލުގެ ވަރަށް ނުރައްކާތެރި ބައްޔެއް ކަމުގައިވާ "ގްލޮކޮމާ" އެމަނިކުފާނަށް ޖެހިފައިވާ ކަމަށް މާލެއިން ހެދި ޓެސްޓްތަކުން ވަނީ ކަށަވަރުވެފަ އެވެ.
ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދަ ދޭނީ ކަރެކްޝަނުން ކަމަށް ފުލުހުން ބުނެފައިވާ އިރު މާޗު މަހުގެ 8 ވަނަ ދުވަހު ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް އަދީބު ވަނީ ބަދަލުކޮށްފަ އެވެ. މިހާރު އަދީބު ހުންނެވީ ދޫނިދޫ ޖަލުގައި ބަންދުކޮށްފަ އެވެ.
ކަރެކްޝަނުން ބުނަމުންދަނީ އަދީބަށް އެފަދަ ހުއްދައެއް ދިނުމުގެ އިހުތިސާސެއް އެ މުއައްސަސާއަށް ނެތް ކަމަށާއި ހުއްދަ ދޭނީ ފުލުހުން ކަމަށެވެ. ނަމަވެސް ރޯދަ މަހު އަދީބު ގެއަށް ބަދަލުކުރުމަށް ހުއްދައަކަށް އެދުމުން އެ ކަމަށް ހުއްދަ ދެވެން ނެތް ކަމަށް އާއިލާ އަށް ސިޓީން ޖަވާބު ދީފައި ވަނީ ކަރެކްޝަނަލް ސާވިސްއިންނެވެ.