ކ. މާލެ
|
2 އޯގަސްޓް 2022 | އަންގާރަ 13:57
ޔުއާން ވޭންގް 5 ބޯޓު - ޔުއާން ވޭންގް 5 އަކީ ނުރައްކާތެރި ހަތިޔާރުގެ ގާބިލިއްޔަތުކަން ލިބިފައިވާ މަނަވަރެއް
ޔުއާން ވޭންގް 5 ބޯޓު - ޔުއާން ވޭންގް 5 އަކީ ނުރައްކާތެރި ހަތިޔާރުގެ ގާބިލިއްޔަތުކަން ލިބިފައިވާ މަނަވަރެއް
ދި ހިންދޫ
ޗައިނާގެ އަސްކަރީ މަނަވަރު ޔުއާން ވޭންގް 5
ޗައިނާގެ ޖާސޫސީ މަނަވަރު، ހަމްބަންޓޯޓާއަށް: އިންޑިއާ ކަންބޮޑުވަނީ ކީއްވެ؟
 
އިންޑިއާގެ ސަލާމަތާއި އިގުތިސާދީ އުމްރާނީވެއްޓަށް ހައްސާސްކަން ކުރިމަތި ކުރުވާ ކޮންމެ ކަމެއް، އިންޑިއާ ސަރުކާރުން ފަރުވާތެރި ކަމާއެކު މޮނިޓަރ ކުރާނެ ކަމަށް ވަނީ ބުނެފަ
 
އިންޑިއާ ސިހިސިހި އޮތީ ސްރީލަންކާގައި ބަނދަރު ކޮށްގެން އޮންނަ ދުވަސްވަރު، އިންޑިއާގެ ބަނދަރުތަކާއި، ދެކުނުގެ ސަރަހައްދުގައިވާ ނިއުކްލިއާ ޕްލާންޓްތަކަށް ކަޅި އަޅާފާނެތީ
 
އިންޑިއާއާ އެހާ ގާތަށް ޗައިނާގެ އަސްކަރީ މަނަވަރެއް ބަނދަރު ކުރަން ދަތުރު ކުރަމުންދާ ދިއުމާ ގުޅިގެން އިންޑިއާއިން މިހާރުވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައި

ބައިނަލްއަގުވާމީ ކަނޑުއޮޑިފަހަރުގެ ދަފުތަރުގައި ޔުއާން ވޭންގް 5 ލިސްޓުކޮށްފައި އޮންނަނީ ދިރާސާ/ސާވޭ އުޅަނދެއްގެ ގޮތުގައެވެ. މީގެ 15 ވަރަކަށް އަހަރު ދުވަސް ކުރިން، 2007 ވަނަ އަހަރު ބަނދެފައިވާ ޔުއާން ވޭންގް 5، ކަނޑުގެ ރާޅުތައް ކަފަމުން ދަނީ ދުނިޔޭގެ އެންމެ ނުޒޫފުގަދަ ގައުމުގެ މަގާމަށް ފައިވިއްދައިގެން އޮންނަ ޗައިނާގެ ދިދައިގެ ނިވަލުގައެވެ.

ކަނޑުއޮޑިފަހަރު ދަތުރު ކުރަމުންދާ ރާސްތާ ބަޔާން ކުރާ މެރިންޓްރެފިކްއިން އެންމެ ފަހުން އާންމު ކުރި މައުލޫމާތަށް ބަލާއިރު ޔުއާން ވޭންގް 5 މިހާރު ކުރަމުންދާ ދަތުރަށް ފެށީ ޖުލައި 13، 2022 ވަނަ ދުވަހު، ޗައިނާގެ ޖިއާންގްޔިންއިންނެވެ. 19.0 ނޮޓްގެ ބާރުމިނުގައި އިރު ދެކުނުގެ ރާސްތާއަކަށް މަނަވަރު ދުއްވަމުން ދަނީ އަވަށްޓެރި ސްރީލަންކާގެ ހަމްބަންޓޯޓާއަށެވެ. ބައިނަލްއަގުވާމީ ކޮންޓްރޯލް ނެގުމަށް ޗައިނާއިން ޖަހާފައިވާ އުމްރާނީ ތަރައްގީގެ ކަސްތޮޅުގައި ރަނގަޅަށް ބެދިފައިވާ ސްރީލަންކާގެ ފަޅަށް، ޔުއާން ވޭންގް 5 ވަންނާނެ ކަމަށް ލަފާ ކުރެވެނީ އޯގަސްޓް 11، 2022 ވަނަ ދުވަހުއެވެ.

ޗައިނާގެ ކަނޑުގެ އަސްކަރިއްޔާއިން ބޭނުން ކުރަމުންދާ ޔުއާން ވޭންގް 5، ސްރީލަންކާގެ ހަމްބަންޓޯޓާގައި ބަނދަރު ކުރުމަކީ ބައިނަލްއަގުވާމީ މައިދާނުގައި ޗައިނާގެ ކޮންމެ ފިޔަވަޅަކަށް ފާރަވެރި އޮންނަ އިންޑިއާއަށް ހަޖަމް ކުރަން މާ ފަސޭހަ ކަމަކަށް ނުވިއެވެ. އިންޑިއާއާ އެހާ ގާތަށް ޗައިނާގެ އަސްކަރީ މަނަވަރެއް ބަނދަރު ކުރަން ދަތުރު ކުރަމުންދާ ދިއުމާ ގުޅިގެން އިންޑިއާއިން މިހާރުވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ޖާސޫސީ މަނަވަރެއްގެ ގޮތުގައި ސިފަ ކުރާ ޔުއާން ވޭންގް 5، ސްރީލަންކާގައި ބަނދަރު ކޮށްގެން އޮންނަ ދުވަސްވަރު، އިންޑިއާގެ ބަނދަރުތަކާއި، ދެކުނުގެ ސަރަހައްދުގައިވާ ނިއުކްލިއާ ޕްލާންޓްތަކަށް ކަޅި އަޅާފާނެ ކަމަށް އިންޑިއާ އޮތީ ސިހިސިހިއެވެ.

މިހާލަތުގައި އަޅަންޖެހިއްޖެ ކޮންމެ ފިޔަވަޅެއް އަޅާނެ ކަމަށް، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު އަރިންދަމް ބަގްޗީ ވަނީ ވިދާޅުވެފައެވެ.

އިންޑިއާގެ ސަލާމަތާއި އިގުތިސާދީ އުމްރާނީވެއްޓަށް ހައްސާސްކަން ކުރިމަތި ކުރުވާ ކޮންމެ ކަމެއް، އިންޑިއާ ސަރުކާރުން ފަރުވާތެރި ކަމާއެކު މޮނިޓަރ ކުރާނެ. އަދި އެކަން ހިމާޔަތް ކުރަން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނެ. މެސެޖު ސާފުވާނެ ކަމަށް އުއްމީދު ކުރަން
އަރިންދަމް ބަގްޗީ؛ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު

އިންޑިއާ ކަނޑުގެ އުތުރުގެ ސަރަހައްދުތައް މައިގަނޑު ގޮތެއްގައި އޮންނަނީ އިންޑިއާގެ ނުފޫޒީ އިހުތިސޯސްގެ ތެރޭގައެވެ. އިންޑިއާގެ ކަނޑުގެ އަސްކަރިއްޔާއިން އެ ސަރަހައްދުގައި ތާ އަބަދުމެހެން ފޯރިމަރައެވެ. އެ ސަރަހައްދަކީ، ކަނޑުމަގުން ކުރާ ބައިނަލްއަގުވާމީ ވިޔަފާރި ދަތުރުތަކުގެ މައި ރޫޓެކެވެ. އެހެން ކަމުން، އެފަދަ ހައްސާސީ ސަރަހައްދެއްގައި ޗައިނާގެ އަސްކަރީ ބާރު އޮތް މަނަވަރެއްގެ ހިލަން ވުމަކީވެސް އިންޑިއާ ނުތަނަވަސް ނުކޮށް ނުދާނެ ކަމެކެވެ.

ޔުއާން ވޭންގް 5 އަކީ ނުރައްކާތެރި ހަތިޔާރުގެ ގާބިލިއްޔަތުކަން ލިބިފައިވާ މަނަވަރެކެވެ. ސެޓެލައިޓްތަކާއި އަސްކަރީ އެނޫންވެސް އަލާތްތައް ޓްރެކް ކުރުމުގެ ގާބިލުކަން ލިބިފައިވާ ކަމަށް ބުނެއެވެ. ތަރޑް ޖެނެރޭޝަން ޓްރެކިންގް ޝިޕެއްގެ ގޮތުގައި ސިފަކުރާ ޔުއާން ވޭންގް 5 އަކީ، އެ މަނަވަރު ވަށައިގެންވާ އޭރިއަލް ސަރަހައްދުން 750 ކިލޯމީޓަރުގެ ސަރަހައްދެއް ވިލަރެސް ކުރުމުގެ ގާބިލުކަން ލިބިގެންވާ މަނަވަރެކެވެ. އެހެންކަމުން، އިންޑިއާގެ ދެކުނުގައި އޮންނަ 6 ބަނދަރެއްގެ އިތުރުން  ނިއުކްލިއާ ޕްލާންޓްތަކުގައިކަން ހިނގާ ނުހިނގާ ގޮތް ބެލުމުގެ ފުރުސަތު، ހަންބަންޓޯޓާގައި ބަނދަރުކޮށްފި ނަމަ، ޗައިނާއަށް ލިބޭނެއެވެ.

އުމްރާނީ ތަރައްގީގެ ބޮޑު މަޝްރޫއެއްގެ ގޮތުގައި ޗައިނާއިން ޕްރޮމޯޓްކޮށް، ސްރީލަންކާގައި އެޅި ހަމްބަންޓޯޓާ ބަނދަރަކީ، ސްރީލަންކާއަށް ކުރިމަތިލާންޖެހުނު އެންމެ ބޮޑު އެއް ފެއިލްވުމެވެ. ދަރަނީގެ މައްސަލަތައް ބޮޑުވެ، ސްރީލަންކާއިން ވަނީ 99 އަހަރަށް، ޗައިނާއަށް އެ ބަނދަރު ލީޒްކޮށްފައެވެ. ވިޔަފާރި ހަރަކާތްތައް ހިންގުމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
50%
17%
0%
0%
0%
33%
ކޮމެންޓް