ސަރުކާރުން ކިތަންމެ ވަރަކަށް ހުރަސް އެޅިޔަސް ރައްޔިތުންގެ ލޯބި ހޯއްދަވާފައިވާ ވެރިންނަށް ރައްޔިތުން މަރުހަބާ ކިޔާނެކަމަށް ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބުދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ބުދަ ދުވަހުގެ ރޭ ރައީސް މައުމޫން އަބްދުލް ގައްޔޫމަށްޓަކައި މަރުހަބާ ދެންނެވުމަށް ވަޑައިގެން ޖުމްހޫރީ މައިދާނުގައި ހުންނަވާ ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެން މެންބަރު އަބުދުﷲ ޝާހިދު ވިދާޅުވީ، ދިވެހިރާއްޖޭގައި މިހާރު މި އޮތީ ހުދުމުހުތާރު ސަރުކާރެއްކަން، ރައީސް މައުމޫނު ވަޑައިގަތް ވަގުތުވެސް ފެނިގެން ހިނގައްޖެކަމަށާއި، މަޖިލީހުގެ އެތައް މެންބަރުންނެއް ރައީސް މައުމޫނަށް މަރުހަބާ ދެންނެވުމަށް ވަޑައިގަތުމަށް ބޭނުންވެގެން ކުރިން ކަމާބެހޭ ފަރާތްތަކަށް ލިޔެކިޔުންތައް ފޮނުއްވުމުން ހުއްދަ ދެއްވާފައިވެސް އެއަށް ނުބަލާ މެންބަރުންނަށް ފުލުހުންލައްވާ ހުރަސް އަޅާ އެ ފުރުސަތު ނުދެއްވިކަމަށެވެ.
ކިތަންމެ ވަރަކަށް ހުރަސް އެޅިޔަސް ރައްޔިތުންގެ ލޯބި ހޯއްދަވާފައިވާ ވެރިންނަށް ރައްޔިތުން މަރުހަބާ ކިޔާނެ ކަމަށާއި އެކަމަކަށް ސަރުކާރުން ހުރަސްނޭޅޭނޭކަން ރައްޔިތުން ދައްކައިދީފިކަމަށް ޝާހިދު ވިދާޅުވިއެވެ.
"މިސަރުކާރު ބޮޑުތަނުން ފަލީހަތްވެއްޖެ. ބޮޑުތަނުން ބަލިވެއްޖެ. ރައްޔިތުންގެ އެއްވެސް ތާއީދެއް ނެތްކަން އަނެއްކާވެސް މިރޭ މި ފެނުނޫ" ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ރައްޔިތުން އޮބަހައްޓައި ހިފަހައްޓައިގެން ދާއިމީ ގޮތެއްގައި ހިޔާލު ފާޅުކުރުން ހިފަހައްޓައިގެން ސަަރުކާރަކަށް ދެމިއެއް ނޯވެވޭނެކަމަށެވެ.
ރައްޔިތުންވެސް އަދި އެބޭފުޅުންވެސް އެ ހައްގުތަށް ހިފަހައްޓައިގެން ސަރުކާރުން އޮތަ ނުދޭނެކަމަށް ޝާހިދު ވިދާޅުވިއެެވެ.