ޔޫކްރެއިންގެ ރައީސް ވޮލޮޑިމިއަރ ޒެލެންސްކީއާއި އަނބިކަނބަލުން އޮލޭނާ ޒެލެންސްކީ އެންމެ ފަހުން މީޑިއާއަށް ދޫކުރެއްވި ފޮޓޯއަށް ގިނަބަޔަކު ފާޑުކިޔަމުން އެބަދެއެވެ. "ވޯގް" މެގަޒިންގެ ބޭރުގަނޑުގައި ޖަހާފައިވާ ފޮޓޯ ނަގާފައިވަނީ ލެޖެންޑަރީ ފޮޓޮގްރާފަރ އެނީ ލެއިބޮވިޓްޒްއެވެ. އެފޮޓޯއަކީ "ހިތްވަރުގަދަ ކަނބަލެއްގެ ޕޯޓްރެއިޓް" މިސުރުޚީގެ ދަށުން، އޮލޭނާ ޒެލެންސްކީއާ ބެހޭގޮތުން ވޯގް މަޖައްލާގައި ރޭޗަލް ޑޮނާޑިއޯ ގެނެސްދީފައިވާ ފީޗަރ އާޓިކަލްގައި ޖަހާފައިވާ ފޮޓޯއެވެ.
ބައެއް މީހުން ބުނާގޮތުގައި އެފަދަ "ގްލެމަރަސް" ނުވަތަ ދެއްކުންތެރި ކަންކަމަކަށް ވަގުތު ހުސްކުރެއްވުމުން، ކުރިޔަށްދާ ހަނގުރާމައިގެ ސީރިއަސްކަން ކުޑަކޮށްލައެވެ.
އެދެކަނބަލުން (ޚާއްސަކޮން ރައީސް ޒެލެންސްކީ) މީޑިޔާ އަދި ސޯޝަލް މީޑިޔާ ބޭނުންކުރައްވާގޮތަށް ގިނަ ބަޔެއްގެ ތައުރީފްވެސް ދަނީ އޮހެމުންނެވެ.
މިޗިގަން ސްޓޭޓް ޔުނިވަރސިޓީގެ ޕްރޮފެސަރަކު ވިދާޅުވިގޮތުގައި، ރައީސް ޒެލެންސްކީ އަމިއްލަފުޅަށް ނަންގަވައި ދޫކުރައްވާ ވީޑިއޯ މެސެޖްތައް ވަރަށްވެސް ބާރުގަދައެވެ. އަދި ޔޫކްރެއިނަށް ބައިނަލްއަގުވާމީ ތާއީދު ހޯދުމަށް މިފަދަ މެސެޖްތައް އިސް ދައުރެއް އަދާކުރެއެވެ. މި މެސެޖްތަކުން ބުނާ ވާހަކައަކީ "މަވެސް މީ ކަލޭމެން ވީ ހާލެއްގައި ވާނެ، ހަމަ ކަލޭމެން ކަހަލަ މީހެކޭ" ކަމަށް ޕްރޮފެސަރު ވިދާޅުވިއެވެ.
ވޯގް ފޮޓޯއަށްވެސް ތާއީދުކުރި ގިނަބަޔަކު ބުނަނީ އެފަދަ ގްލެމަރަސް ފޮޓޯއެއް ނެންގެވުމުގެ ބޭނުންފުޅަކީ، ވޯގްއަކީ ގިނަބަޔަކަށް ފޯރާ މެގަޒިންއަކަށްވެފައި، ވޯގްގައި ޖަހާ ފޮޓޯގެ ޒަރީއާއިން ޔޫކްރެއިނަށް ތާއީދު ހޯއްދެވުމެވެ.
ރައީސް ޒެލެންސްކީގެ އަނބިކަނބަލުން އޮލޭނާ ޒެލެންސްކީއަކީ ވަރަށްވެސް ހިތްވަރުގަދަ ނަމޫނާ ބޭކަނބަލެކެވެ. ވޯގްއިން އެކަމަނާގެ ޕޯޓްރެއިޓް ގެނައީ މިސަބަބަށްޓަކައެވެ. ފިރިކަލުންގެ މަސައްކަތްޕުޅުގައި (އެއްހަމައެއްގައި ނޫންނަމަވެސް) ފަހަތް ޕުޅުގައި ހުންނަވައިގެން ބައިވެރިވެވަޑައިގަންނަވައެވެ. ރައްޔިތުންނަށް ހިތްވަރުދެއްވުމަށް އެކަމަނާވެސް މީޑިޔާ އަދި ސޯޝަލް މީޑިޔާގެ ވަސީލަތްތައް ބޭނުންކުރައްވައެވެ. އިންސްޓަގްރާމް ބޭނުންކުރައްވައެވެ. ޓްވީޓްކުރައްވައެވެ.
ދާދިފަހުން ކުރެއްވި ޓްވީޓެއްގައިވެސް ވަނީ، ބޮމްޝެލްޓަރއެއްގައި އަލަށް އުފަންވި ތުއްތު ކުއްޖެއްގެ ފޮޓޯއެކެވެ. އަދި ލިއުއްވާފައިވެއެވެ. "ހަނގުރާމައެއް ހިނގަމުން ދިއުމާއެކުވެސް މި ތުއްތު ކުއްޖާއަށް އެހީވާނެ ޑަކްޓަރުންނާއި އެހެނިހެން މީހުން މަގުމަތިންވެސް ލިބުނެވެ. ތިޔަ ރައްޔިތުންނަކީ ހިތްވަރުގަދަ މުޖާހިދުންތަކެކެވެ. އެހެންކަމުން މި ތުއްތު ކުއްޖާވެސް ހިމާޔަތްކުރެވޭނެއެވެ."
މިފަދަ މެސެޖްތައް ދޫކުރެއްވުމަށްޓަކައި ވޯގް ފަދަ މަޖައްލާތަކަށްވެސް ފޮޓޯ ނުދެއްވަންވީ ސަބަބެއްނެތެވެ.