ހއ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ނެރެފައިވާ ވައިޓް އެލާޓްގެ ވަގުތު ދިގުދަންމާލައިފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ހޮނިހިރު ދުވަހުގެ ހެނދުނު 6 ޖެހުމާހަމައަށް ކުރިން ނެރެފައިވާ ވައިޓް އެލާޓްގެ ވަގުތު ހޮނިހިރު ދުވަހުގެ މެންދުރު 12 ޖެހުމާ ހަމައަށް އިތުރުކޮށްފައިވާކަމަށެވެ. މިވަގުތުތަކުގައި މުޅި ރާއްޖެއަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް މެޓް އޮފީހުން ބުނެއެވެ. މީގެއިތުރުން ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން ބުނެއެވެ.
މީގެއިތުރުން މެޓް އޮފީހުން ބުނީ ހޮނިހިރު ދުވަހުގެ އިރުއޮއްސި 6 ޖެހުމާ ހަމައަށް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެކަމަށާއި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ. އަދި ވައި ޖެހޭނެކަމަށް ބެލެވެނީ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން، ދެކުނުގެ އަތޮޅުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް މެޓް އޮފީހުން ބުނެއެވެ.
މީގެ އިތުރުން ކަނޑުތައްވެސް ގަދަވާނެކަމަށް މެޓް އޮފީހުން ބުނެއެވެ.