ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ބަދުއަހުލާގީ އަމަލު ހިންގާ މަންޒަރު ފެންނަ ފޮޓޯތަކެއް ލިބިވަޑައިގެންފައިވާ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ތުހުމަތުތަކަކީ ކަނޑައެޅިގެން ދޮގެއްކަމަށް ސަރުކާރުން ބުނެފިއެވެ.
އެމްޑީޕީގެ ވަޓްސްއެޕް ގުރޫޕެއްގައި ރައީސް ނަޝީދު ވިދާޅުވި ވާހަކަފުޅުތަކެއް ސޯޝަލް މީޑިޔާގައި ދައުރުވަމުން އަންނައިރު އެމެސެޖްތަކުގައި ނަޝީދު ވިދާޅުވީ އެ މަނިކުފާނުގެ އާއިލީ ގާތްބޭފުޅެއްގެ އަންހެން ކުއްޖަކާ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ޖިންސީ ގުޅުން ހިންގި ހަތަރު ފޮޓޯއެއް ލިބިވަޑައިގެންފައިވާ ކަމަށެވެ. އެ ފޮޓޯތައް ފުލުސް އޮފީހަށް ފޮނުވަންވީތޯ ނަޝީދު އެ ގްރޫޕުގައި ސުވާލު ކުރެއްވިއެވެ.
"އަޅުގަނޑު ހަމަ ދެންމެ ޔޫކޭ އަށް މި ލޭންޑް ކުރީ. ދެން އެ ފޮޓޯތައް ލިބިއްޖެ،" ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ މިތުހުމަތުތަކާއި ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒު "ރާއްޖެ އެމްވީ" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރައީސް ޞާލިހުއާ ގުޅުވައިގެން ދައްކަމުންދާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއްކަމަށެވެ. އެފަދަ އެއްވެސް ކަމެއް ރައީސް ޞާލިހު ނުކުރައްވާކަމުގެ ޔަގީންކަން ރައީސް އަރުވާކަމަށް މަބްރޫކް ވިދާޅުވިއެވެ.
މީގެއިތުރުން އެކުއްޖާ ހޯދަން ސަރުކާރުން އުޅޭކަމަށް ދެކެވެމުންދާ ވާހަކަތަކަކީވެސް އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއްކަމަށާއި އެފަދަ އެއްވެސް ކަމެއް ސަރުކާރުން ނުކުރާކަމަށް މަބްރޫކް ވިދާޅުވިއެވެ. އެއީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއްކަމަށް މަބްރޫކް ވިދާޅުވިއެވެ.
ރައީސް ނަޝީދު ގެންދަވަނީ އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި އެމަނިކުފާނުގެ ކޮއްކޮ ނާޒިމް ސައްތާރު ހައްޔަރު ކުރި މައްސަލައިގައި ހިތްހަމަޖެހިވަޑައިނުގެން ވަރަށް ބޮޑަށް ސަރުކާރަށް ނުރުހުން ފާޅުކުރައްވަމުންނެވެ.
ނާޒިމް ހައްޔަރުކުރުމާއެކު، ނަޝީދު ކުރެއްވި ޓުވީޓެއްގައި ވެސް ވިދާޅުވީ، ކޮއްކޮ ހައްޔަރުކުރީ ދީނީ ހަރުކަށި މީހުން ރުއްސަން ކަމަށެވެ. ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން އެމަނިކުފާނުގެ ކޮއްކޮ ހައްޔަރުކޮށްފައިވާ ކަމަށާއި، އޭނާ ހައްޔަރުކޮށްފައިވަނީ ވަކި މީހަކަށް ނުވަތަ ބަޔަކަށް ނިސްބަތްވާތީކަމަށްވެސް ނަޝީދު ވިދާޅުވިއެވެ. ހައްޔަރުކޮށްފައިވަނީ އެއްޖިއްސުން ގުޅުން ހިންގި މައްސަލައިގައިކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.