ކ. މާލެ
|
28 ޖުލައި 2022 | ބުރާސްފަތި 22:28
އެމެރިކާގެ ޑިފެންޑަރު ކްރިސް ރިޗާޑްސް
އެމެރިކާގެ ޑިފެންޑަރު ކްރިސް ރިޗާޑްސް
ރޮއިޓާސް
ސަމަރ ޓްރާންސްފަރ
ބަޔާންގެ ރިޗާޑްސް، ކްރިސްޓަލް ޕެލެސްއަށް ސޮއިކޮށްފި
ރިޗާޑްސްއަކީ މިފަހަރުގެ ސަމަރ ޓްރާންސްފަރ މާކެޓުގައި ކްރިސްޓަލް ޕެލެސްއިން ހޯދި ހަތަރުވަނަ ކުޅުންތެރިޔާ
ރިޗާޑްސް ކްރިސްޓަލްއަށް ބަދަލުވީ ފަސް އަހަރުގެ މުއްދަތަކަށް

ބަޔާން މިއުނިކްގެ ޑިފެންސް ލައިނަށް ކުޅެމުން އައި ކްރިސް ރިޗާޑްސް ކްރިސްޓަލް ޕެލެސްއަށް ސޮއިކޮށްފިއެވެ.

ރިޗާޑްސް ކްރިސްޓަލްއަށް ބަދަލުވީ ފަސް އަހަރުގެ މުއްދަތަކަށެވެ. އޭނާ ކްރިސްޓަލްއަށް ބަދަލުވިކަން ދެކްލަބުންވެސް ވަނީ ޔަގީންކޮށްދީފައެވެ. ނަމަވެސް ރިޗާޑްސް ކްރިސްޓަލްއަށް ބަދަލުވި އަގު މިހާތަނަށް ހާމަކޮށްފައެއްނުވެއެވެ.

ރިޕޯޓުތައް ބުނާގޮތުން ކްރިސްޓަލްއިން ބަޔާންއަށް އިނީޝިއަލް ޕޭމަންޓެއްގެ ގޮތުގައި 8.5 މިލިއަން ޕައުންޑް ދައްކާނެއެވެ. އަދި އެޑްއޮންސްތަކާއެކު، ރިޗާޑްސް ހޯދުމަށް ކްރިސްޓަލްއިން ޖުމްލަ 11 މިލިއަން ޕައުންޑު ޚަރަދުކުރާނެކަމަށް ބީބީސީން ރިޕޯޓުކޮށްފައިވެއެވެ.

ކްރިސްޓަލްއަށް ބަދަލުވުމަށްފަހު ރިޗާޑްސް ބުނީ އެޓީމަކީ އަބަދުވެސް ހިތްވަރާއެކު މޮޅުވުމަށް މަސައްކަތްކުރާ ޓީމެއް ކަމަށެވެ. އަދި ޓީމުގައި ތިބި ޒުވާން ކުޅުންތެރިންނާއެކު ކާމިޔާބީ ހޯދުމަށް މަސައްކަތްކުރާނެ ކަމަށްވެސް އޭނާ ބުންޏެވެ.

ރިޗާޑްސް ބަޔާންއަށް ބަދަލުވީ 2018 ވަނަ އަހަރުއެވެ. އޭގެ ފަހުން އޭނާ ވަނީ ބަޔާންއަށް 10 މެޗު ކުޅެދީފައެވެ. އަދި ލޯނު އުސޫލުން ހޮފެންހެމްގައި ރިޗާޑްސް 34 މެޗު ކުޅުނެވެ. ރިޗާޑްސް ވަނީ މިހާތަނަށް އެމެރިކާގެ ގައުމީ ޓީމަށް 8 މެޗު ކުޅެދީފައެވެ.

ރިޗާޑްސްއަކީ މިފަހަރުގެ ސަމަރ ޓްރާންސްފަރ މާކެޓުގައި ކްރިސްޓަލް ޕެލެސްއިން ހޯދި ހަތަރުވަނަ ކުޅުންތެރިޔާއެވެ. މި ޓްރާންސްފަރ މާކެޓުގައި ކްރިސްޓަލްއިން ވަނީ މިޑްފީލްޑަރެއްގެ އިތުރުން ސްޓްރައިކަރަކާއި ކީޕަރެއް ހޯދާފައެވެ.

- ކޮމެންޓް