ކުރީގެ ރައީސް މައުމޫން އަބްދުﷲ ގައްޔޫމްގެ ޕާސަނަލް އެސިސްޓެންޓް އަހުމަދު ސޮފްވާން އެ މަނިކުފާނާއެކު މިރޭ ރާއްޖެ ވަޑައެއް ނުގަންނަވައެވެ.
ސޮފްވާން ޕޮލިހަށް ހާޒިރުވުމަށް އަންގާފައިވާއިރު، ރައީސް މައުމޫން އާއިލީ ކަމެއްގައި ރާއްޖެއިން ބޭރުގައި ހުންނެވުމަށްފަހު ބުދަދުވަހުގެ ރޭ ރާއްޖެ ވަޑައިގެންނެވިއިރު ސޮފްވާން ރާއްޖެ ނާންނަ ކަމަށް، ރައީސް މައުމޫން ފެކްޝަންގެ ބޭފުޅެއް ކަމުގައި އައިމިނަތު ނާދިރާ ރާއްޖެއެމްވީއަށް ކަށަވަރުކޮށް ދެއްވި އެވެ.
ފުލުހުން މިމަހުގެ ހަތްވަނަ ދުވަހުގެ ބުނެފައިވަނީ ހަތް ދުވަސް ތެރޭގައި ސޮފްވާން ފުލުހަށް ހާޒިރުނުވެއްޖެނަމަ އޭނާގެ މައްޗަށް ދައުވާކުރަން ފޮނުވާން ނިންމާފައިވާ ކަމަށެވެ.
ފުލުހުން ތަޙްގީގް ކުރަމުންދާ މައްސަލައަކާ ގުޅިގެން ޖޫން މަހުގެ އެއްވަނަ ދުވަހަށް ސޮފްވާން ހާޒިރުވުމަށް މެއި މަހުގެ 25 ވަނަ ދުވަހު ވެސް ވަނީ ޗިޓްފޮނުވާފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން ސޮފްވާން ހޯދަމުން ދަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަން ރިޝްވަތުގެ ގޮތުގައި ފައިސާ ބެހުމާއި ފައިސާ ރައްކާކޮށްގެން ގެންގުޅުނު ކަމުގެ ތުޙުމަތުގައެވެ. ދެ ފަހަރު ފުލުހަށް ހާޒިރުވުމަށް ސޮފްވާނަން ޗިޓް ފޮނުވާފައިވާއިރު އޭނާ ހުރީ ރާއްޖެއިން ބޭރުގައެވެ.
ހޯމް މިނިސްޓްރީން މި މައްސަލައާއި ގުޅިގެން މީގެ ކުރިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ސޮފްވާން ތަހުގީގަށް ފިލައިގެން ބޭރުގައި އުޅެނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އާއިލާގެ އެހީތެރިކަމާއެކު ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.