ކ. މާލެ
|
27 ޖުލައި 2022 | ބުދަ 13:40
ވީޑިއޯ ގޭމް ކުޅެން ތިބި ޒުވާނުންތަކެއް
ވީޑިއޯ ގޭމް ކުޅެން ތިބި ޒުވާނުންތަކެއް
ދި ގާޑިއަން
އައު ދިރާސާ
ވީޑިއޯ ގޭމް ކުޅުމަކުން ނަފްސާނީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރެއް ނުކުރޭ : އައު ދިރާސާ
 
ފައިދާހުރި ނިޔަތެއްގައި ގޭމް ކުޅޭ ނަމަ ނަފްސާނީ ގޮތުން މީހާޔަށް ފައިދާތަކެއްވެސް ކުރުވާކަމަށް ރިސަރޗަރުން ބުނެފައިވޭ

ވީޑިއޯ ގޭމް ކުޅުމުގައި ކުޑަ ކުދިންނާއި ޒުވާނުން ވަގުތު ހޭދަ ކުރާތީ އެކަމުން އެކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރު ކޮށްފާނެ ކަމަށްޓަކައި އަޅުގަޑުމެން ވަރަށް ކަންބޮޑުވެއެވެ. ނަމަވެސް އާންމުކޮން ވީޑިއޯ ގޭމް ކުޅޭ 40 ހާސް ޒުވާނުންނާއި މީހުން ބޭނުން ކޮށްގެން ހެދުނު ދިރާސާއަކުން މިހާރުމިވަނީ އެކަން އެގޮތަށް ނުވާކަން ހާމަވެފައެވެ.

ކުރިން ހެދޭ މިފަދަ ދިރާސާތަކުގައި ބޭނުން ކުރެވުނީ ގޭމް ކުޅޭ މީހުން އަމިއްލަޔަށް ފޯރުކޮށްދޭ މައުލޫމާތު ނަމަވެސް، މިފަހަރުގެ ދިރާސާ ހެދި ޔުނިވަރސިޓީ އޮފް އޮކްސްފޯޑްގެ ފަރާތުން ވަނީ ދިރާސާގެ ބައިވެރިން ގޭމް ކުޅެމުން ދާވަގުތު އެމީހުންގެ މިޒާޖާ ތޮބިއްޔަތަށް އަންނަ ބަދަލުތައް ބަލާ އޮބްޒަރވް ކޮށްފައެވެ. އަދި ކުޅެމުންދާ ވަގުތު ސުވާލުތަކަށް ޖަވާބު ހޯދާފައެވެ. މިކަން ކުރުމަށްޓަކައި އެފަރާތުން ވަނީ ވީޑިއޯ ގޭމް ޕަބްލިޝްކުރާ ހަތް ފަރާތަކާއެކު ވެވުނު އެއްބަސްވުމެއްގެ ދަށުން އެފަރާތްތަކުގެ ގޭމްތައް ބޭނުންކުރާ ޒުވާނުންނާއި މީހުންގެ އުސޫލުތައް ހުންނަގޮތް ޓްރެކް ކުރެވޭނެ ގޮތެއް ހަމަޖައްސާފައެވެ. އަދި ސާޅީސް ހާހެއްހާ ގޭމްކުޅޭ މީހުން ވަނީ މިމައުލޫމާތު ނެގުމުގެ ހުއްދަ ދީ، ސްޓަޑީގައި ބައިވެރިވެފައެވެ.

ހަ ހަފްތާގެ މުއްދަތަށް ހެދުނު ދިރާސާގައި ގޭމް ކުޅުމަށް ފޯރިހިފާފައިވާ މީހުންނަށް ގިނައިން ފުރުސަތުދީގެންނާއި މަދުން ފުރުސަތު ދީގެން އެމީހުންގެ މޫޑް އަށާ ނަފްސާނީ ހާލަތު ދެނެގަތުމަށް މަސައްކަތްކޮށްފައި ވެއެވެ. ނަމަވެސް ގޭމު ކުޅުމަކުން ނުވަތަ ނުކުޅުމަކުން ނަފްސާނީ ގޮތުން މާބޮޑު ބަދަލެއް މީހާއަށް ނުގެނުވާކަން ހާމަވެފައިވާ ކަމަށް ރިސަރޗަރުން ބުނެފައި ވެއެވެ.

މީގަ މުހިންމީ ގޭމް ކުޅެނީ ފާއިދާ ހުރި ބޭނުމެއްގައިތޯ ބެލުން ކަމަށް ރިސަރޗަރުން ބުނެފައި ވެއެވެ. މިގޮތުން ވާދަ ކުރުމުގެ ރޫހެއްގައި، ރައްޓެހިންނާއެކު ވަގުތު ހޭދަ ކުރުމަށް، ހުސްވަގުތު ފުރާލުމަށް، އަދި ވަކިން ޚާއްސަކޮން ގޭމްގައި ކަނޑައަޅާފައިވާ ގޯލް ހާސިލް ކުރުން ފަދަ ފައިދާހުރި ބޭނުމެއްގައިތޯ ބެލުން މުހިންމު ކަމަށް ރިސަރޗަރުން ބުނެފައި ވެއެވެ. މިފަދަ ފައިދާހުރި ނިޔަތެއްގައި ގޭމް ކުޅޭ ނަމަ ނަފްސާނީ ގޮތުން މީހާޔަށް ފައިދާތަކެއްވެސް ކުރުވާކަމަށް ރިސަރޗަރުން ބުނެފައި ވެއެވެ.

މިއާއެކުވެސް ރިސަރޗަރުން ބުނެފައިވަނީ އާދަޔާ ޚިލާފަށް ގިނަ ވަގުތު، މިސާލަކަށް ރެއާދުވާލު ދިހަވަރަކަށް ގަޑި އިރަށް ވުރެ ގިނަ ވަގަތު ގޭމް ކުޅޭ ނަމަ އެކަމުން ސިކުޑިއަށް އަސަރުތަކެއް ކުރާނެތޯ، މިސުވާލުގެ ޖަވާބު ހޯދިފައިނުވާ ކަމުގައެވެ. އެހެނީ މިފަހަރުގެ ސްޓަޑީގައި އެހާގިނަ ވަގުތު ގޭމް ކުޅެފާނެ މީހުންގެ މައުލޫމާތު އެއްކޮށްފައި ނުވާތީ އެވެ.

މީގެ އިތުރުން ވީޑިއޯ ގޭމް އުފައްދާ ތިރީހަކަށް ޕަބްލިޝަރުންނާ ވާހަކަ ދެކެވުނު ނަމަވެސް މިދިރާސާގައި ބައިވެރިވެފައިވަނީ ހަތް ފަރާތުން ކަމަށް ވުމުން، ގޭމް ކުޅޭ މީހުންގެ އެއްކުރެވުނު މައުލޫމާތުގެ ނިސްބަތް ވަރަށް ކުޑަކަން އެފަރާތުން ފާހަގަކޮށްފައި ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް