ކ. މާލެ
|
14 ޖޫން 2017 | ބުދަ 22:20
ރައީސް މައުމޫން އިންޓަރވިއު ދެއްވަނީ
ރައީސް މައުމޫން އިންޓަރވިއު ދެއްވަނީ
ރާއްޖެއެމްވީ
ރައީސް މައުމޫން
އިސްލާހީ މަސައްކަތުގައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނަން: ރައީސް މައުމޫން
މިއީ ބަޔަކާ ދެކޮޅަށް ކުރާ މަސައްކަތެއް ނޫން.
އިސްލާހީ މަސައްކަތެއް މިއީ. މިއީ ޤައުމީ މަސައްކަތެއް
އަޅުގަނޑު ހައްޔަރު ކުރަން ޖެހޭވަރުގެ ކަމެއް ނުކުރަން

ރާއްޖޭގެ އިސްލާހީ މަސައްކަތުގައި ކުރައްވަން ޖެހިވަޑައިގެންނެވި ކޮންމެ ކަމެއް ކުރައްވާނެ ކަމަށް ރާއްޖޭގެ ކުރީގެ ރައީސުލް ޖުމްހޫރިއްޔާ މައުމޫން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ

ރައީސް މައުމޫން މިހެން ވިދާޅުވީ އާއިލީ ކަމެއްގައި ރާއްޖެއިން ބޭރުގައި ގިނަ ދުވަސްތަކެއް ވަންދެން ހުންނެވުމަށްފަހު ރާއްޖެ ވަޑައިގެން ނޫސްވެރިންނަށް ދެއްވި އިންޓަރވިއުއެއްގައެވެ.

ރައީސް މައުމޫން ވިދާޅުވީ މިއީ ވަކި ޕާޓީއެއްގެ މަސައްކަތެއް ނޫން ކަމަށާއި ޤައުމީ މަސައްކަތެއް ކަމަށެވެ. އަދި މިއީ ވަކި މީހަކު ކުރިއެރުވުމަށް ނުވަތަ ވަކިބަޔަކާ ދެކޮޅަށް ކުރައްވާ މަސައްކަތެއް ނޫން ކަމަށާއި މިއީ މުޅި ޤައުމުގެ ލާބަޔަށް މުޅި ހުރިހާ ރައްޔިތުންގެ މަސްލަހަތުގައި ކުރައްވާ މަސައްކަތްތަކެއް ކަމަށެވެ.

ރައީސް މައުމޫން ވިދާޅުވީ ރާއްޖޭގައި އިސްލާހް ކުރަން ޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި ކަމަށާއި އެކަން ކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތް އެނގިގެން ދާނީ ރާއްޖޭގައި މިހާރު ހިނގާފައި ހުރި ކަންކަން ބައްލަވާ ލެއްވުމަށް ފަހުގައި ކަމަށެވެ.

އެމަނިކުފާނުގެ މިމަސައްކަތް ޕުޅަކީ ރައީސް ޔާމީންގެ ދަރިކަލަކަށް ވެރިކަން ހޯއްދަވައިދެއްވުމަށް ކުރައްވާ މަސައްކަތްތަކެއް ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވާ އެމަނިކުފާނު ވިދާޅުވީ އެފަދަ އެޖެންޑާއެއް ނެތްކަމަށާއި އެމަނިކުފާނުގެ ބޭނުންފުޅަކީ ރާއްޖެ އިސްލާހު ވެގެން ދިއުން ކަމަށެވެ.

ނިމިގެންދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ވެރިކަން ކުރާ ޕީޕީއެމަށް ލިބުނު ބޮޑު ނާކާމިޔާބީއާ ގުޅޭގޮތުން ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް މައުމޫން ވިދާޅުވީ އެމަނިކުފާނަކީ އަދިވެސް ޕީޕީއެމްގެ ރައީސް ކަމަށާއި ބަޔަކަށް އަދި އެކަން ޤަބޫލު ކުރެއްވުނަސް އެއީ ހަޤީގަތެއް ނޫން ކަމަށެވެ. އެހެންނަމަވެސް އެމަނިކުފާނާ ދެކޮޅަށް ޕީޕީއެމްގެ ނަމުގައި ބަޔަކު އަދި މަސައްކަތް ކުރެއްވިނަމަވެސް ރައްޔިތުން އެކަން ބަލަިއި ނުގަންނާނެ ކަމަށް އެއިންތިޚާބުން ހާމަވެގެން ހިނގައްޖެ ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.

ރައީސް މައުމޫން ރާއްޖެ ވަޑައިގެންނެވުމުން ހައްޔަރު ކޮށްފާނެ ކަމަށް ވާހަކަދެކެވޭކަމަށާއި އެކަމަށް ވިދާޅުވާނީ ކީކޭތޯ ދެންނެވުމުން ރައީސް މައުމޫން ވިދާޅުވީ އެމަނިކުފާނު މަސައްކަތް ކުރައްވަނީ ރާއްޖޭގެ ޤާނޫން ތަކާއި ޤަވާއިދުތަކުގެ ތެރެއިން ކަމަށާއި އެހެންކަމުން އެމަނިކުފާނު ހައްޔަރު ކުރަން ޖެހޭ އެއްވެސް ސަބަބެއް ނޯންނާނެކަމަށެވެ. އަދި އެފަދަ ކަމެއް ހިނގާފާނެ ކަމަށް ޤަބޫލް ނުކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މައުމޫން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ވަރަށް ރަނގަޅު ގުޅުމެއް އުފައްދަވާފައިވާ ކަމަށާއި އެގުޅުން އެހެންބަޔަކަށް ތަބާވުމުގެ ގޮތުން ކަނޑާލުމަކީ ވަރަށް ހިތާމަ ކުރައްވާ ކަމެއް ކަމަށެވެ. އަދި އެކަމުން ރާއްޖެއަށް ލިބޭނެ ފައިދާއެއް ކުރިއެރުމެއް ނޯންނާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

 

- ކޮމެންޓް