ސްރީލަންކާގައި ސަރުކާރާ ދެކޮޅަށް މުޒާހަރާކުރަން ނުކުތް މީހުން ހިސޯރުކޮށްގެން ތިބި ރައީސްގެ ގަނޑުވަރާއި ޓެމްޕަލް ޓްރީސް އިމާރާތްފަދަ މުހިންމު ތަންތަނުން، އާސާރީ ގޮތުން އަގުބޮޑު ހާހެއްހާ ތަކެތި މަދުވެފައިވާކަމަށް ލަންކާ ސަރުކާރުން ބުނެފިއެވެ. އަދި މިތަކެތި ހޯދުމުގެ ގޮތުން ތަޙުޤީޤުތައް ފަށާފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ. ބައެއް ރިޕޯޓުތައް ބުނާގޮތުން ގެއްލިފައިވާ އާސާރީ ތަކެތި ވަނީ އެތަނަށް ވަތް މީހުން ވަގަށް ނަގާފައެވެ. މިގޮތުން ނުގެންދެވުނު ތަކެތިން ބައިތައް ވަކިކޮށްގެންވެސް ގެންގޮސްފައިވާ ކަމަށް ޚަބަރު ލިބެއެވެ.
ލަންކާގެ ރައީސްގެ ގަނޑުވަރަކީ އާސާރީ ގޮތުން މުހިންމު ތަރިކައެއްގެ ގޮތުގައި ލިސްޓުކުރެވިފައިވާ ތަނެއް ނަމަވެސް އެތަނުގައި ހުރި ތަކެތީގެ ފުރިހަމަ ލިސްޓެއް އެޤައުމުގެ އާކިއޮލޮޖިކަލް ޑިޕާޓްމަންޓުގައިވެސް ނެތް ކަމަށް ޚަބަރުތައް ބުނެއެވެ. އެޑިޕާޓްމަންޓުން ބުނާގޮތުން މުހިންމު ތަކެތީގެ ލިސްޓު ފުރިހަމަ ނުކުރެވި ވަނީ ރައީސްގެ ގަނޑުވަރަކީ ހައި ސެކިއުރިޓީ ސަރަހައްދުގައި ހުންނަތަނަކަށް ވެފައި، އެތަނަށް ވަދެ ނުކުތުން އެހާ ފަސޭހަ ނޫން ވީމައެވެ.