މި ދުވަސްވަރަކީ ދުނިޔޭގެ އެކި ހިސާބުތަކަށް އާދަޔާ ޚިލާފަށް ހޫނު ގަދަވަމުންދާ ދުވަސްވަރެކެވެ. ވިލާތުގެ ބައެއް ގައުމުތަކުގެ ފިނި ހޫނު މިން 30 ޑިގްރީ ސެލްސިއަސްއިން ފެށިގެން 40 ޑިގްރީ ސެލްސިއަށް އުފުލި، އެތައް ބަޔަކު ހާސްކަމުގެ ތެރެއަށް ވަނީ ވެއްޓިފައެވެ. މި ދުވަސްވަރަކީ މެދުއިރުމަތީގެ ބައެއް ހިސާބުތަކަށްވެސް އާދަޔާ ޚިލާފަށް ހޫނު ގަދަވަމުންދާ ދުވަސްކޮޅެކެވެ.
ގަދަ ހޫނުގެ ސަބަބުން އިރާޤުގެ އާންމު ދިރިއުޅުމުގެ އާދަކާދައާއި ވިޔަފާރިއަށް ދަނީ ހުރަސް އެޅެމުންނެވެ. ކަރަންޓުގެ ޚިދުމަތް މެދުކެނޑި، ދުވަހު އުޖޫރައަށް މަސައްކަތް ކުރާ މީހުންނަށް ކުރިމަތިލާން ޖެހޭ ތަކުލީފުތައްވެސް ދަނީ ބޮޑުވަމުންނެވެ. ނަމަވެސް، ހަނގުރާމައާއި ހަމަނުޖެހުންތަކުގެ ހިތި ރެކޯޑެއް އޮތް އިރާޤުގެ ރައްޔިތުންގެ ފަރާތުން މި ދަނޑިވަޅުގައިވެސް ފެނިގެންދަނީ ކެތްތެރިކަމާއި ގަދަ ހިތްވަރުގެ މިސާލެއް ކަން ފާހަގަކުރަން ޖެހެއެވެ.
އިރާޤުގެ ފިނިހޫނު މިން 49 ޑިގްރީ ސެލްސިއަސްއާއި 50 ޑިގްރީ ސެލްސިއަށްވެސް އަރާފައިވާއިރު، ހަށިގަނޑު ފިނިކުރުމަށް އެ ގައުމުގެ ރައްޔިތުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. ބައެއް މީހުން އެރެނީ ކޯރުތަކުގައި ފަތާލުމަށެވެ. އަނެއް ބަޔަކު ފަންކާތުގެ ކުރިމަތީގައި ފިނިފެން ވިއްސައެވެ. އެމީހަކަށްވީ ގޮތަކުން ފިނިކަމެއް ލިބޭތޯ ބަލައެވެ.
އަހަރަމެން މިތަނަށް މިއައީ ފަތާލަންވެގެން. ކަރަންޓެއް ނެތް. އިންތިހާއަށް ހޫނު ގަދަ. ކަރަންޓެއް ނެތް، ފެނެއް ނެތް. ދެން ކޮންތާކަށް ދާންވީ؟މުސްޠަފާ މަޙްމޫދު؛ އިރާޤުގެ ރައްޔިތެއް
ތޮތްޕާއި އެކިކަހަލަ ފޭރާމުން ހަށިގަނޑު ނިވާ ކޮށްގެން ތިބެ، ދަތުރުވެރިންނަށް ބޯފެން ފޯރުކޮށްދިނުމުގައިވެސް ހަރަކާތްތެރި ވަނީ މަދު އަދަދެއްގެ ބަޔަކު ނޫނެވެ. އާންމު ވިޔަފާރިއަށް ހުރަސް އެޅޭއިރު، އިތުރު އާމްދަނީއެއް ހޯދުމަށް މިއީވެސް ރަނުގެ ފުރުސަތެކެވެ.
އަހަރެންނަށް ވަޒީފާގެ ފުރުސަތުތަކެއް ނެތް، މަށަށް ވަޒީފާއެއް ނުލިބޭންވީ ކީއްވެ؟ އަހަރެން ދަސްވެނިވީ ހިސާބު އިލްމުން. އަސްލު ކޮންމެވެސް ވުޒާރާއަކުން އަހަރެންނަށް ވަޒީފާ ހަމަޖެހެން ވާނެ. އަހަރެންގެ ވަޒީފާއެއް ނެތް. އަހަރެން މިދަނީ ފެން ވިއްކަމުން. 750 ދީނާރަށްޢައްބާސް މޫސާ؛ އިރާޤުގެ ރައްޔިތެއް
އާދަޔާ ޚިލާފަށް ހޫނު ގަދަ ވެގެން ދާއިރު، ބޭރަށް ނުނިކުމެ ފިނި ކޮޓަރިއެއްގައި މަޑު ކުރަންވީ ނޫންހޭ ބައެއް މީހުންގެ ހިތަށް އަރާފާނެއެވެ. ނަމަވެސް، އެއީ ހުރިހާ އެންމެނަށް އޮންނަ ފުރުސަތެއް ނޫނެވެ. ގަދަ ހޫނުގެ ސަބަބުން، އިރާޤުގެ ޖަނަރޭޓަރުތަކަށްވެސް އެކަމުގެ ނޭދެވޭ އަސަރު ފޯރައެވެ. ނަތީޖާއެއްގެ ގޮތުން، އެންމެ އެކަށީގެންވާ ގޮތެއްގައި ކަރަންޓުގެ ޚިދުމަތްވެސް އޮންނަނީ ފޯރުކޮށްދެވޭ ގޮތް ނުވެއެވެ.
ފިނިހޫނުމިން އެބަ އަރާ 49 ޑިގްރީ، 50 ޑިގްރީ ސެލްސިއަސްއަށް. ކޮޕާ ނަރުތައް މަސައްކަތެއް ނުކުރާނެ. އެހެންވެ ރައްޔިތުންނަށް ކަރަންޓު ލިބެނީ 220 ވޯލްޓޭޖަށް ވުރެ ދަށުން. އެހެންވީމާ މި ހުރިހާ ކަމަކަށް އަސަރު ކުރޭ. ޖަނަރޭޓަރުތަކަށްވެސް އަސަރު ކުރޭ.މުޙައްމަދު ލަފްތާ؛ ޢިރާގުގެ ރައްޔިތެއް
ވިޔަފާރި ކުރާ ތަންތަނުން ބޭރުގައި ފަންކާ ބަހައްޓައިގެން، ޚިދުމަތް ހޯދާ މީހުންނަށް ހިސާބެއްގެ ތަސައްލީއެއް ހޯދާދެއެވެ.