ކ. މާލެ
|
21 ޖުލައި 2022 | ބުރާސްފަތި 12:10
ބެއިރޫތުގެ ރަށްބޭރުގައި ގާއިމުކޮށްފައިވާ ރާޒުވާ މަރުކަޒު ތެރެއިން ފެނިގެން ދަނީ އާދަޔާ ޚިލާފު މަންޒަރެއް
ލުބްނާންގެ ރާޒުވާ މުބާރާތް
ހާސްކަން ފިލުވާލުމަށް ލުބްނާންގެ ރާޒުވާ މުބާރަތަށް ޝަރުތެއް ނެތް!
ލުބްނާނަށް މިއަދު ކުރިމަތިލާން ޖެހިފައިވާ ކަރިސީ ހާލަތުގަ، ރާޒުވާއަކީ އުއްމީދުގެ މަންޒިލެއް
ރާޒުވާއަށް ހާއްސަ މަރުކަޒުގައި އެކަކު އަނެކަކާ އެއްވެސް ތަފާތު ކުރުމެއް ނެތް
އެމީހުން ބޭނުންވަނީ ނުތަނަވަސްކަން ބޭރުކޮށް، ލުބްނާންގައި ހުރި އުފާވެރި ކަންކަމަށް އަލި އަޅުވާލަން

ހިމޭން ކުޅިވަރުތަކުގެ ތެރެއިންވެސް ރާޒުވާއަކީ އެ ކުޅިވަރަކަށް ގިނަ ބައެއްގެ ހިތްތަކުން ހާއްސަ ޖާގައަކާއި މަގާމެއް ދެވިފައި އޮންނަ، ޒަމާންވީ ކުޅިވަރެކެވެ. އަދުގެ ހަލަބޮލި ދުނިޔޭގެ ހަމަނުޖެހުންތަކުން ނުތަނަވަސްވެފައިވާ ސިކުނޑިތަކަށް ހަމަޖެހުން ގެނުވާ ކުޅިވަރެކެވެ. އެތައް އަހަރަކަށް ދިގުލާ ގޮސްފައިވާ އެތައް ކާރިސާއަކާ ކުރިމަތިލަމުން ދާ ލުބްނާންގެ ރާޒުވާ މައިދާނުންވެސް ދެނީ އެފަދަ މެސެޖެކެވެ. ކޮންމެ އަހަރެއްގެވެސް ޖުލައި 20 ވަނަ ދުވަސް ފާހަގަ ކުރަނީ ބައިނަލްއަގުވާމީ ރާޒުވާ ދުވަހުގެ ގޮތުގައި ކަމަށް ވާ އިރު، ލުބްނާންގައި ތިބި ރާޒުވާ ފޭނުންވެސް އެދުވަސް ފާހަގަ ކުރިއެވެ. ގައުމު އޮތް ހިތްދަތި ހާލަތުގެ މަތިން ހިނދު ކޮޅަކަށްވެސް ދުރުވެލުމަށެވެ.

ވެރިރަށް ބެއިރޫތުގެ ރަށްބޭރުގައި ގާއިމުކޮށްފައިވާ ރާޒުވާ މަރުކަޒު ތެރެއިން ފެނިގެން ދަނީ އާދަޔާ ޚިލާފު މަންޒަރެކެވެ. އުމުރުން 30 ގެ އަހަރުތައް ގުނަމުންދާ ޒުވާނަކާއެކު ރާޒުވާ ކުޅިބައިގެ އަނެއް ކޮޅުގައި އެ އިނީ އުމުރުން އެންމެ 6 އަހަރުގެ ކުއްޖެކެވެ. އަނެއް ކަނުގައި ޒުވާނަކާއެކު ރާޒުވާ ގަނޑެއް ޖަހަމުން އެ ދަނީ، އެއް އިރެއްގައި ލުބްނާންގެ ރާޒުވާ ޗެމްޕިއަންއެވެ. މިހާރު އޭނާ ގުނަމުން އެދަނީ އޭނާގެ އުމުރުން 70 އަހަރުތަކުގެ ދުވަސްތަކެވެ.

ކިޝްމަތު ސެންޓަރުގައި މި ހުރިހާ އެންމެންވެސް ކުޅެމުން އެ ދަނީ މުބާރާތެކެވެ. ބައިނަލްއަގުވާމީ ރާޒުވާ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ލުބްނާންގައި ކުރިއަށް ގެންދާ ހާއްސަ ފެސްޓިވަލެއްގައެވެ.

ބައިނަލްއަގުވާމީ ރާޒުވާ ކޯޗް އަދި ރެފްރީ، ޗާލްސް ކޭލް ގެ ވާހަކަތައް އަޑު އަހާލުމުން ސަބަބު ސާފުވެއެވެ.

ލުބްނާނަށް މިއަދު ކުރިމަތިލާން ޖެހިފައިވާ ކަރިސީ ހާލަތުގަ، ރާޒުވާއަކީ އުއްމީދުގެ މަންޒިލެއް. ނުތަނަވަސްކަން ބޭރުކޮށްލަދޭ ކަމެއް. އާ ކަމެއް ކޮށްލަން އަހަރަމެން ބޭނުންވީ. ލުބްނާންގައި ހުރި އުފާވެރި ކަންކަމަށް އަލި އަޅުވާލަން ބޭނުންވީ
ޗާލްސް ކޭލް؛ ބައިނަލްއަގުވާމީ ރާޒުވާ ކޯޗް އަދި ރެފްރީ

އެތައް އަހަރަކަށް ދިގުލާ ގޮސްފައިވާ ސިޔާސީ ހަމަނުޖެހުންތަކުގެ ރެކޯޑް އޮތް ލުބްނާނަށް އަދިވެސް ހިންދެމިލާނެ ވަގުތެއް ނުލިބެއެވެ. އިގުތިސާދީ ކާރިސާގެ ތަކުލީފުތައް އުފުލަމުންދަނިކޮށް ކޮވިޑް-19ގެ ރާޅުވެސް ބިންދާލީއެވެ.

ނަމަވެސް ރާޒުވާއަށް ލޯބި ކުރާ ފަރާތްތަކަށް އުފާވެރި ވަގުތުކޮޅެއް ހޯދާ ދިނުމަށް މާކް ފައްރާ ދަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. ކުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށްވެސް އޭނާ ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ކިޝްމަތަކީ، ލުބްނާންގެ ރާޒުވާ ފެންވަރު ރަނގަޅު ކުރަންވެގެން މީގެ ދުވަސްކޮޅެއް ކުރިން އަހަރަމެން ފެށި މަސައްކަތެއް. ވަކިން ހާއްސަކޮށް އިގުތިސޯދީ ހާލަތު އޮތް ގޮތުން، މިދިޔަ އަހަރުތަކުގައި، ރާޒުވާ ކޮމިއުނިޓީ އޮތީ ކޮންމެވެސް ވަރަކަށް ހުއްޓިފަ
މާކް ފައްރާ؛ ކިޝްމަތު ޗެސް ސެންޓަރ ގެ ޑައިރެކްޓާ އަދި ކޯ ފައުންޑާ

ރާޒުވާއަށް ހާއްސަ އެ މަރުކަޒުގައި އެކަކު އަނެކަކާ އެއްވެސް ތަފާތު ކުރުމެއް ނެތެވެ. އޭނާއަށް ހާއްސަ ރާޒުވާ ބޯޑެއްގައި، ލޯފާން ކުޅުންތެރިއަކުވެސް މުބާރާތުގައި ވާދަ ކުރަމުން ދިޔައެވެ.

މި ތަނުގަ އަހަރަމެން މި ކުރިއަށް ގެންދަނީ، ހުޅުވާލައިގެން ކުރިއަށް ގެންދާ މުބާރާތެއް. މާނައަކީ ވަކި ޖިންސެއް، ވަކި އުމުރެއް ތަފާތެއް ނުވާނޭ. ހުރިހާވެސް އެއްޗަކީ ރާޒުވާ. މިސާލަކަށް ބަލާ މިއަދު، އުމުރުން 8 އަހަރުން ދަށުގެ ކުދިން އެ ދަނީ 20 އަހަރާއި 30 އަހަރުން ދަށުގެ ކުޅުންތެރިން ބަލި ކުރަމުން
ޗާލްސް ކޭލް؛ ބައިނަލްއަގުވާމީ ރާޒުވާ ކޯޗް އަދި ރެފްރީ

އާންމުންގެ ހިތްތަކުގައިވެސް އުއްމީދު އާލާވެފައިވާ ކަން، އެމީހުންގެ ވާހަކަތަކުން އެނގިގެން ދެއެވެ.

އަހަރަމެންނަށް ކުރިމަތިލާން ޖެހިފައި ވާ ކާރިސާއަށް ބަލާއިރު، މިއީ ރަނގަޅު ކަމެއް. މީހުން އަދިވެސް އެބަ ރާޒުވާ ކުޅޭ. އެހެން ކަންކަންވެސް ކުރޭ. ކަމެއް ނުކޮށް، ޝަކުވާ ކޮށްލަ ކޮށްލާ ގޭގައި ނީނދެވޭނެ. ދިރިއުޅުން ދާނީ ހަމަ ކުރިއަށް. ބައިވަރު މުބާރާތްތައް އެބަ ހިނގާ. މީހުން އެބަ ބައިވެރިވޭ. މި ކުޅިވަރަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ
މުޙައްމަދު އިތާނީ؛ ރާޒުވާ ކުޅުންތެރިއެއް

މިއަދު ލުބްނާނުން ތަހައްމަލު ކުރަމުންދާ ތަކުލީފުތަކާއި ހަމަނުޖެހުންތަކަކީ 1975 އިން 1990 އަށް އެ ގައުމުގައި ކުރި ވަރުގަދަ ދާޚިލީ ހަނގުރާމައަށް ފަހު، ވޭތު ކުރަމުންދާ އެންމެ ހިތްދަތި ދުވަސްތަކެވެ. ލުބްނާންގެ ފައިސާގެ އަގު ވަނީ 90 ޕަސެންޓް ދަށަށް ގޮސްފައެވެ. އާބާދީގެ 4 ބައިކުޅަ 3 ބައި ހާ މީހުން ވަނީ އިންތިހާ ފަޤީރުކަމުގެ ތެރެއަށް ވެއްޓިފައެވެ.

- ކޮމެންޓް