ކ. މާލެ
|
19 ޖުލައި 2022 | އަންގާރަ 23:11
މާރބަރގް ބަލި ޖައްސާ ވައިރަސް
މާރބަރގް ބަލި ޖައްސާ ވައިރަސް
ބީބީސީ
މާރބަރގް ވައިރަސް
މާރބަރގް ވައިރަހަކީ ކޮބާ؟ އަދި އެބަލިން ސަލާމަތްވާނީ ކިހިނެއް؟
މާރބަރގް ވައިރަސް ޖެހިގެން އެފްރިކާއިން ވަނީ މީހުން މަރުވާންފަށާފައި

މާބަރގް ވައިރަސް ބަލި ޖެހިގެން އެފްރިކާގެ ގައުމެއްކަމަށްވާ ގާނާގައި 2 މީހުން މަރުވެ 98 މީހުން ކަރަންޓީނުކުރެވިފައިވާކަން އެގައުމުންޔަގީން ކޮށްދީފައި ވާއިރު، އެއްފަހަރާ ގިނަބަޔަކަށް ބަލިޖެހި ހާލަތު ގޯސްވެގެން ހިނގައިދާނެކަމުގެ ކަންބޮޑުވުން މިވަނީ އުފެދިފައެވެ.

މާރބަރގް ވައިރަހަކީ ކޮބާ؟

މިބައްޔަކީ 2014 އަދި 2015 ވަނަ އަހަރު އެފްރިކާގެ ލައިބީރިޔާ، ސިއެރާ ލިއޯން އަދި ގިނީން ފެނުނު އެބޯލާ ބައްޔާ ދާދި އެއްގޮތް ބައްޔެކެވެ. ބަލިޖެހުމުން ފުރަތަމަ ފެންނަ އަލާމާތްތަކަކީ ގަދަޔަށް ހުން އައިސް، ގައިގައި ރިއްސައި، ބޭރަށް ހިންގައި ހޮޑުލެވުމެވެ. ބަލީގައި ސީރިއަސްވަނީ ހަށިގަޑުން ލޭ ހިކޭގޮތްވެ، އަދި ފެން މަދުކޮށްލާތީއެވެ. އެބޯލާ ބަލީގައި އޭރު އެފްރިކާއިން 11،000ށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

މަޓްޝިޑީސޯ މޮއޭޓީ - ޑަބްލިއުއެޗްއޯ ރީޖަނަލް ޑައިރެކްޓަރ ފޯރ އެފްރިކާ

މާރބަރގް ވައިރަސް ފުރަތަމަ ފެނުނީ ކޮން އިރަކު

ޑަބްލިއުއެޗްއޯއިން ބުނެފައިވާގޮތުގައި، މާރބަރގް ވައިރަސް ފުރަތަމަ ފެނިފައިވަނީ 1967ގައެވެ. ބަލީގެ ވައިރަސް އައިކަމަށް ފުރަތަމަ ބެލެވުނީ ޔުގެންޑާއިން އިމްޕޯޓްކުރެވުނު ރާމާމަކުނުގެ ވައްތަރަކުންނެވެ. ނަމަވެސް ފަހުން ވައުފަދަ އެހެން ބައެއް ޖަނަވާރުތަކާވެސް ގުޅުންހުރިކަން ވަނީ ހާމަވެފައެވެ.

އިންސާނުން ތެރޭގައި މިބަލި ފެތުރޭކަމަށް ފުރަތަމަ ހާމަވެފައިވަނީ ހޮހޮޅަ ޒާތުގެ ތަންތަނުގައި އުޅެމުން އައި މީހުންގެ ތެރޭގައެވެ. ގާނާއިން ބަލި ފެނިފައިވަނީ އަލަށެވެ. ނަމަވެސް އެފްރިކާގެ އެހެން ބައެއް ގައުމުތަކުން މާރބަރގް ވައިރަސް ވަނީ މީގެ ކުރިން ފެނިފައެވެ. މީގެ ތެރޭގައި ކޮންގޯ، ކެންޔާ، ދެކުނު އެފްރިކާ، ޔުގަންޑާ ޒިމްބާބްވޭ އަދި އެންގޯލާ ހިމެނެއެވެ. 2005 ވަނަ އަހަރު އެންގޯލާއިން ބަލި ފެނުނުއިރު 300ށްވުރެ ގިނަ މީހުން އެބަލީގައި މަރުވެފައިވެއެވެ.

ޔޫރަޕާއި އެމެރިކާއިން މިބަލި ފެންނަލެއް ވަރަށް މަދެވެ.  

މާރބަރގް ވައިރަސް ޖެހުމުން ވަނީ ކިހިނެއް؟

މިބަލި ޖެހުމުން ފުރަތަމަ އަންނަނީ ގަދަ ހުމެކެވެ. އެއަށްފަހު ބޮލުގައާއި ގައިގައި ރިއްސަންފަށައެވެ. ތިން ދުވަސް ފަހުން ބޭރަށްހިންގަންފަށައެވެ. ބަޑުގައި ރިއްސައެވެ. މޭނުބައިކޮށް ހޮޑުލެވެއެވެ. ޑަބްލިއުއެޗްއޯއިން ބުނެފައިވާ ގޮތުގައި މާރބަރގް ވައިރަސް ޖެހި މިހާލަތަށް ދާއިރު މީހާ ހުންނާނީ ދެލޯ ވަޅުވަދެ މޫނުމަތިން ފެންދަމާލާފައި ހުންނަހެންނެވެ. އަދި މީހާ ވަރަށް ވަރުބަލިކޮށްލާނެއެވެ. ބަލިޖެހޭ ގިނަ ބައެއްގެ އެކި ގުނަވަންތަކުން ލޭ އަންނަގޮތްވެއެވެ. އަދި މިކަމުގެ ސަބަބުން ބަލިޖެހޭތާ 8 ނުވަތަ 9 ދުވަހުގެ ތެރޭގައި ޝޮކަށްގޮސް މީހާ މަރުވެއެވެ.

އާންމުކޮށް މިބަލިޖެހޭ މީހުންގެ ތެރެއިން މަރުވާ މީހުންގެ ނިސްބަތަކީ 50 އިންސައްތައެވެ. ނަމަވެސް އެއްފަހަރަކު 88 އިންސައްތަ މީހުންވެސް މަރުވެފައިވެއެވެ.

ފްރުޓް ބެޓް - މާރބަރގް ވައިރަސް އުފުލާ

ބަލި ފެތުރެނީ ކިހިނެއް؟

މިސްރުން އާންމުކޮން ފެންނަ، މޭވާ ގަސްގަހަށް ޖައްސާ ފުރުޓް ބެޓް (ވާލުގެ ބާވަތެއް) މިއީ ވެސް މިބަލީގެ ވައިރަސް އުފުލާ އެއްޗެކެވެ. ވާލުގެ އިތުރުން ރާމާމަކުނުގެ ވައްތަރަކުންނާއި އޫރުންވެސް މި ބަލީގެ ވައިރަސް ފެނިފައިވެއެވެ.

އިންސާނުންގެ މެދުގައި މިބަލި އާންމުކޮން ފެތުރެނީ ހަށިގަޑުން ނުކުންނަ ތެތްކަމުގެ ޒަރީއާއިންނާއި ބަލިޖެހިފައި ހުންނަ މީހާގެ ތަންމަތިންނެވެ. ބަލިޖެހި ރަގަޅުވެފައި ހުރި މީހެއްގެ ލެއިން އަދި މަނިން ވެސް އެތައް މަހެއް ފަހުންވެސް ބަލި އަރާފާނެކަމަށްވެއެވެ.

މާރބަރގް ވައިރަހަށް ފަރުވާކުރާނީ ކިހިނެއް؟

މިބައްޔަށް އަދި ބޭހެއް ނުވަތަ ވެކްސިނެއް ހޯދިފައެއްނުވެއެވެ. ނަމަވެސް މިކަމަށް މަސައްކަތްކުރަމުން ދާކަމަށް ޑަބްލިއުއެޗްއޯއިން ބުނެއެވެ. ފަރުވާދެވޭނެ އެއްގޮތަކީ; ބޭރަށް ހިންގުމާއި ހޮޑުލެވިގެން މަދުވާ ފެން އެތެރެކޮށް، އަދި ލޭ މަދުވާނަމަ ލޭ އަޅަމުން ގެންދިއުމެވެ.

ބަލި ކޮންޓްރޯލް ކުރާނީ ކިހިނެއް؟

މި ބަލި ކޮންޓްރޯލް ކުރުމަށްޓަކައި އެފްރިކާގެ ގައުމުތަކުގައި "ބުޝް މީޓް"އޭ ކިޔާ ވައްތަރުގެ އެއްގަމު މަސް ކެއުމާއި އެފަދަ މަހުގައި އަތްލައިހެދުން ހުއްޓާލަންޖެހޭކަމަށް، ވެކްސިން އާންމުކުރުމަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމާއަތެއްކަމަށްވާ "ގަވީ"ން ބުނެފައިވެއެވެ. އަދި އޫރުމަސް ނުކެއުމަށް ޑަބްލިއުއެޗްއޯއިން ގޮވާލާފައިވެއެވެ. ބަލިޖެހޭ ފިރިހެނުން ރަގަޅުވާތާ އެއް އަހަރުވަންދެން، ޖިމާއު ވާއިރު ކޮންޑޮމް ބޭނުންކުރުމަށް ދަނީ އަންގަމުންނެވެ. އަދި ބަލީގައި މަރުވާ މީހުން ވަޅުލުމުގައި ހަރަކާތްތެރިވާ މީހުންވެސް، މަރުވި މީހާގެ ހަށިގަޑުގައި އަތްލާންޖެހޭ ހާލަތްތަކުގައި ރައްކާތެރިކަމާއެކު މެނުވީ އަތްނުލުމަށް ދަނީ އަންގަމުންނެވެ.

- ކޮމެންޓް