ފަހުގެ ތާރީޚުގައި ދިވެހިރާއްޖޭގައި ވެދާނެ ކަމަށް އެއްވެސް މީހަކު ޤަބޫލުނުކުރާ ދެ ކަމެއް ވަނީ ވެގެންގޮސްފައެވެ. ދެ ފަހަރު ވެސް ވެގެންދިޔަ ކަންކަން ކުރެހިގެންދިޔައީ ވެރިކަންކުރާ ޕީޕީއެމްގެ އިންތިޚާބީ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން ޢަބްދުލްޤައްޔޫމްގެ ވަށައިގެންނެވެ.
މިއަދު މި އޮތް ސަރުކާރަކީ ރައީސް މައުމޫންގެ ބުރަ މަސައްކަތްޕުޅުން ގެނެސްދީފައިވާ ސަރުކަރެއް ކަމާ މެދު ދެބަސްވާނެ މީހަކު މަދުވާނެއެވެ. ވެރިކަން ގެނައުމަށް ރައީސް މައުމޫން ކުރެއްވި ބުރަ މަސައްކަތްޕުޅު ނުފެންނަ ރައްޔިތަކު މި ޤައުމަކު ނުހުންނާނެއެވެ. ކަންމިހެން އޮތުމުން، ރައީސް މައުމޫން މި ސަރުކާރަށް ފުރަގަސް ދެއްވަފާނެ ފަދަ ދުވަހެއް ފެނިދާނެ ކަމީ ޤަބޫލުކުރަން އުނދަގޫ ކަމަކަށް އޮތީ ވެފައެވެ. ނަމަވެސް އެކަން އެވަނީ އެފަދައިން ވެގެން ގޮސްފައެވެ.
އޮކްޓޯބަރ 27, 2017 ވަނަ ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މައުމޫން ވަނީ ރައީސް އަބްދުﷲ ޔާމީނާއި އެ މަނިކުފާނުގެ ސަރުކާރަށް ކުރެއްވި ތާއީދު އަނބުރާ ގެންދަވާފައެވެ.
ޤާނޫނުއަސާސީ އާއި ޤާނޫނުތަކާއި، އުސޫލުން ބޭރުން، ޕީޕީއެމްގެ އަސާސީ ޤަވާއިދާއި އެ ޕާޓީގެ ފިކުރާއި ޚިލާފަށް މިސަރުކާރުން އެތައް ކަންތައްތަކެއް ކުރަމުންދާކަން ފާހަގަކުރައްވައި، ސަރުކާރަށް ކުރި ތާޢީދު އަންބުރާ ގެންދަވަމުން ރައީސް މައުމޫން އެރޭ ވިދާޅުވީ، "އަޅުގަނޑު މި (ޕީޕީއެމްގެ ރައީސްގެ) މަގާމުގައި ހުރީމާ، ކޮންމެވެސް ވަރަކަށް އަޅުގަނޑުގެ ބޮލުގައި މި ޒިންމާ އެބަ އެޅޭ. އެހެންވީމާ އަޅުގަނޑު ގަސްތުކުރަނީ މި ސަރުކާރަށް މިހާތަނަށް ކުރަމުން އައި ތާއީދު މި ރެއިން ފެށިގެން އަނބުރާ ގެންދިއުމަށް،" ނިންމަވާފައިވާ ކަމަށެވެ.
ތާއީދު އަނބުރާ ގެންދެވީއްސުރެ އެމަނިކުފާނު ވަނީ ސަރުކާރު ޒިންމާދާރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. ގިނަ ދަތިތަކަކާ އެކު ވެސް މި މަސައްކަތުގައި ދެމިހުންނަވަނިކޮށް އާއިލީ ކަމެއްގައި ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން ޖެހުނީއެވެ.
ކުރިން ބުނެވިދިޔަ ދެވަނަ ކަންތައް ފެނިގެންދިޔައީ ރައީސް މައުމޫން މި ދަތުރުފުޅުގައި އިންޑިއާގައި ހުންނަވަނިކޮށެވެ. މާރިޗު 24، 2017 ވީ ހުކުރުދުވަހު، ރައީސް މައުމޫނާއި، ރައީސް ނަޝީދު އެކުގައި މަސައްކަތް ކުރަން ނިންމެވީއެވެ. ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ހަތުރުންގެ ގޮތުގައި ބެލުނު ސިޔާސީ ދެ ލީޑަރުން އެއްގަލަކަށް އަރާވަޑައިގެންނެވީއެވެ. ދެ ބޭފުޅުން ވެސް ވިދާޅުވި ގޮތުގައި އެކަން އެގޮތަށް ކުރެއްވެވީ ޤައުމަށްޓަކައެވެ.
އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް ކަންކަން ވެގެން ދިޔަ ގޮތަށް ބަލާއިރު، ރައީސް މައުމޫން ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް، އިދިކޮޅު ފަރާތްތަކުން ދަނީ ސަރުކާރު ޒިންމާދާރު ކުރުވުމުގެ މަސައްކަތް ކުރަމުންނެވެ. އިދިކޮޅު ފަރާތްތަކުގެ ފަރާތުން ތަހުޒީބު، ޒިންމާދާރު އަމަލުތަކެއް ފެންނަމުންދާއިރު ސަރުކާރުގެ އަމަލުތަކާ މެދު މިހެން ބުނެވޭނެ ޖާގައެއް ނެތެވެ. ސަރުކާރުން އަދިވެސް އަމަލުކުރަމުންދަނީ ނިދި ވަރު އަރައިގެން އުޅެ ކުޑަކުއްޖެއް ހެންނެވެ.
އިދިކޮޅު ފަރާތްތަކަށް ސަރުކާރުން އެތައް ދުއްތުރާއެއް ކުރަމުންދާއިރު، މިއަދު އުފެދިފައިވާ އެންމެ ބޮޑު އެއް ސުވާލަކީ މި ސަރުކާރަށް، ސިޔަސީ މައިދާނުގައި ހަރަކާތްރިވާ އެހެން ފަރާތްތަކެކޭ އެއްގޮތަށް ރައީސް މައުމޫން ހައްޔަރުކުރަން ކެރިދާނެތޯ ކުރެވޭ ސުވާލެވެ.
ރައީސް މައުމޫނާ އެކު ތިއްބެވި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ދެކިލައްވާ ގޮތުގައި ރައީސް މައުމޫން ހައްޔަރު ކުރަން ރައީސް ޔާމީނަށް ކެރިވަޑައެއް ނުގަންނަވާނެއެވެ. ނުވަތަ އެމަނިކުފާނު އެގޮތަށް ކަންތަކެއް ނުކުރައްވާނެއެވެ.
ބައެއް މެންބަރުންގެ ވިސްނުން މިފަދައިން ހުރިނަމަވެސް، ސިޠާސީ ގިނަ ބޭފުޅުން ޤަބޫލުކުރައްވާ ގޮތުގައި ސިޔާސީ ވާދަވެރިއަކު، ނުވަތަ ސަރުކާރު ޒިންމާދާރު ކުރުވުމަށް މަސައްކަތް ކުރާ މީހާކު ހުއްޓުވުމަށް، އެމީހަކަށް ބިރުދެއްކުމަށް ނުވަތަ ހައްޔަރުކުރުމަށް މި ސަރުކާރަކުން އެއްވެސް ވަރަކަށް ޖެހިލުމެއް ނުވާނެއެވެ. އަދި މިހާތަނަށް ކަން ވެފައި ހުރި ގޮތަށް ބަލާއިރު އެއީ ނުވާނެ ކަމެކޭ ވެސް ބުނެވޭކަށް ނެތެވެ.
ކަންމިހެން އޮތް ނަމަވެސް މި ދެކެވެނީ ރައީސް މައުމޫންގެ ވާހަކައެވެ. އެތައް ދުވަހެއް ވަންދެން ރާއްޖޭގައި ވެރިކަން ކުރައްވައި، ދުނިޔޭގެ އެކިއެކި ލީޑަރުންގެ މަޤުބޫލުކަމާއި އިހުތިރާމު ހޯއްދަވާފައިވާ ބޭފުޅެއްގެ ވާހަކައެވެ. އަނެއްކާވެސް ކުރީގެ ރައީސަކު ކުޑަގޮޅިއަށް ލާން އުޅެގެން މި ސަރުކާރަށް ކެތް ނުވާވަރުގެ ޕްރެޝަރު ކުރިމަތިވެދާނެއެވެ. އެހެންކަމުން، ސަރުކާރަށް ދެން އޮންނާނެ ގޮތަކީ އެހެން ސިޔާސީ ލީޑަރުން ފަދައިން ރައީސް މައުމޫންވެސް ދެއިރު ދެދަޅަޔަށް ފުލުސް އޮފީހަށް ހާޒިރުކުރުމެވެ.
ދެން އޮތީ ރައީސް މައުމޫންގެ މައްޗަށް ކުރާނީ ކޮން ތުޙުމަތުތަކެއްތޯ އުފެދޭ ސުވާލެވެ. އެ ސުވާލަށް ސަރުކާރުން މިހާރު ވެސް ވަނީ ޖަވާބު ދީފައެވެ. ފުރަތަމަ ޤާސިމް އިބްރާހީމް ފުލުހަށް ހާޒިރު ކޮށްގެންނެވެ. ދެން އާދަމް އާޒިމް ހައްޔަރުކޮށްގެންނެވެ. އެ ދެބޭފުޅުންގެ މައްޗަށްވެސް ދައުލަތުން ތުޙުމަތުކުރީ ޤާނޫނުލް ޢުޤޫބާތުގެ 610 ވަނަ މާއްދާގެ (ހ) ގެ ދަށުން، ބާރުގެ ބޭނުންކޮށްގެން ސަރުކާރު ވައްޓާލުމަށް ހިތްވަރު ދިނުމާއި އެކަމަކަށް އެހީތެރިވެދިނުމުގެ ތުހުމަތެވެ. މީގެ އިތުރުން އާޒިމްގެ މައްޗަށް ޤާނޫނުލް ޢުޤޫބާތުގެ 532 އަދި 533 ވަނަ މާއްދާގެ ދަށުންވެސް ވަނީ ތުޙުމަތު ކޮށްފައެވެ. ޤާނޫނުލްއުޤުބާތުގެ 532 ވަނަ މާއްދާގައި ވަނީ، ޤާނޫނު ތަންފީޒުކުރާ މުވައްޒަފެއް ރަސްމީ ހައިސިއްޔަތުން ކުރުން ހުއްދަ ކަމެއް ކުރުން ގަސްދުގައި ހުއްޓުވުން، ނުވަތަ އެކަމަށް ހުރަސްއެޅުން ނުވަތަ އެކަމެއް ކުރިއަނުދިނުމަކީ ކުށެއް ކަމަށެވެ. އަދި ޤާނޫނުލްއުޤުބާތުގެ 533 ވަނަ މާއްދާގައި ވަނީ، ތިމާއަށް އެނގިހުރެ ޤާނޫނުގެ ބާރުހިންގުމަށް ނުވަތަ ދައުލަތުގެ މަސައްކަތްކުރުމަށް، ހުރަސްއެޅުމާއި، އެކަމަށް ދަތިކުރުމާއި، އެކަމުގެ މަޤްޞަދު ޙާޞިލުވިޔަނުދިނުމުގެ ކުށެވެ.
މި ތުހުމަތުތައް ޤާސިމް އާއި އާޒިމްގެ މައްޗަށް ކޮށްފައިވަނީ އެ ދެބޭފުޅުންވެސް ސަރުކާރު ޒިންމާދާރު ކުރުވުމަށް ދައްކަވަމުން ގެންދެވި ވާހަކަފުޅުތަކުގެ ސަބަބުންނެވެ. ސަރުކާރު ޒިންމާދާރު ކުރެއްވުމަށް، ރައީސް މައުމޫންވެސް ގެންދަވަނީ އެފަދަ ވާހަކަފުޅުތައް އެކި މީޑިއާތަކާއި، ސޯޝަލް މީޑިއާ މެދުވެރިކޮށް ދައްކަވަމުންނެވެ. އެހެންކަމުން ރައީސް މައުމޫންގެ މި ވާހަކަފުޅުތަކާއި ގުޅިގެން، އެމަނިކުފާނުގެ މައްޗަށްވެސް، ބާރުގެ ބޭނުންކޮށްގެން ސަރުކާރު ވައްޓާލުމަށް ހިތްވަރު ދިނުމާއި އެކަމަކަށް އެހީތެރިވެދިނުމުގެ ތުހުމަތާއި، ޤާނޫނު ތަންފީޒުކުރާ މުވައްޒަފެއް ރަސްމީ ހައިސިއްޔަތުން ކުރުން ހުއްދަ ކަމެއް ކުރުން ގަސްދުގައި ހުއްޓުވުން، ނުވަތަ އެކަމަށް ހުރަސްއެޅުން ނުވަތަ އެކަމެއް ކުރިއަނުދިނުމުގެ ތުހުމަތާއި، ތިމާއަށް އެނގިހުރެ ޤާނޫނުގެ ބާރުހިންގުމަށް ނުވަތަ ދައުލަތުގެ މަސައްކަތްކުރުމަށް، ހުރަސްއެޅުމާއި، އެކަމަށް ދަތިކުރުމ