އެއީ ވޯލްޑް ބޭންކުން ސިފަކޮށްފައިވާ ގޮތުގައި ރެކޯޑް ކުރެވިފައިވާ އިގުތިސާދީ ކާރިސާތަކުގެ ތެރެއިން އެންމެ ގެއްލުން ދެނިވި އެއް ކާރިސާގެ މަންޒިލެވެ. ލަވަކިއުންތެރިޔާ އަމީން ބެއިތަމޫނީ، ލަވަ ކިއުންތެރިޔާ ޖޯއީ ފަޔާދް އަދި ކުރެހުންތެރިޔާ ޕޯލް މެހްރީ، ލުބްނާންގައި މަޑު ކުރަން ނިންމީ އެއީ އެމީހުންގެ އުފަން ވަޒަން ކަމުގައި ވީތީއެވެ. ގައުމު ދޫކޮށް އެހެން މަންޒިލަކަށް ދިރިއުޅުމުގެ މިސްރާބު ބަދަލު ކުރަންވީ އެތައް ސަބަބެއް ލޯ ކުރިމަތީގައި ފާޅުވަމުން ދިޔަ ކަމުގައިވީ ނަމަވެސް، އެ 3 މީހުންވެސް ލުބްނާންގައި މަޑުކުރީ އުފަން ފަސްގަނޑަށް އޮތް ލޯތްބެއްގެ ބޮޑުކަމުންނެވެ.
ބެއިތަމޫނީގެ ނެށުމުގެ ދަތުރު ފެށުނީ މީގެ 10 ވަރަކަށް އަހަރު ކުރިން އޮތް ނެށުމުގެ އިވެންޓެއްގެ ތެރެއިންނެވެ. އެންމެ ކުޑައިރުއްސުރެ ކާފަ ކުޅެމުންދިޔަ މިއުޒިކަށް އޭނާ ފައިހަމަކުރި ކުރުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. އޭގެ ފަހުން، ބޯލްރޫމް ޑާންސްއަކީ، ބެއިތަމޫނީގެ ދިރިއުޅުން ކަމުގައި ވެއްޖެއެވެ.
ދުވާލު ގަޑީގައި އެއީ މެކޭނިކަލް އިންޖިނޭރެކެވެ. ރޭގަނޑު އެއީ ޓެންގޯ ޓީޗަރެކެވެ. އުމުރުން 33 އަހަރުގެ ޒުވާނާ ބުނާ ގޮތުގައި، ޓެންގޯ ނެށުމުގެ ސަބަބުން އޭނާގެ ދަރިވަރުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ލިބިގެންދާ ފައިދާ ވަރަށް ސާފެވެ.
މަށަށް ކިއަނީ އަމީން ބެއިތަމޫނީ. މަށަކީ މެކޭނިކަލް އިންޖިނޭރެއް، ޒުވާން އަންހެން ކުދިންނާއި ފިރިހެން ކުދިންގެ ވަޒީފާގެ ހައްގުތަކަށް ވަކާލާތު ކުރާ މީހެއް، އަދި ޓެންގޯ ޑާންސަރެއް. އަހަރެން ލުބްނާންގައި މަޑު ކުރީ، މިއަދު ދިމާވެފައިވާ މިވަ ގޮންޖެހުންތަކާ ކުރިމަތިލާން. އެއީ އަހަރަމެންނަށް އެންމެނަށްވެސް، އޭރުން، ލުބްނާންގައި ތިބެވޭނެތީއަމީން ބެއިތަމޫނީ؛ ލުބްނާންގެ ނެށުންތެރިއެއް
ބެއިތަމޫނީ މިހާރު ކުރަމުންދާ އުއްމީދަކީ ލުބްނާންގައި ސްކޫލެއް ހުޅުވުމެވެ. ނެށުމުގެ ތެރެއިން އިހުސާސްތައް ބޭރުކޮށްލާނެ ފުރުސަތު، މީހުންނަށް ލިބިދޭނެ ރައްކާތެރި ހިޔާވައްސެއްގެ ގޮތުގައެވެ.
ޓެންގޯ ނެށުމަކީ ހަމައެކަނި ހުސްވަގުތު ފަޅުފިލުވާލަން ކުރާ ކަމެކޭ ނުބުނެވޭނެ. ޓެންގޯ ނެށުމަކީ، ރޫހެއްގައި ދިރިއުޅުމުގެ އަސްލު. ދިރިއުޅުމުގެ ރޫހު މަށަށް ގެނެސްދެނީ ޓެންގޯ ނެށުމުން. ޝުއޫރާއި ޖަޒުބާތުތައް ބޭރުކޮށްލެވޭ. ގައުމުގެ ހާލަތު އަހަރެން އިނދަޖައްސާލާ ކޮންމެ ފަހަރަކު، ޓެންގޯ ނެށުމުގެ ސަބަބުން، އަހަރެންގެ އިހުސާސްތައް ބޭރުކުރަން އެހީވެދޭއަމީން ބެއިތަމޫނީ؛ ލުބްނާންގެ ނެށުންތެރިއެއް
ލަވަކިއުންތެރިޔާ ޖޯއީ ފަޔާދްގެ ވާހަކަވެސް ހުރީ ހަމަ އެ މޭރުމުންނެވެ.
އަހަރެންގެ ނަމަކީ ޖޯއީ ފަޔާދް. މަށަކީ ލަވަކިއުންތެރިއެއް، ލަވަ ލިޔާ މީހެއް، ކުރަހާ މީހެއް، އެނިމޭޓަރެއް އަދި އެކި ކަހަލަ އެއްޗިހި ހަދާ މީހެއް. އަހަރެން ލުބްނާންގައި ހުންނަން ބޭނުން ވަނީ، އަހަރެންގެ ފަރާތުން މީހުންނަށް ދޭންޖެހޭ އެއްޗެއް އޮތް ކަމަށް ޤަބޫލު ކުރެވޭތީޖޯއީ ފަޔާދް؛ ލުބްނާންގެ ލަވަކިއުންތެރިއެއް
ހިތުގައި ހިނގަމުންދާ ނުތަނަވަސްކަން ބޭރުކޮށްލުމަށް އޯޑިއަންސްއަށް އެހީވެދޭ ކަމަށް ފަޔާދް ބުނެއެވެ. ކާރިސީ ތޫފާނެއްގައި ޖެހިފައި ލުބްނާންގެ ރައްޔިތުން، މިދިޔަ 3 އަހަރެއްހާ ދުވަހު އުފުލަމުންދާ ތަކުލީފުތަކަށް ތަސައްލީއެއް ލިއްބައިދެނީ މިއުޒިކުން ކަމަށް ފަޔާދް ގަބޫލު ކުރެއެވެ.
މިއުޒިކުން އަހަރެންނަށް އަރާމުކަން ލިއްބައިދޭ. މީހުންގެ ރޫހު ދިރުވައިދޭ. ހާސްކަމާއި ނުތަނަވަސްކަން ހަނދާން ނައްތުވާލާ. އުފުލަމުންދާ ތަކުލީފުތައް ހަނދާން ނެތިކޮށްލާ. މިއީ ދިރިއުޅުމުގެ ވަރަށް މުހިންމު ބައެއް. މީހުން ބުނޭ، ފައިސާއޭ ހުރިހާވެސް އެއްޗަކީ. އެކެމަކު، އަހަރެންނަށް މުހިންމީ މިއުޒިކް. ނިމޭ އިރު، އަހަރަމެންނަށް ބޭނުންވަނީ މިފަދަ ރޫހެއް. އުފަލުގައި ހުންނަން އަހަރަމެންނަށް މި ބޭނުންވޭ. މިއީ ސަމާލުކަން ބަދަލުކޮށްލުވާ ކަމެއްޖޯއީ ފަޔާދް؛ ލުބްނާންގެ ލަވަކިއުންތެރިއެއް
ގައުމުގައި ކިތަންމެ ގިނަ މައްސަލަތަކެއް ހުރި ކަމުގައިވީ ނަމަވެސް، އެފަދަ ދެވަނަ "މަސްތެއް" ނެތް ކަމަށް ފަޔާދް ގަބޫލު ކުރެއެވެ. އުމުރުން 33 އަހަރުގެ އެ ފަންނުވެރިޔާގެ ހިތުގައި ލުބްނާނަށް ދެވިފައި ވަނީ ހާއްސަ މަގާމެކެވެ. ބިދޭސީ ގައުމެއްގައި ދިރިއުޅުން އަލުންބަލުން ފެށުމަށް ފަޔާދް އަދި ތައްޔާރެއް ނޫނެވެ.
އަހަރެން ޤަބޫލު ކުރާ ގޮތުގަ ލުބްނާނަކީ....އިހްސާސް ކުރެވެނީ ވަރަށް ވަރުގަދަ މަސްތެއްގެ ގޮތުގަ. ފުރަތަމަ ކަމަކީ ލުބްނާންގެ ރީތިކަން. ދެން އިންސާނިއްޔަތު ކަމުގެ ރޫހު. މީހުންގެ އެކުވެރިކަން. މި ގައުމަށް ލިބިފަ އޮތް މިކަހަލަ ރީތި ސިފަތަކުން، ގައުމަށް ދެވި ހިފާ. ހަމަ އެއާއެކީ ކާރިސާތައްވެސް އެބައޮތް. ސިޔާސީ މަސްރަހާ، އަހަރަމެން އުފުލަމުން މިދާ ނުތަނަވަސް ތަކުލީފުތައްވެސްޖޯއީ ފަޔާދް؛ ލުބްނާންގެ ލަވަކިއުންތެރިއެއް
ފަޔާދް ފަދައިން، ކުރެހުންތެރިޔާ މެހްރީވެސް އަދި ހުރީ މިދިޔަ 40 އަހަރު އޭނާ ހޭދަ ކުރި ގައުމު ދޫކޮށްލަން ތައްޔާރަކަށް ނޫނެވެ.
ވަރަށް ބޮޑަށް މިތަނަށް ދެވި ހިފާފަ އަހަރެން މި ހުރީ. ހަނދާންތަކާ ގުޅިފަ އޮތީ. އަލުންބަލުން މަށަކަށް ނުފެށޭނެ. މިތަން ދޫކޮށް ދާންވެއްޖިއްޔާ ކުރެވެނީ ދިރުމެއް ނެތް ކަމުގެ އިހްސާސް. އުމުރު ދުވަހު ދިމާވި މީހުން މަރާލެވޭ ކަމުގެ އިހްސާސް. ކިތަންމެ ފުރިހަމައަސް، ފުރިހަމަ ނޫނަސް، މިދިޔަ 40 އަހަރު އަހަރެން ކުރި ތަޖުރިބާތައް ނެތިކޮށްލެވޭ ކަމުގެ އިހްސާސް. މީ އަހަރެންގެ ވިސްނުމަކީ. ވެދާނެ ގޯސް ވިސްނުމަކަށްވެސް. އެކަމަކު، މިތަން ދޫކޮށްފަ ދާން އެންމެ ފިޔަވަޅެއްވެސް މަށަކަށް ނޭޅޭ. އަހަރެން މިތާ މި މަޑުކުރަނީ، ހުރިހާ ކަމެއްވެސް ދޯޅަވީމަ. އެކަމެއް މަށާ ގުޅިފަ އޮތް ހުރިހާ ކަމެއްވެސް އޮތީ މިތާޕޯލް މެހްރީ؛ ލުބްނާންގެ ކުރެހުންތެރިއެއް
ވެރިކަމުގެ ކޯލު ތެރޭގައިން އުފެދުނު މައްސަލަގަނޑު ގައުމު ތެރެއަށް ބަންޑުންވެސް، އާންމު ރައްޔިތުންގެ ދިރިއުޅުމުގެ އެންމެ ޒަރޫރީ ބޭނުންތަކަށް ހުރަސް އެޅޭ ދަރަޖައަށް ކަންކަން ގޯސްވެފައި ވަނިކޮށް އޯގަސްޓް 2020 ގައި ލުބްނާންގެ ބަނދަރުގައި ގޮވި ބާރުގަދަ ގޮވުމާއެކު ގައުމު އިތުރަށް ނުތަނަވަސްވިއެވެ. އޭގެ މައްޗަށް ބިންދާލީ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބިޔަ ރާޅެވެ.