ކ. މާލެ
|
17 ޖުލައި 2022 | އާދީއްތަ 10:47
ޖީވާނާ އާރާއްޖީ؛ ކޮޅުނބުގެ ޓުކްޓުކް ޑްރައިވަރެއް - ތެޔޮ ގަނެވޭނެ ގޮތެއް ނެތުމުން މިދިޔަ ދެމަހު ވެހިކަލް ދުއްވައިގެން އެއްވެސް ވިޔަފާރިއެއް ނުކުރެވޭ ކަމަށް އެމީހުން ބުނޭ
ސްރީލަންކާގެ އިގްތިސާދީ ކާރިސާ
މުސާރަވަނީ ހުއްޔެވެ. ވާނީވެސް އެހެންތާއެވެ. އަގު އުފުލެނީ ފަތުއަޑުކިޔާފައެވެ.
ގައުމަށް ބޭނުންވާ ޒަރޫރީ މުދާ ގަންނާނެ މިންވަރަށްވެސް ރިޒާވްގައި ބޭރު ފައިސާ އެއް ނެތް
ބާޒާރުތަކުން ލިބެން ހުރި އެއްޗެހީގެ އަގުތައް ހުރީ އާންމު މީހެއްގެ ޖީބަށް ކުޅަދާނަވާ ރޭޓެއްގައެއް ނޫން
މަދު ތެޔޮ ފޮދުން މިންވަރެއް ނަމަވެސް ލިބޭތޯ، އެތައް ބަޔަކު ސަފު ހަދަން ފެށިއިރު، ބައެއް މީހުން މަރުވެ ދިޔައީވެސް ކިއުގައި ތިއްބާ

ބަތްތެލި ފޫކަހާ އަޑުއިވޭއިރަށް ކާއެތިކޮޅު ހިފައިގެން އަވަށްޓެރިޔާ އަންނާނޭ އިހުގެ މީހުން ބުނާތީ އަޑުއިވެއެވެ. އެކަން ހަމަ ރަނގަޅަށްވެސް މާޒީ ވެއްޖެކަން ރެޔަކާލީ ލަންކާގެ މަސްރަހުން ލިބެމުންދާ ޚަބަރުތަކާމެދު ވިސްނާލެވުނު ހިސާބުންނެވެ. ކޮވިޑް-19ގެ ބަލިމަޑުކަމުގައި ރިހުން އެރި ފައިމައްޗަށް ފޮއިވެއްޓި، ގައުމު އިނދަޖެހުނު ގޮތަށް ހިންދަމާ ނުލެވި އޮތް ލަންކާގެ އާންމު ރައްޔިތުންގެ ތަކުލީފުތަކަށް މިއިން ދުވަހަކު ލުޔެއް ލިބޭނެ ކަމުގެ އަލި މަގެއް ފެންނާކަށް ނެތެވެ.

ލަންކާގެ އާންމު ރައްޔިތުންނަށް އާމްދަނީގެ ގޮތުގައި ލިބޭ މިންވަރު، ރޮނގު އަޅާ ޗާޓަކުން ދައްކައިފިނަމަ، އޮލަނބަށް ފައިބައިގެން ދާނީ ތިރިއަށެވެ. ނަމަވެސް ދިރިއުޅުމުގެ ހަރަދުތައް އަރައިގެން ދާނީ އޭގެ ދިމާ އިދިކޮޅަށް، ހުރި ދިމާ މައްޗަށެވެ.

ގައުމަށް ބޭނުންވާ ޒަރޫރީ މުދާ ގަންނާނެ މިންވަރަށްވެސް ރިޒާވްގައި ބޭރު ފައިސާ ނެތް އިރު، ބާޒާރުތަކުން ލިބެން ހުރި އެއްޗެހީގެ އަގުތައް ހުރީ އާންމު މީހެއްގެ ޖީބަށް ކުޅަދާނަ ވާ ރޭޓެއްގައެއް ނޫނެވެ. ވެރިރަށް ކޮޅުނބުމުގެ ސުޕަރމާޓުތަކަށް މުދަލުގެ ދަތިކަން ކުރިމަތިވެފައިވާއިރު، ކޮންކޯޑް ސްޕީޑްގައި އުފުލެމުންދަނީ ދެން ހުރި އެއްޗެއްގެ އަގެވެ. ޕެޓްރޯލާއި ޑީސަލްގެ ވާހަކަ ދައްކާކަށް ނެތީމެވެ.

ކޮޅުނބުގެ ސުޕަރމާޓެއްގެ ތެރެއަށް ވަދެގެން ދަމާ ހެއްޔެވެ. ގިނަ ހަރުތައް ހުރީ ހުހަށެވެ. ކުކުޅު ބިހާއި ޕާން ފަދަ، އާންމު ނާސްތާއެއްގެ އަސާސް ވަކިން ތަދެވެ.

ނުވާން ނަމަކަށް ކިޔާ ލަންކާ ރައްޔިތަކު، އޭނާގެ ޝަކުވާ، ބައިނަލްއަގުވާމީ މީޑިއާއާ ހިއްސާ ކުރިއެވެ. ކާބޯތަކެއްޗާއި ދަތުރުފަތުރުގެ ޚަރަދު ބޮޑުވާ ކަމުގެ ޝަކުވާއެވެ.

ކާބޯތަކެތީގެ އަގު ފިސާރި ބޮޑު. މި އަހަރު ކުރީކޮޅު، މި ބުނީ، 2022 ގެ ޖެނުއަރީ، ފެބުރުއަރީ މާޗް ހިސާބުން ފެށިގެން، އަގުތައް ބޮޑުވާން ފެށީ. އާންމު ކާބޯތަކެތީގެ އަގުތައް ވަރަށް ބޮޑަށް އުފުލުނު. މެއި މަހުން ފެށިގެން ކާބޯތަކެތީގެ އަގުތައް ބޮޑުވާން ފެށީ. ދެން ދަތުރުފަތުރުގެ ޚަރަދުތައް ބޮޑުވާން ފެށި
ނުވާން؛ ކޮޅުނބުގެ ރަށްވެއްސެއް

ކާބޯތަކެއްޗާއި ދަތުރުފަތުރުގެ އަގުތައް ފަތު އަޑުކިޔާފައި އުފުލިގެން ދިޔަ ކަމުގައިވީ ނަމަވެސް، އާންމު ރައްޔިތުންގެ އާމްދަނީއަކަށް ބަދަލެއް ނާދެއެވެ. ހުރިހާ ބުރައެއް ކޮނޑުއަޅަން ޖެހުނީ ހަމަ އާންމު ރައްޔިތު މީހާއެވެ.

ރިހޭ ފައި މައްޗަށް ފޮއެ ވެއްޓުނޭ ދަންނަވަން ޖެހުނީ، މުސާރަ ބަދަލު ނުވެ، ކާބޯތަކެތީގެ އަގުތައް އުފުލެމުން ދަނިކޮށް، ގައުމު ހަކަތައަށް ޖެހި، ތެލުގެ އަގުތައް އުފުލި، ދަތުރުފަތުރުގެ ޚަރަދުތައް ބޮޑުވާން ފެށީމައެވެ. ލިބެން ހުރި މަދު ތެޔޮ ފޮދުން މިންވަރެއް ނަމަވެސް ލިބޭތޯ، އެތައް ބަޔަކު ސަފު ހަދަން ފެށިއެވެ. ބައެއް މީހުން މަރުވެ ދިޔައީވެސް ކިއުގައި ހުއްޓާއެވެ.

ލަންކާގެ އާންމުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު، ދިރިއުޅުމުގެ ހަރަދުތައް ދެކޮޅު ޖައްސަން ކުރާ އެއް މަސައްކަތަކީ އެއްތަނުން އަނެއް ނަތަނަށް މީހުން އުފުލައި ދިނުމެވެ. ނަމަވެސް ތެލުގެ އަގުތައް އަތް ނުފޯރާ ހިސާބަށް ދިއުމުން، އެކަން ކުރެވޭނެ ގޮތްވެސް ގިނަ މީހުންނަށް ބަންދުވިއެވެ.

ހަމަ ސުމެއްގަ. މިދިޔަ ދެމަހު ވެހިކަލް ދުއްވައިގެން އެއްވެސް ވިޔަފާރިއެއް ނުކުރެވޭ. ތެޔޮ ގަނެވޭނެ ގޮތެއް ނެތީމަ. 2 މަސް ދުވަހަކީ 60 ދުވަސް. އަހަރަމެންނަށް ލިބެނީ 10 ނުވަތަ 12 ލީޓަރު. އެވަރުން ކިރިއާ އަމިއްލަ ދަތުރުތައް ކޮށްލެވެނީ. ދެން ކިހިނެއް ވިޔަފާރިއަށް ދުއްވާނީ؟ ހަމަ މުޅިން ސުމެއްގަ އޮތީ
ޖީވާނާ އާރާއްޖީ؛ ކޮޅުނބުގެ ޓުކްޓުކް ޑްރައިވަރެއް

ސިޔާސީ މަސްރަހަށް ބޮޑު ބަދަލެއް އަތުވެއްޖެއެވެ. ރައްޔިތުން އަދިވެސް އުއްމީދު ކުރަމުން ދަނީ ހެޔޮ ބަދަލެއް ފެންނާނެ ވަގުތަކަށެވެ. ގައުމާ މެދު ކުރަމުންދާ އުއްމީދު ނަގައެއް ނުލައެވެ. ގައުމަށް އާ ރައީސަކު އިންތިހާބު ކުރުމުގެ މަސައްކަތް، ގާނޫނު ހަދާ މަޖިލީހުން ފަށާ އިރު، ރައްޔިތުން އިންތިޒާރު ކުރަމުން ދަނީ، ތަކުލީފުތަކަށް ލުޔެއް ލިބޭނެ ވަގުތަކަށެވެ. ޒަރޫރީ ކާބޯތަކެއްޗާއި ސިއްހީ ބޭސްފަރުވާގެ ކަންކަން އިހު އޮތް ގޮތަށް ރުޖޫއަ ވާނެ ދުވަހަކަށެވެ.

- ކޮމެންޓް