ކ. މާލެ
|
15 ޖުލައި 2022 | ހުކުރު 13:08
ޖަވާއާއި ލުޖައިން އަލް-ވާޒިރަކީ، ސަނާ ޔުނިވާސިޓީގެ ދަނޑުވެރިކަމާ ބެހޭ ކޮލެޖުގެ ގުރެޖުއޭޓުން
އެއްމާބަނޑު ދެބެންގެ ވިޔަފާރި
ޑިގްރީ ސަނަދަށްފަހު އެއްމާބަނޑު ދެބެން ވިޔަފާރި ފެށީ އެއް ފުރާޅެއްގެ މަތިންނާއި ދަށުން!
އަމިއްލައަށް މަސައްކަތެއް ކުރަން އެ ދެބެން ނިންމީ ވަޒީފާއެއް ހޯދަން އުޅެންޖެހޭ ދަތި ހާލުގެ ސަބަބުން
ޖަވާރ ހާއްސަވީ ކާބޯތަކެއްޗާއި ނިއުޓްރިޝަންގެ ރޮނގުން، ކްރީމް ޗީޒްއާއި ޔޯގަޓާއި އަރަބި ބްރެޑް-ސްޕްރެޑްތައް ތައްޔާރު ކުރަނީ އޭނާގެ އަމިއްލަ ބަދިގޭގައި
ލުޖައިން ހާއްސަވީ ނާމްސޫފީގެ ދާއިރާއިން، ވިޔަފާރި ފެށީ މަދު އަދަދެއްގެ ކުކުޅާއި 5 ބަކަރިއާއެކު

ޅަ ބަކަރިތަކަށް ކިރުފުޅިން ބޯންދިނުމާއި، އެނޫންވެސް ނާމްސޫފިތަކަށް ކާން އެޅުމަކީ، އާއިލީ ގޭގެ ފުރާޅުމަތިން ކިރުގެ އުފެއްދުންތައް ވިއްކަން ފެށި ލުޖައިން އަލް-ވާޒިރުގެ ކޮންމެ ދުވަހެއްގެ ދިރިއުޅުމުގެ ތާވަލުގައި އޮންނަ ކަމެކެވެ.

މިކަން ކުރަން ލިބޭ އެންމެ ބޮޑު ހިތްވަރަކީ، ޖަނަވާރުތަކަށް އަހަރެންގެ ހިތުގައި ދެވި އޮންނަ ހާއްސަ ލޯބި. ހަމަ އެއާ އެއްކޮށް، އަހަރެންނަށް، ވަޒީފާގެ އާ ފުރުސަތެއް ފަހި ކުރެވުނު. އެތައް ބަޔަކު އެބަ ތިބީ، ކިޔަވާ، ދަސްވެނިވެގެން، ނިމޭ އިރު ވަޒީފާއެއް ނެތިފަ. ހަނގުރާމައައާއި ކުރިމަތިލުންތަކުގެ ސަބަބުން، ވަކިން ހާއްސަކޮށް ޔަމަނުގަ. އެކަމަކު، އަހަރެން ނިންމީ، އަހަރެން އަމިއްލައަށް މަސައްކަތެއް ކުރަން. އޭރުން ވަޒީފާއެއް ހޯދަން އުޅޭކަށް ނުޖެހޭނެއެއްނެ
ލުޖައިން އަލް-ވާޒިރު؛ ޒުވާން ވިޔަފާރިވެރިއެއް

ޖަވާއާއި ލުޖައިން އަލް-ވާޒިރަކީ، ސަނާ ޔުނިވާސިޓީގެ ދަނޑުވެރިކަމާ ބެހޭ ކޮލެޖުގެ ގުރެޖުއޭޓުންނެވެ. އެއްމާބަނޑު އެ ދެބެން ވަނީ، ދެބެންނަށް ލިބިފައިވާ ހުނަރު އެއްކޮށްގެން، ފައިދާ ކުރަނިވި ވިޔަފާރިއެއް ފަށާފައެވެ. 

ލުޖައިން ވިޔަފާރި ވެށި މަދު އަދަދެއްގެ ކުކުޅާއި 5 ބަކަރިއާއެކުގައެވެ. ނާމްސޫފި ގެންގުޅުމުގެ މަސައްކަތް ފެށީ ފުރާޅުމަތީގައެވެ. ޖަވާރ ތައުލީމު ހާސިލު ކުރުމުގައި ހާއްސަ ވީ ކާބޯތަކެއްޗާއި ނިއުޓްރިޝަންގެ ރޮނގުންކަމަށްވާއިރު، އެ ރޮނގުންވެސް ވިޔަފާރިއަށް އެހީތައް ހޯދިއެވެ. ހުރިހާ ކަމެއް، އެއް ފުރާޅެއްގެ މަތިންނާއި ދަށުންނެވެ.

ޖަވާއަކީ އަހަރެންގެ އެއްމާބަނޑު އުޚުތާ. ޔުނިވާސިޓީގަ އަހަރަމެން ކިޔެވީ ދަނޑުވެރިކަން. އެކަމަކު، ހާއްސަވީ ތަފާތު ދާއިރާތަކުން. އަހަރެން ހާއްސަވީ ނާމްސޫފީގެ ދާއިރާއިން. އޭނަ ކިޔެވީ ކާބޯތަކެއްޗާއި ނިއުޓްރިޝަންގެ ދާއިރާއިން. މިއީ އެއްބައި އަނެއް ބަޔާ ވަރަށް ބޮޑަށް ގުޅިފަ އޮންނަ ދެ ދާއިރާ. އަހަރަމެން ދެބެންގެ ފިކުރުވެސް. އަހަރެންނާއި ޖަވާވެސް އާންމު ގޮތެއްގައި ވަރަށް ޚިޔާލު އެއްގޮތް ވާނެ. ޝައުޤު ހުންނާނީވެސް އެއް ކަހަލަ ކަންކަމަށް
ލުޖައިން އަލް-ވާޒިރު؛ ޒުވާން ވިޔަފާރިވެރިއެއް

ޖަވާ ހާއްސަވީ ކިރުގެ އުފެއްދުންތައް ތައްޔާރުކުރުމަށެވެ. ކްރީމް ޗީޒްއާއި ޔޯގަޓާއި އަރަބި ބްރެޑް-ސްޕްރެޑްތައް ތައްޔާރު ކުރަނީ ޖަވާގެ އަމިއްލަ ބަދިގޭގައެވެ. 

ދެބެންގެ އުފެއްދުންތައް ވިއްކަނީ ސަރަހައްދީ ސުޕަމާޓުތަކުގައެވެ. އުފެއްދުންތައް އިޝްތިހާރު ކުރަނީ ސޯޝަލް މީޑިއާގައެވެ.

އެންމެ ފުރަތަމަ މިކަން ކުރަން ފެށީ ހުސް ވަގުތުގަ. މިއީ ވަރަށް ލޯބިކުރާ ކަމެއް. ދެން ހިތަށް އަރަން ފެށީ، އިގުތިސޯދީ ފައިދާއެއް ލިބޭ ކަމަކަށް މިކަން ބަދަލު ކުރަންވީ ނޫންހޭ. އޭރުން، އަމިއްލަ ނަފުސަށް ފުދިގެންވެސް އުޅެވޭނޭ. މިކަމުން ފައިދާ ހާސީލު ކުރެވުނު. ވަކިން ހާއްސަކޮށް ބަކަރި ކިރާއި، ކުކުޅު ބިސް ވިއްކައިގެން. އެއަށް ވަރަށް ބޮޑު ޑިމާންޑެއް އޮވޭ
ލުޖައިން އަލް-ވާޒިރު؛ ޒުވާން ވިޔަފާރިވެރިއެއް

ބަލާ ބެލުމަށް ކިތަންމެ ފަސޭހަ ކަމުގައި ހީވި ނަމަވެސް ޖަވާއާއި ލުޖައިންއަށްވެސް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހެއެވެ. ކާބޯތަކެތި ބަންދު ކުރާ ސާމާނަކީ ގައުމަށް އިމްޕޯޓް ކުރަން ޖެހޭ ތަކެއްޗެވެ. ތެލުގެ އަގު ބޮޑުވުމަކީވެސް ވިޔަފާރި ހިންގަން އިތުރު ޚަރަދުތަކެއް ހިނގާ ކަމެކެވެ. 

ކަން މިހެން އޮތް ނަމަވެސް ދެބެންގެ އުއްމީދު ފަނޑެއް ނުވެއެވެ. އުފެއްދުންތައް ފުޅާކޮށް، ޔަމަނުގެ އިތުރުން ސަރަހައްދީ ފެންވަރުގެ ސުޕަމާޓުތަކަށް ސަޕްލައި ކުރަންވެސް ބޭނުންވެއެވެ. 

މި ދަނޑިވަޅަކީ ޔޫކްރެއިންގައި ކުރަމުންދާ ހަނގުރާމައިގެ އިތުރުން އިންޑިއާއިން ތަންފީޒު ކުރަމުންދާ އެކްސްޕޯޓް މަނާކުރުމުގެ ސިޔާސަތުގެ ސަބަބުން، ޔަމަނުގައި ބަނޑުހައި ހޫނުކަމުގެ ކާރިސާ އިތުރަށް ގަދަވަމުންދާ ދަނޑިވަޅެކެވެ. ބާޒާރުގައި ކާބޯތަކެތީގެ އަގުތައް އުފުލެމުން ދަނީ އިންތިހާއަށެވެ. ބައެއް ހިސާބުތަކުގައި، 2 އަހަރެއްހާ ދުވަހުގެ ތެރޭގައި އަގުތައް ދެގުނަ އުފުލިފައިވެސް އެބަހުއްޓެވެ.

- ކޮމެންޓް