މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުންއަންނަ ކްރިސްޓިއާނޯ ރޮނާލްޑޯ ހޯދުމަށް ސައުދީ އަރަބިއްޔާގެ ކްލަބަކުން ބިޑެއް ހުށަހަޅައިފިކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ރިޕޯޓުތައް ބުނާ ގޮތުން ރޮނާލްޑޯ ހޯދުމަށް ނަން އާންމުކުރަން ބޭނުން ނުވާ ކްލަބަކުން ހުށަހަޅާފައިވަނީ 125 މިލިއަން ޔޫރޯ އަހަރެއްގެ މައްޗަށް ލިބޭނެ ބިޑެކެވެ. އަދި އެކްލަބުން މެންޗެސްޓަރ ޔުނައިޓެޑަށް 35 މިލިއަން ޔޫރޯ ދިނުމަށް ބިޑްކޮށްފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. މިއީ ދެވަނަ ފަހަރަށް ރޮނާލްޑޯ ޔުނައިޓެޑަށް ގެންދިއުމަށް އެޓީމުން ޔުވެންޓަސްއަށް ދެއްކިވަރަށްވުރެ ބޮޑު އަގެކެވެ.
ދެ އަހަރުގެ މި ޑީލާއެކު ރޮނާލްޑޯގެ ކޮންޓްރެކްޓް ހަމަވާއިރު އޭނާއަށް 250 މިލިއަން ޔޫރޯ ލިބޭނެއެވެ. ނަމަވެސް މިކަމާއި ގުޅިގެން މެންޗެސްޓަރ ޔުނައިޓެޑް އަދި ރޮނާލްޑޯވެސް މިހާތަނަށް ބަހެއް ބުނެފައެއް ނުވެއެވެ.
ނިމުނު ސީޒަނުގެ ޕްރިމިއަ ލީގުގެ ގަދަ ހަތަރަކުން ޖާގަ ނުލިބުމުން ޔުނައިޓެޑަށް ވަނީ އަންނަ ސީޒަނުގެ ޗެންޕިއަންސް ލީގު ޖާގަ ގެއްލި، ޔޫރޮޕާ ލީގު ކުޅެން ޖެހިފައެވެ. ޔުނައިޓެޑު ދޫކޮށްލަން ބޭނުންވާކަން ރޮނާލްޑޯ އެންގީ އެހިސާބުންނެވެ. އެ ޓީމުން ކުރިއަށް ގެންދިޔަ ޕްރީ ސީޒަންގެ ފަރިތަކުރުންތަކުގައި ރޮނާލްޑޯ ބައިވެރިވެފައެއް ނުވެއެވެ. އަދި ޕްރީ ސީޒަންގެ ފުރަތަމަ މެޗުގައި ލިވަޕޫލާ ދެކޮޅަށް ތައިލެންޑުގައި ކުޅުނު މެޗަށް ވެސް ރޮނާލްޑޯ ދަތުރުކޮށްފައެއް ނުވެއެވެ. ފަރިތަކުރުންތަކުގައި ރޮނާލްޑޯ ބައިވެރިނުވީ އޭނާގެ އަމިއްލަަ ސަބަބަކާ ހެދި ކަމަށް ބުނެއެވެ.