Advertisement
ކ. މާލެ
|
14 ޖޫން 2017 | ބުދަ 05:25
ޝިދާތާ ޝަރީފް: ސަރުކާރުން ގަތަރާ ގުޅުން ކަނޑާލި ގޮތް ސާފުކޮށްދޭން ޖެހޭކަމަށް ވިދާޅުވޭ
ޝިދާތާ ޝަރީފް: ސަރުކާރުން ގަތަރާ ގުޅުން ކަނޑާލި ގޮތް ސާފުކޮށްދޭން ޖެހޭކަމަށް ވިދާޅުވޭ
ރާއްޖެއެމްވީ
ޤަތަރުގެ މައްސަލަ
ރާއްޖެއިން ގަތަރާ ގުޅުން ކަނޑާލި ސަބަބު ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭ: ޝިދާތާ
ޓެރަރިޒަމަށް ވާގިވެރިވާ ބަޔަކާއި ވިޔަފާރީގެ ގުޅުން ބޭއްވުމަކީވެސް "ޓެރަރިޒަމަށް" ވާގިވެރިވުން

ދިވެހިރާއްޖެއިން ގަތަރާ ގުޅުން ކަނޑާލި ސަބަބު ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭ ކަމަށް އަދާލަތު ޕާޓީގެ ފޮރިން ރިލެޝަން ކޮމެޓީގެ ރައީސާ ޝިދާތާ ޝަރީފު ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަންގެ ހިޔަނި ކެބިނެޓްގެ ހެލްތު، ސޯޝަލް ޕްރޮޓެކްޝަން އެންޑް ޖެންޑަރއާ ބެހޭ ޝެޑޯވް މިނިސްޓަރުގެ ޕޯސްޓުގައި ވެސް ހުންނެވި ޝިދާތާ މިހެން ވިދާޅުވީ ގަތަރާ ގުޅުން ކަނޑާލި މެދު އިރުމަތީގެ ޤައުމުތަކުން ނެރުނު ޓެރަރިސްޓުންގެ ލިސްޓާ މެދު ރާއްޖެއިން އަދިގޮތެއް ނުނިންމާ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވެފައި ވަނިކޮށް އެކަމަށް އިޝާރާތް ކުރައްވައެވެ.

ޝިދާތާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ މިސްރާބު ގެއްލިފައިވާ ކަމަށާއި ގަތަރާ ގުޅުން ކަނޑައިލީ ޓެރަރިޒަމަށް ވާގިވެރިވާތީ ކަމަށް ރާއްޖެއިން ބުނި ނަމަވެސް ރާއްޖެއިން ބުނީ ގަތަރާއި ރާއްޖެއިން ވިޔަފާރީގެ ގުޅުން ބާއްވަމުން އަންނަ ކަމުގައެވެ. އަދި ޓެރަރިޒަމަށް ވާގިވެރިވާ ބަޔަކާއި ވިޔަފާރީގެ ގުޅުން ބޭއްވުމަކީ ވެސް "ޓެރަރިޒަމަށް" ވާގިވެރިވުން ނޫން ތޯ ޝިދާތާ ވަނީ ސުވާލު އުފައްދަވާފައެވެ.

މީގެ އިތުރުން ގަތަރާ ދެކޮޅު އަރަބި ގައުމުތަކުން ނެރެފައިވާ ޓެރަރިސްޓުންގެ ލިސްޓާ މެދު ގޮތެއް ނުނިންމާ ކަމަށް ސަރުކާރުން ބުނާއިރު މިކަމުގައި ފޮރުވިފައިވާ ސިއްރަކީ ކޮބައިތޯ ވެސް ޝިދާތާ ވަނީ ސުވާލު އުފައްދަވާފައެވެ.

ނެޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރުގެ ވެސް އިސްވެރިއަކަށް ހުންނެވި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ހޯމަ ދުވަހު ވިދާޅުވެފައިވަނީ ގަތަރާ ދެކޮޅު ގައުމުތަކުން ނެރެފައިވާ ޓެރަރިސްޓުންގެ ލިސްޓާ މެދު ރާއްޖެއިން އަދި ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށެވެ. ނަމަވެސް އެ ލިސްޓާ މެދު ވިސްނަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ސައުދީ އަރަބިއްޔާ އާއި ޔޫއޭއީ، ބަހުރެއިންގެ އިތުރުން މިސްރުން މިމަހުގެ ނުވަ ވަނަ ދުވަހު ނެރެފައިވާ އެ ލިސްޓުގައި 59 މީހަކާއި 12 ޖަމާއަތެއް ހިމެނެއެވެ. އެފަރާތްތަކާ ގަތަރާ ގުޅުން އޮންނަ ކަމަށް ހަތަރު ގައުމުން ތުހުމަތުކޮށްފައިވެއެވެ. އަދި ގަތަރުން އެ ފަރާތްތަކަށް އެހީތެރިވަމުންދާ ކަމަށް ތުހުމަތު ކުރެއެވެ.

ގަތަރުން ޓެރަރިޒަމަށް ހިތްވަރުދޭ ކަމަށް ބުނެ މެދުއިރުމަތީގެ ބައެއް ގައުމުތަކުން ގުޅުން ކަނޑާލާފައިވާ އިރު ރާއްޖެއިން ވެސް ވަނީ ގަތަރާ ގުޅުން ކަނޑާލާފައެވެ. ގަތަރާ ރާއްޖެއާ ދެމެދު ޑިޕްލޮމެޓިކް އެއްވެސް މައްސަލައެއް އުފެދިފައި ނުވާ އިރު ގުޅުން ކަނޑާލާފައި ވާތީ އިދިކޮޅު ފަރާތްތަކުން ވަނީ ސަރުކާރަށް ފާޑު ކިޔާފައެވެ.

ރާއްޖެއިން މިމަހުގެ ފަސް ވަނަ ދުވަހު ގަތަރާ ސިޔާސީ ގުޅުން ކަނޑާލި އިރު ރާއްޖެއިން ގަތަރާ ގުޅުން ގާއިމު ކުރިތާ މިހާރުވަނީ 33 އަހަރު ފުރިފައެވެ. ގަތަރާ ސިޔާސީ ގުޅުން ކަނޑާލި ނަމަވެސް އެހެން ގުޅުންތައް ކުރިއަށް ގެންދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އަދި ގަތަރު މީހުން ރާއްޖެ އައުމަށް އެއްވެސް ހުރަހެއް ވެސް ނެތް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް