ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުން ރައީސް ޔާމީން ތަސްދީޤް ކުރައްވާ ބިލަކީ މަޖިލީހުން ފާސްކުރާ ބިލް ކަމާމެދު މިހާރު ޝައްކު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.
މުސްތަފާ މިހެން ވިދާޅުވީ ސަރުކާރުގެ ފަރާތުން ހުށަހެޅި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާ ގުޅިގެން ސަރުކާރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މެދުގައި ބޮޑު ހަމަނުޖެހުންގަނޑެއް ހިނގައި އެންމެ ފަހުން އެ އެބިލް އަނބުރާ ގެންގޮސްފައި ވަނިކޮށެވެ.
އެކަމާ ގުޅިގެން ރާއްޖެ ޓީވީގެ ސުންގަޑީގައި އަންގާރަދުވަހުގެ ރޭ ވާހަކަ ދައްކަވަމުން މުސްތަފާ ވިދާޅުވީ އެބިލް މަޖިލީހަށް ހުށަހެޅުއްވި ބިލެތްދޫ ދާއިރާގެ މެންބަރު ވިދާޅުވާ ގޮތުގައި އެމެންބަރު ސޮއިކުރެއްވީ 17 ގަނޑުގައި ކަމަށާއި ނަމަވެސް މަޖިލީހަށް ބިލް އައިިއިރު އޭގައި އިތުރު 20 ގަނޑު ހިމެނޭ ކަމަށެވެ. އަދި ޕީޕީއެމް މެންބަރުންގެ މެދުގައި ޚިޔާލު ތަފާތުވެ ހަމަނުޖެހުންގަނޑެއް ހިނގީ އެހެންވެގެންކަމަށް މުސްތަފާ ވިދާޅުވިއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަންގާރަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މެދުކަނޑާލި ވަގުތު ސަރުކާރަށް ނިސްބަތްވާ ބައެއް މެމްބަރުން ޒުވާބުކޮށް އަޑުގަދަކުރަން ފެށުމުން އެބިލް ޑްރާފްޓް ކުރެއްވި އަދި އެބިލް މެމްބަރު މުބީނު މެދުވެރިކޮށް މަޖިލީހަށް ހުށަހެޅުއްވި އެޓާރނީ ޖެނެރަލް މުހައްމަދު އަނިލް އާއި ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވަޑައިގެން މެމްބަރުން ހަމައަކަށް އެޅުއްވުމަށް މަސައްކަތް ކުރެއްވިއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ނާއިބު ލީޑަރު ރިޔާޒު ރަޝީދު ވިދާޅުވީ އެބިލް މަޖިލީހުން މިހާރު ނަގާފައިވާ ކަމަށެވެ. އަދި އެބިލް އަނބުރާ ނެގީ އެބިލްގައި ކުދިކުދި މައްސަލަތައް އުޅޭތީ އިސްލާހު ކުރުމަށް ކަމަށް ރިޔާޒު ވިދާޅުވި އެވެ.
ނަމަވެސް މުސްތަފާ ވިދާޅުވީ ބިލު ގެންދެވީ އިސްލާހު ކުރުމަށް ނޫން ކަމަށާއި ބިލް ހުށަހެޅުއްވިއިރު ނެތް ގަނޑު ތަކެއް ހުރުމުން އެކަން ފަޅާއެރުމުން ކަމަށެވެ.
މުސްތަފާ ވިދާޅުވީ އެބިލް މަޖިލީހަށް ގެނައިރު އޮތްގޮތުން މުޅި އެޤާނޫނަށް ވަނީ އިސްލާހު ހުށަހަޅާފައި ކަމަށާއި އޭގެ ތެރޭގައި މެންބަރުން ގަންޕޮއިންޓުގައި ބެހެއްޓޭފަދަ އިސްލާހު ތަކެއް އޭގައި ހުރިކަމަށެވެ. އަދި މެންބަރުންނަށް އެކަން އެނގުނީވެސް އެހެންވެގެން ކަމަށާއި ބިލް އަނބުރާ ގެންދޭވީވެސް އެކަން އެނގުމުންކަމަށް މުސްތަފާ ވިދާޅުވިއެވެ.
މުސްތަފާ ވިދާޅުވީ މިކަމާ ގުޅިގެން މަޖިލީހުގެ ރައީސް އެމަޤާމުން އިސްތިއުފާ ދެއްވަން ޖެހޭނެ ކަމަށް ޕީޕީއެމްގެ މެންބަރުން ވިދާޅުވިކަމަށާ މެންބަރުން ވަރަށް ބޮޑަށް މަޖިލީހުގެ ރައީސް މަސީހަށް ފާޑު ވިދާޅުވި ކަމަށެވެ.
މުސްތަފާ ވިދާޅުވީ މަޖިލީހުގައި މިފަދަ ކިތައްމެ ޖަރީމާއެއްވެސް ހިންގަވާ ކަމަށާއި މިއީ އޮޅުމެއް ނޫންމަސާއި މިއީ ބޮޑު ވައްކަމެއް ކަމަށެވެ. އަދި މަޖިލީހުން ފާސްކުރާ ބިލަތައް ޗެކްކުރާނެ މީހަކު މިހާރު ނެތްކަމަށާއި ނަތީޖާއެއްގެ ގޮތުން މަޖިލީހުން ފާސްކޮށް ރައީސް ޔާމީނަށް ފޮނުވާ އެމަނިކުފާނު ތަސްދީޤް ކުރައްވަނީ މަޖީލީހުން ފާސްކުރާ ބިލްކަމާމެދު ސުވާލު އުފެދިފައިވާކަމަށްވެސް މުސްތަފާ ވިދާޅުވިއެވެ.
މުސްތަފާ ވިދާޅުވީ މިކަމުގެ ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާނީ މަޖިލީހުގެ ރައީސް ކަމަށެވެ.