Advertisement
ކ. މާލެ
|
13 ޖޫން 2017 | އަންގާރަ 23:22
ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން ޢަބްދުލްޤައްޔޫމް
ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން ޢަބްދުލްޤައްޔޫމް
ފޭސްބުކް
ރައީސް މައުމޫން
ބުދަ ދުވަހުގެރޭ ރައީސް މައުމޫން މާލެ ވަޑައިގަންނަވަނީ
ރައީސް މައުމޫން ބޭރަށް ވަޑައިގަތީ މާޗް 8 ވަނަ ދުވަހު
ބޭރުގައި ހުންނަވައިގެން އިތުރު 3 ލީޑަރުންނާއި އެކު ކޯލިޝަން ހެއްދެވި
ރާއްޖެ ވަޑައިގަތުމުން ހައްޔަރުކޮށްފާނެތީ ބިރުފުޅު ނުގަންނަވާކަމަށް ވަނީ ވިދާޅުވެފަ

އާއިލީ ޒިންމާއަކާއި ގުޅިގެން ރާއްޖެއިން ބޭރުގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވުމަށްފަހު ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން ޢަބްދުލްޤައްޔޫމް ބުދަ ދުވަހު މާލެ ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

ރައީސް މައުމޫން ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ބުދަދުވަހުގެރޭ، ސިންގަޕޫރު އެއާލައިންސްއިންނެވެ. އެ ފްލައިޓް ޖެއްސުމަށް ހަމަޖެހިފައިވަނީ ބުދަދުވަހުގެރޭ 22:10 ގައެވެ. އެމަނިކުފާނު މާލެއަށް ވަޑައިގަންނަވާނީ 22:30 ހާއިރު 1 ނަންބަރު ފާލަމަށެވެ.

ބުދަދުވަހު ރައީސް މައުމޫން މާލެ ވަޑައިގަންނަވަން ހަމަޖެހިފައިވާއިރު އެމަނިކުފާނު ބޭރަށް ވަޑައިގަތީ މި އަހަރުގެ މާޗް މަހުގެ 8 ވަނަ ދުވަހުއެވެ. އަނބިކަނބަލުން، މެޑަމް ނަސްރީނާ އިބްރާހިމްގެ ކޮއްކޯފުޅު ފަރީޝާ އިބްރާހިމްގެ ސިއްޙީ ހާލުކޮޅު ދެރަވުމާއި ގުޅިގެން، އާއިލާ އާއި އެކު ފަރީޝާގެ ބޭސްފަރުވާއަށް އިންޑިއާގެ ބެންގަލޫރޫއަށް ވަޑައިގަތުމަށްފަހު، ފަރީޝާއަށް އިތުރު ފަރުވާ ދެއްވުމަށް، އެމަނިކުފާނާއި އާއިލާ ވަނީ ސިންގަޕޫރަށް ދަތުރުކުރައްވާފައެވެ. ނިމިގެންދިޔަ މޭމަހުގެ 31 ވަނަ ދުވަހު ފަރީޝާ އަވަހާރަވެފައިވަނީ ސިންގަޕޫރުގައި ފަރުވާދެމުން ގެންދަނިކޮށެވެ.

ތިން މަހަށްވުރެ ގިނަ ދުވަހު ރާއްޖެއިން ބޭރުގައި ހުންނެވުމަށްފަހު، ރައީސް މައުމޫން މާލެ ވަޑައިގަންނަވާއިރު، ރާއްޖޭގެ ސިޔާސީ މަސްރަހު ވަނީ ވަރަށް ބޮޑަށް ބަދަލުވެގެން ގޮސްފައެވެ. އެގޮތުން ރައީސް މައުމޫން ރާއްޖެއިން ބޭރުގައި ހުންނަވައިގެން، ސަރުކާރު ޒިންމާދާރުކޮށް، ރައްޔިތުންނަށް ލިބެންޖެހޭ ޙައްޤުތައް ކަށަވަރު ކުރުމަށް އެކުގައި މަސައްކަތް ކުރެއްވުމަށް އެމަނިކުފާނާއި، އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް، ޝައިޚް އިމްރާން ހިމެނިވަޑައިގަންނަވާ ގޮތަށް ކޯލިޝަނެއް އުފައްދަވައި އެ މަސައްކަތް ވަނީ ފައްޓަވާފައެވެ.

ސަރުކާރަށް ކުރައްވަމުން ގެންދެވި ތާޢިދު އަނބުރާގެންދަވައި، ރައީސް މައުމޫނު އިދިކޮޅު ހަރަކާތާއި ގުޅިވަޑައިގަތް ހިސާބުން، ސަރުޚާރުން ދަނީ އެމަނިކުފާނަށް އެކިކަހަލަ ދަތިތައް ކުރިމަތި ކުރަމުންނެވެ. އަދި އެމަނިކުފާނު މާލެ ވަޑައިގަތުމުން، އެމަނިކުފާނު ހައްޔަރުކުރުމަށް ނުވަތަ ތަފާތު އެކި މައްސަލަތަކުގައި ފުލުފުލުގައި ފުލުސް އޮފީހަށް ހާޒިރުކުރުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް ދަނީ އަޑުފެތުރެމުންނެވެ. މި އަޑުތަކާއި ގުޅިގެން ރައީސް މައުމޫން މީޑިއާގައި ވިދާޅުވެފައިވަނީ، "ﷲ ފިޔަވައި އަޅުގަނޑު ބިރުގަންނަ ފަރާތެއް ނުހުންނާނެ ކަމަށާއި ހައްޔަރުކޮށްފާނެތީ ބިރެއް ނުގަނޭ" ކަމަށެވެ.

ރައީސް މައުމޫން މާލެ ވަޑައިގަންނަވާއިރު، އެމަނިކުފާނު އެ ޕާޓީއެއްގެ ރައީސްކަމުގައި ހުންނެވި، ޕީޕީއެމްގެ މުސްތަޝާރު ފެކްޝަނުން ވަނީ އެމަނިކުފާނު ޕާޓީން ވަކިކުރުމަށް ނިންމާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
13 ޖޫން 2017 | އަންގާރަ 23:51
ޖާނޭ
ކުއްލި ގޮތަކަށް އެއްނަންބަރު ފާލަން މަރާމާތު ކުރަން ޖެހިދާނެ ހެން ހާދަ ހީވޭއެބަ؟ .