މެންޗެސްޓަރ ޔުނައިޓެޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ޗެލްސީއަށް ދިއުން ގާތްކަމަށް ރިޕޯޓުތައް ބުނެއެވެ.
ޔުނައިޓެޑްގައި މަޑުކުރަން ބޭނުންނުވާކަން ރޮނާލްޑޯ އެޓީމަށް އެންގުމާއެކު ގިނަ ކްލަބުތަކަކުން އަންނަނީ އޭނާ ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ރޮނާލްޑޯ ދިއުން އެކަށީގެންވާ ކްލަބުތަކުގެ ތެރޭގަައި އޭނަ ކުރިން ކުޅުނު ރެއާލް މެޑްރިޑް، ބަޔާން މިއުނިކް އަދި އެތުލެޓިކޯ މެޑްރިޑުގެ އިތުރުން ސްޕޯޓިންގއާއި ޗެލްސީ ހިމެނެއެވެ. މި ޓީމުތަކުގެ ތެރެއިން އޭނާ ދިއުމުގެ ފުރުސަތު އެންމެ ބޮޑީ ޗެލްސީއަށްކަމަށް ރިޕޯޓުތައް ބުނެއެވެ.
މިއަންނަ ސީޒަން ފެށެންވާއިރަށް ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ ކުޅުންތެރިއެއް ޓީމަށް ގެންދިއުމަކީ ޗެލްސީގެ އައު އޯނަރު ޓޮޑް ބޯލީގެ ވަރަށް ބޮޑު އަމާޒެކެވެ. އެގޮތުން ރޮނާލްޑޯ ހޯދުމަށް އޭނާ ވަނީ ރޮނާލްޑޯގެ އެޖެންޓާ މަޝްވަރާކޮށްފައެވެ. އަދި ބޮޑު އަގެއް ޔުނައިޓެޑަށް ދިނުމުގެ އިތުރުން، ޗެލްސީގެ ބައެއް ކުޅުންތެރިންވެސް ޔުނައިޓެޑަށް ދޭން ޗެލްސީން ތައްޔާރަށް އޮތްކަމަށް ރިޕޯޓުތައް ބުނެއެވެ.
ރޮނާލްޑޯ ޔުނައިޓެޑް ދޫކޮށްލަން ނިންމީ މިއަންނަ ސީޒަންގެ ޗެމްޕިއަންސް ލީގަށް އެޓީމު ކޮލިފައިނުވުމުންނެވެ. ޔުނައިޓެޑަށް ޗެމްޕިއަންސް ލީގުގެ ޖާގަ ގެއްލުނީ ނިމުނު ސީޒަންގައި ޕްރިމިއަރ ލީގުގެ ގަދަ ހަތަރެއްގައި ލީގު ނިންމާނުލެވުމުންނެވެ. ޕްރިމިއަރ ލީގުގެ ހަވަނާގައި ލީގު ނިންމާލުމުން ޔުނައިޓެޑަށް ޗެމްޕިއަންސް ލީގުގެ ޖާގަ ގެއްލި، އެޓީމު މިއަންނަ ސީޒަންގައި ވާދަކުރަން ޖެހޭނީ ޔޫރަޕާ ލީގުގައެވެ.
ސްޕޯޓިންގ ދޫކޮށް 2003 ވަނަ އަހަރު ޔުނައިޓެޑާއި ގުޅުނު ފަހުން ރޮނާލްޑޯ އަންނަނީ ހުރިހާ ސީޒަނެއްގެ ޗެމްޕިއަންސް ލީގުގައި ވާދަކުރަމުންނެވެ. ޔުނައިޓެޑްގައި މަޑުކޮށްފިނަމަ މިއަންނަ ސީޒަންވާނީ ފާއިތުވި 19 ސީޒަންގައި ރޮނާލްޑޯ ޗެމްޕިއަންސް ލީގުން ނުފެންނާނެ ފުރަތަމަ ސީޒަނަށެވެ. ނަމަވެސް ރޮނާލްޑޯ ބޭނުންވަނީ އޭނާގެ ކެރިއަރުގެ ފަހު އަހަރުތަކުގައި ކްލަބް ފުޓްބޯޅައިގެ އެންމެ މަތީ ފަންތީގައި ވާދަކުރާށެވެ.
ކްލަބު ދޫކޮށްލަން ބޭނުންވާކަން ރޮނާލްޑޯ އަންގާފައިވީނަމަވެސް ޔުނައިޓެޑުން ބޭނުންވަނީ ރޮނާލްޑޯ ޓީމުގައި މަޑުކުރުވާށެވެ. އަދި އޭނާ ވިއްކާލުމުގެ ވިސްނުމެއްވެސް ޔުނައިޓެޑްގެ ނެތްކަމަށް ރިޕޯޓުތައް ބުނެއެވެ. ވަކިން ޚާއްސަކޮށް ޕްރިމިއަރ ލީގުގައި ޔުނައިޓެޑާ ވާދަކުރާނެ ޗެލްސީއަށް ރޮނާލްޑޯ ވިއްކާލުމަކީ އެޓީމުން ބޭނުންވާނެ ގޮތެއް ނޫނެވެ.